ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ ގއ. ދެއްވަދޫ ފެންފިޔާޒުގެ މުޙައްމަދު އަނީސް، މި އަހަރުގެ ”އެންމެ ހިދުމަތްތެރި ތަޖުރިބާކާރު ކެޔޮޅު އެވޯޑު“ ހާސިލުކޮށްފިއެވެ.
މި އިނާމު އަރުވާފައި ވަނީ ރޭ ކުރިޔަށް ގެންދިޔަ ދިވެހިރާއްޖޭގެ 45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
މި ޖަލްސާގައި 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު މަސްވެރިކަމުގެ ސިނާޢަތުގައި ފާހަގަކޮށްލެވޭ ނަތީޖާތައް ހޯދާފައިވާ ފަރާތްތަކާއި އަގުހުރި ޚިދުމަތްތައް ކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ޖުމްލަ 32 ފަރާތަކަށް ވަނީ އިނާމު ދީފައެވެ.
މިގޮތުން، އެންމެ ހިދުމަތްތެރި ތަޖުރިބާކާރު ކެޔޮޅުގެ ގޮތުގައި ހޮވުނީ އަނީސްއެވެ.
އަނީސްއަކީ މަސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ.
އުމުރުން އެންމެ 11 އަހަރުގައި މަސްވެރިކަން ކުރައްވަން ފެއްޓެވި އަނީސް، ރިޔަލު ދޯނިފަހަރުގައި މަސްވެރިކަން ކުރި ޒަމާނުއްސުރެ މިއަދާއި ހަމައަށްވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ މި ދާއިރާގަ އެވެ.
މި މުއްދަތުގެ ތެރޭގައި މަސްވެރިކަމުގެ އެހާރާއި މިހާރުގެ ތަފާތު، އަނީސް ވަނީ ގާތުން ތަޖުރިބާ ކުރައްވާފަ އެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް އަނީސް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތުގެ އަގުވަޒަންކޮށް، ދެއްވަދޫ ކައުންސިލާއި ރަށުގެ އެންމެހައި ރައްޔިތުން ވެސް ވަނީ ހާއްސަ މަރްޙަބާއެއް ކިޔާފައެވެ.
އަނީސް ދަނީ މިހާރުވެސް ދެއްވަދޫގައި ”ކުރިމަގު 1“ އަދި ”ކުރިމަގު 2“ ދޯނީގައި މަސްވެރިކަމަށް ހިދުމަތް ކުރައްވަމުންނެވެ. އަދި އާއިލީ މަސްވެރިކަމުގެ ވިޔަފާރިއެއް ފުޅާކުރުމަށްވެސް ދަނީ މަސައްކަތް ކުރައްވަމުންނެވެ.

