ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިކަމުގެ ސިނާޢަތަކީ ދިވެހިންގެ ލޭނާރުކަމުގައި އަލުން ހެދުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް: ރައީސް

ރައީސް ޑރ މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަމުގެ ސިނާޢަތަކީ ޙަޤީޤީ މާނައިގައި ދިވެހިންގެ ލޭނާރުކަމުގައި އަލުން ހެދުމަކީ މި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގައި ބޭއްވެވި، ދިވެހިރާއްޖޭގެ 45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މަސްވެރިކަމަކީ ދިވެހީންގެ ޝަޚުސިއްޔަތާއި ޤައުމިއްޔަތާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ސިނާޢަތެއްކަން ފާހަގަކުރައްވައި، މި ސިނާޢަތް އާލާކޮށް، ކޮޅަށްޖަހައި، އިތުރަށް ތަރައްޤީކުރުމަށްޓަކައި ސަރުކާރުން ވަނީ ޚާއްޞަ ސިޔާސަތުތަކެއް ކަނޑައަޅުއްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން އަޅުއްވަމުންގެންދަވާ މުހިންމު ފިޔަވަޅުތަކާއި، އެ ފިޔަވަޅުތަކުގެ ސަބަބުން މަސްވެރިންނަށާއި ޤައުމަށް ލިބޭނެ ފައިދާތައް ފާހަގަ ކުރެއްވިއެވެ.

މަސްވެރިކަމުގެ ސިނާޢަތަށް އިންޤިލާބީ ބަދަލުތަކެއް ގެނައުމުގެ ގޮތުން، ރައީސް ވަނީ މުހިންމު ދެ ބަދަލެއްގެ ވާހަކަ ހިއްސާކުރައްވާފައެވެ. ފުރަތަމަކަމަކީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރިޒް ކޯޕަރޭޝަން (މިފްކޯ) އިން މަސް ގަންނަ އުސޫލަށް ގެނެވުނު ބަދަލެވެ. މީގެ ކުރިން ދޮޅު ކިލޯ މަހުގެ ބަދަލުގައި، އާ އުސޫލުގެ ދަށުން އެއް ކިލޯ އާއި އެއަށްވުރެ ބަރުކޮށް ކިރާ މަހަށް އެންމެ މަތީ އަގު ދޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ބަދަލަކީ މަސްވެރިންގެ އާމްދަނީ އިތުރުކޮށް، މަސްވެރިކަމަށް ހިތްވަރުދޭނެ ކަމެކެވެ.

ދެވަނަ މުހިންމު ބަދަލަކީ، މަސްވެރިންނަށް ލުއި ދިނުމުގެ ގޮތުން ތެލުގެ އަގު ހެޔޮކުރުމެވެ. މާދަމާއިން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށްކަމަށް ރައީސް ވިދާޅުވިއެވެ. ތެލަކީ މަސްވެރިކަމުގެ ޚަރަދުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ އެއްޗިއްސަށް ވާއިރު، މި ބަދަލުގެ ސަބަބުން މަސްވެރިންގެ ޖީބަށް ލުޔެއް ލިބި، މަސްވެރިކަމުގެ ވިޔަފާރި އިތުރަށް ފުޅާވެގެންދާނެއެވެ.

ސަރުކާރުގެ ސިޔާސަތުގެ ދަށުން، މަސްވެރިކަމުގެ އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. މިގޮތުން، ކޯލްޑް ސްޓޯރޭޖްގެ ޤާބިލިއްޔަތު އިތުރުކުރުމަށްޓަކައި އިތުރު 200 ފަރާތަކަށް އާރް.އެސް.ޑަބްލިއު ލޯން ދޫކުރުމަށް ވަނީ ހުޅުވާލާފައެވެ. މިއީ މަސްވެރިންނަށް މަސް ރައްކާކުރުމުގެ ފުރުސަތު އިތުރުކޮށް، މަހުގެ ކޮލިޓީ ދެމެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރާ ޕްރޮސެސިންގ ކާރުޚާނާތަކުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މަސް ޕްރޮސެސްކުރުމުގެ ޤާބިލިއްޔަތު ރާއްޖޭގައި އިތުރުވުމަކީ، މަސްވެރިކަމުގެ ސިނާޢަތުން ލިބޭ އާމްދަނީ އިތުރުވެ، އިޤްތިޞާދަށް ކުރާ އަސަރު ފުޅާވެގެންދާނެ ކަމެކެވެ. އަދި ފިއުލް ސްކިޑްތަކުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްގެންދަވައި، ކަނޑައެޅިފައިވާ ހުރިހާ ސަރަހައްދެއްގައި، އަންނަ މާރިޗު މަހުގެ ނިޔަލަށް ފިއުލް ސްކިޑްތައް ޤާއިމުކޮށް ނިންމޭނެކަމަށް ވެސް ވިދާޅުވިއެވެ.

މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަސް ގަންނަ އަގުކަން ފާހަގަކުރައްވައި، އެކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވަނީ، ފަރުވާތެރިކަމާއެކު ދުރުރާސްތާއަށް ވިސްނަވާވަޑައިގެން، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވޭނޭ ގޮތަށްކަން ރައީސް ފާހަގަކުރެއްވިއެވެ. މިއީ ކުރު މުއްދަތުގެ ހައްލެއްގެ ބަދަލުގައި، ދިގު މުއްދަތަށް މަސްވެރިކަމުގެ ސިނާޢަތް ދެމެހެއްޓޭނެ އަދި މަސްވެރިންނަށް ޔަޤީންކަން ލިބޭނެ ގޮތެއް ހޯއްދެވުމުގެ ސިޔާސަތެވެ.

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނެ އިންތިޒާމުވެސް ދެމެހެއްޓެނިވި ގޮތެއްގައި ހަމަޖެއްސެވުމަށްޓަކައި އިތުރު މަސައްކަތްތައް ކުރައްވަމުންގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޚާއްޞަކޮށް، ހުޅުމާލޭގައި ޤާއިމުކުރާ ފެސިލިޓީގެ މަސައްކަތްތައް ކުރިއަށްދާ ގޮތަށް ބަލާއިރު، ދާދި އަވަހަށް މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށޭނެކަމަށް އެމަނިކުފާނު އަންދާޒާކުރެއްވިއެވެ. މިއީ ބޮޑުކަންނެލި މަސްވެރިކަން ކުރާ މަސްވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެކެވެ.

ރައީސް މުޢިއްޒު އެންމެ ބޮޑަށް ދެކެވަޑައިގަންނަވަން ބޭނުންފުޅުވަނީ، މަސްވެރިކަމުގެ ސިނާޢަތަކީ ހަމައެކަނި ދިވެހީން މަސައްކަތްކުރާ ސިނާޢަތަކަށް ވާނޭ ދުވަސްކަމަށެވެ. މި ވިސްނުމުގެ ދަށުން، ދިވެހި ޒުވާނުން މި ދާއިރާއަށް ނެރޭ ފަރާތްތަކާއި، އޮޑިފަހަރުގައި ހަމައެކަނި ދިވެހި ފަޅުވެރިން ގެންގުޅޭ ފަރާތްތަކަށް ހިތްވަރުދެއްވުމުގެ ގޮތުން، ޤައުމީ ފެންވަރެއްގައި އެ ފަރާތްތަކުގެ އަގުވަޒަންކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ސިޔާސަތުގެ ސަބަބުން، ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުވެ، މަސްވެރިކަމުގެ ސިނާޢަތުގެ މިލްކުވެރިކަން ދިވެހިންގެ އަތްމައްޗަށް އިތުރަށް އަންނާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތުގައި، މަސްވެރިކަމުގެ ސިނާޢަތް ނަގާ ކޮޅަށްޖެހުމަށް ވޭތުވެ ދިޔަ ދެ އަހަރު ކުރެވިފައިވާ މަސައްކަތްތަކަކީ މިއަދު ތަފާސްހިސާބުތަކުން ފެންނާންހުރި ޙަޤީޤަތެކެވެ. މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަކީ ފަރުދީ އަދި ޖަމާޢީ ތަރައްޤީއަށް ވެސް މުހިންމު ކަމެކެވެ. މަހުގެ އަގު ހެޔޮކުރުމާއި، ތެލުގެ އަގު ކުޑަކުރުމާއި، އިންފްރާސްޓްރަކްޗަރ ފުޅާކުރުމުގެ ސިޔާސަތުތަކުގެ ސަބަބުން، ދިވެހި މަސްވެރިކަން އަލުން ޤައުމުގެ ލޭނާރުކަމަށް ވެގެންދާނެކަމުގެ އުއްމީދު ބޮޑެވެ. ސަރުކާރުގެ މި ޢަޒުމަކީ، ދިވެހި މަސްވެރިންނަށް އުފާވެރިކަމާއި، ޤައުމީ އިޤްތިޞާދަށް ކުރިއެރުން ގެނެސްދޭނެ މުހިންމު މަސައްކަތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: