ގަވައިދާ ހިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވުމަށް ކުރިޔަށް ގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން، ވިޔަފާރިއެއް ވަގުތުން ހުއްޓުވާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އިމިގްރޭޝަނުން ބުނީ، ޓާސްކްފޯސް ޓީމުތަކުން އިއްޔެ ކުރިޔަށް ގެންދިޔަ މި އޮޕަރޭޝަނުގައި މާލޭގައި ހިންގަމުން ދިޔަ 9 ސަރަހައްދެއް ބަލައި ފާސްކުރި ކަމަށެވެ. އަދި އިކޮނޮމިކް މިނިސްޓްރީން ދެ ތަނެއްގެ ވިޔަފާރިއެއް ވަގުތުން ހުއްޓުވާފައިވާކަމަށް ބުންޏެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި އުޅޭ ޖުމްލަ ބިދޭސީންގެ އަދަދު ދެނެގަނެ، ތިން އަހަރުގެ ތެރޭގައި މި މައްސަލަ ހައްލުކުރުމެވެ. މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުން ދިޔަ ގިނަ އަދަދެއްގެ ބިދޭސީން ހިފަހައްޓައި ޑީޕޯޓުކުރެވުނު ކަމަށްވެސް ސަރުކާރުން ހާމަކުރައްވައެވެ. އަދި ބިދޭސީންގެ މައުލޫމާތުތައް އެއްކުރުމަށްޓަކައި ”އޮޕަރޭޝަން ކުރަނގި“ ނަމުގައި ހާއްސަ ޕްރޮގްރާމެއް ފަށައި، ގިނަ ބައެއްގެ ދިހަ އިނގިލީގެ ނިޝާނާއި، ފޮޓޯ ހިމެނޭ ގޮތުން ބަޔޯމެޓްރިކް ޑޭޓާ ވަނީ ނަގާފައެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިތުރު ޕްރޮގްރާމެއް ފަށައި، މިހާރު އަމާޒުކޮށްފައި ވަނީ ގަވައިދާ ހިލާފު ވިޔަފާރިތައް ކުރަމުންދާ މީހުންނަށެވެ. އެގޮތުން، ގާނޫނާއި ގަވައިދާ ހިލާފަށް އެކި ވިޔަފާރިތައް ހިންގައި، އެކަމުގައި އުޅޭ ބިދޭސީންތައް ދެނެގަނެ، ޑީޕޯޓުކުރުމުގެ މަސައްކަތް ދަނީ ކުރިޔަށެވެ.
ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ގަވައިދާ ހިލާފަށް ބިދޭސީން މަސައްކަތް ކުރަމުންދާ ސަރަހައްދުތަކާއި، ވިޔަފާރިތައް ދެނެގަތުމަށް ހާއްސަ ގައުމީ ޕްރޮގްރާމެއް ފެށިކަން އިއުލާނުކޮށްފަ އެވެ.
ރާއްޖޭގައި ގާނޫނާ ހިލާފަށް ބިދޭސީން ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުންދާ ކަމުގެ ޝަކުވާ ބޮޑުވެފައިވާތީ، މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެފަދަ ވިޔަފާރިތައް ފާހަގަވާނަމަ ރިޕޯޓުކުރުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.
މިފަހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންތަކުގެ ތެރޭގައި އެއްވެސް ސާފުތާހިރުކަމެއް ނެތި، ތައްޔާރު ކުރަމުން ދިޔަ ކާބޯތަކެތީގެ ވިޔަފާރިތައް ހުއްޓުވުން ހިމެނެ އެވެ. އަދި ބިދޭސީން ޝާމިލުވެގެން ހިންގަމުން ދިޔަ މަސާޖް ޕާލާ ވިޔަފާރިތަކެއް ވެސް ވަނީ ހުއްޓުވާފަ އެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި މިގޮތަށް އަތުލައިގަންނަ ބިދޭސީން ރާއްޖެއިން ޑީޕޯޓުކޮށް، ވަގުތުން ފުރުވާލުމަށް ކުރަން ޖެހޭ މަސައްކަތް ދަނީ ކުރަމުންނެވެ.

