ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި ޚިޔާލު ހޯއްދެވުމުގެ ސިލްސިލާގެ ތެރެއިން، ގަލޮޅު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިއްޖެއެވެ. މި ބައްދަލުކުރެއްވުން އޮންނާނީ 2025 ޑިސެންބަރު 16 ވާ އަންގާރަ ދުވަހުގެރޭ 20:30 ގައި ޢިމާދުއްދީން ސްކޫލްގައެވެ.
މިއީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސް މުއިއްޒު ފަށްޓަވާފައިވާ ސިލްސިލާ ބައްދަލުވުންތަކެކެވެ. މި ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި، ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމެވެ. ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަނީ މި ބައްދަލުވުމަށް ގަލޮޅުގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.
މާލޭގެ ވަކިވަކި އަވަށްތަކަށް އަމާޒުކޮށް މިފަދަ ބައްދަލުވުންތަކެއް ބާއްވަވަން ނިންމެވިކަން ރައީސް ޑރ. މުއިއްޒު އިއުލާން ކުރެއްވީ ސަރުކާރަށް ދެ އަހަރުވީ ދުވަސް ކަމަށްވާ މި މަހުގެ 17 ގައެވެ. މި ސިލްސިލާގެ ދަށުން ރައީސް ވަނީ މިހާތަނަށް ވިލިމާލެ، މާފަންނު އަދި މައްޗަންގޯޅީގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުންތަކުގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވައި، އެފަރާތްތަކުގެ ޝަކުވާތައް ރައީސް ގެންދަވަނީ ސީދާ އަޑުއައްސަވަމުންނެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހުގައި، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވެއެވެ. އެގޮތުން އެމަނިކުފާނު ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން، އެ ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައިފައެވެ. ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށް އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތުގެ މުހިންމު ބައެކެވެ.

