އއ. މާޅޮހުގައި އަނިޔާވެރިކޮށް މަރާލި އަބްދުއްރަހްމާން އާދަމްގެ މަރުގެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ފަށައިފި އެވެ.
އަބްދުއްރަހްމާން ދިރިއުޅުނު ގޭގައި ނިދާފައި އޮއްވައި، އެގެއަށް ބަޔަކު ވަދެ ހަމަލާދީ މަރާލާފައި ވަނީ މިދިޔަ ޖުލައި މަހު އެވެ. މި މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ އެ ރަށު ފިޔަ، އަހުމަދު އާޝިދާއި، ލިލީފެހި މުހައްމަދު ވިސާމްގެ އިތުރުން ފިނިވާގޭ، އަހުމަދު ފާރިސްގެ މައްޗަށެވެ. މި ތިން މީހުންނަކީވެސް ކުށުގެ ރެކޯޑެއް ނެތް ބައެއް ކަމަށް ވެއެވެ.
މީގެތެރެއިން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ އާޝިދުގެ މައްޗަށެވެ. ވިސާމާއި ފާރިސްގެ މައްޗަށް ކުރަނީ އެ ކުށުގައި ބައިވެރިވިކަމުގެ ދައުވާ އެވެ.
މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ލިޔެކިއުންތައް ލިބިފައި ވޭތޯ ސުވާލު ކުރުމުން ތިން މީހުންގެ ވަކީލު ވިދާޅުވީ ބައެއް ލިޔެކިއުންތައް މަދުކަމަށެވެ. ދައުލަތުން ވެސް ބުނީ ޑީއެންއޭ ރިޕޯޓާއި، ވީޑިއޯ އެނަލިސިސް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން ދާތީ، އެ ރިޕޯޓު އަދި ލިބިފައި ނުވާކަމަށެވެ.
މި މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއު އެވެ.
ދެ ފަރާތުން ވެސް ލިޔެކިއުންތައް ނުލިބޭކަމަށް ބުނުމުން، މައްސަލަ ބައްލަވާ ގާޒީ ވަނީ ދިފާއީ ވަކީލުން މަދުވާ ލިއުންތައް ހޯދުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފަސް ދުވަހުގެ ތެރޭގައި ހުށަހެޅުމަށް އަންގަވާފަ އެވެ. އަދި ނުދެވޭ ލިއުމެއް އޮތް ނަމަ އޭގެ ސަބަބު ދައުލަތުން އަންގަން ޖެހޭނެކަމަށް ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ، ޖަވާބުދާރީވުމުގެ ބައި ކުރިޔަށް ގެންދާނީ ލިޔެކިއުންތައް ލިބުމުންކަމަށެވެ. އަދި އެބައި ކުރިޔަށް ގެންދިއުމަށް މި މަހުގެ ފަހުކޮޅު އަޑުއެހުމެއް ބާއްވާނެކަމަށް ވިދާޅުވި އެވެ.
މައްސަލައިގެ ތަހުގީގަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، އަބްދުއްރަހްމާން މަރުވި ދުވަހު ފާރިސް އޭނާގެ ދަރިއަކަށް ގުޅާފައިވާކަން ފާހަގަކުރެވިފައިވެއެވެ. ”ގޭދޮށަށް މީހުން އެއްވެފައި އޮތުމުން ވެގެން އުޅޭގޮތް ބެލުމަށް“ ކަމަށް ފާރިސް ބުނި ނަމަވެސް، އޭނާ ގުޅި ވަގުތަކީ އަބްދުއްރަހްމާން މަރުވިކަން ރަށުގެ ރައްޔިތުންނަށް އެނގުމުގެ މާ ކުރިން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ތުހުމަތުކުރެވޭ ތިން މީހުންނަކީވެސް އެކި ވަޒީފާތަކުގައި އުޅޭ ބައެއް ކަމަށްވާއިރު، ފާރިސް މަސައްކަތްކުރަނީ މަރުހޫމްގެ ގެއާ ކައިރީގައި ހުންނަ ފެނަކަ ބްރާންޗުގައެވެ. އަދި މި މައްސަލައިގައި އާޝިދު ހައްޔަރުކޮށްފައިވަނީ މާލެއިންނެވެ.

