ދައުލަތުން ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާ ކާމިޔާބު ނުކުރެވިއްޖެނަމަ އެއީ ކުރިމަތިކުރިވި ވަގުތީ އިމްތިހާނެއްގެ ގޮތުގައި ދެކުމަށް އެމަނިކުފާނުގެ ސަޕޯޓަރުންނަށް ވަސިއްޔަތް ކުރައްވައިފިއެވެ.
ފުނޑާލައިފި ނަމުގައި ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ޖަލްސާގައި އެމަނިކުފާނުގެ މައްޗަށްކޮށްފައުވާ ދައުވާ އާިއ ގުޅިގެން ވަރަށް ސާބިތުކަމާއި އެކު ވަނީ ވާހަކަދައްކަވާފައެވެ. ރައީސް ޔާމިން ވަނީ އެމަނިކުފާނާއި މެދު ކަންބޮޑުނުވުމަށް ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.
”އަޅުގަނޑުގެ ވަސިއްޔަތަކީ އަޅުގަނޑާއި މެދު ކަންކަން ވެދާނެ ގޮތަކާއި މެދު ތިބޭފުޅުން ވިސްނަވާވަޑައިނުގަންނަވާ. އަޅުގަނޑުގެ ވަސިއްޔަތަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑު މި ދައުވާ ކާމިޔާބު ކުރާނަމޭ. ތެދުފުޅެއްމެ. ރައްޔިތުންގެ ދަރުބާރުން މި މައްސަލައާއި ދޭތެރޭގައި ޙުކުމެއް ކޮށްފި. އެހުކުމް ޤަބޫލު ނުކުރެވިގެން މިއުޅެނީ ބަޔަކަށް. އެ ހުކުމް ޤަބޫލުނުކުރެވުނީމަ ހުކުމްކުރަން ވަގުތު ކުޑަތަންވެފައިވަނިކޮށް ޤާޒީވެސް ނަގާ އެއްލާލީ. އެކަމަކު ރައްޔިތުންގެ ދަރުބާރުން މި ކުރި ހުކުމް މިހާރު ވެރިނަންނައް ތިބި މީހުން ޤަބޫލު ކުރޭ އެއީ ރައްޔިތުން ނިންމާފަ އޮތް ހުކުމް ކަން. އެއީ ހަގީގަތުގައި އަދުލުވެރި ހުކުމްކަން. އެހެންނޫނީ ކީއްވެގެންތޯ އަދުލުވެރި ހުކުމެއް ކުރޭތޯ ބަލަން ރައީސުލްޖުމްޙޫރިއްޔާގެ ޗީފް އޮފް ސްޓާފް ގުޅަން ޖެހެނީ. ގުޅަންޖެހޭ ސަބަބެއް ނެތެއް ނޫން ތޯ؟“
އެކަމިނުފާނައް އިއްވަން އުޅުނީ އަދުވެލުވެރި ހުކުމެއްކަން ރައީސުލްޖުމްހޫރިއްޔާވެސް ޤަބޫލުކުރައްވާ ކަމަށާއި ނަމަވެސް ހުކުމް ހަޖަމް ކުރައްވަން ކެރިވަޑައިގެން ނުގެން ކަމަށް ޔާމިން ވިދާޅުވިއެވެ. އަނިޔާވެރިންގެ އަނިޔާވެރިކަން އަބަދުވެސް އެމީހުންނާ ބައްދަލުކުރާނެ ކަމަށާއި އެއީ ޤަބޫލުރަންޖެހޭ ހަޤީޤަތެއްކަމަށް ވިދާޅުވިއެވެ.
“ އަޅުގަނޑުގެ ވަސިއްޔަތަކީ އަޅުގަނޑާއި ދޭތެރޭގައި ދެރަގޮތެއް ﷲ މިންވަރުކުރައްވައިފިނަމަ ޤަބޫލުކުރައްވާ، އެއީ ވަގުތީ ގޮތުން އަންނަ އިމްތިހާނެއް. އެކަމު އަޅުގަނޑުމެން މިކުރާ މަސައްކަތަކީ އިތުރުގިޔަރަކަށް ލައިގެން ވަރުގަދަޔައް ކުރަންޖެހޭ މަސައްކަތެއްގެ ގޮތުގައި. ތިބޭފުޅުން ކަމަރު ބަންނަން ޖެހޭނެ. މިއީ ހަމައެކަނި އަޅުގަނޑަށް ކޮށްދޭ ކަމެއް ނޫން. މިއީ ދިވެހި މުޖުތަމައަށްޓަކައި، ދިވެހިރާއްޖޭގެ ދީނަށްޓަކައި، ދިވެހިރާއްޖެ އިސްތިޤުލާލާ މިނިވަންކަމަށްޓަކައި އަޅުގަނޑުމެންގެ ހިއްސާ، އަޅުގަނޑުމެންގެ ގައުމަށް އަނބުރާ ދޭގޮތް“
ރައީސް ޔާމިންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރ ކުރި ކަމުގެ ދައުވާގެ ޝަރިޢަތުގެ ހުކުމް އިއްވުން މާދަމާ ކުރިމިނަލް ކޯޓުގައި ބާއްވާގޮތައް ވަނީ ތާވަލްކޮށްފައެވެ. އެ މައްސަލަ ބެއްލެވި ޤާޒީ އަހުމަދު ހައިލަމް ވަނީ ކޯޓުގެ ވައިބަރ ގުރޫޕަކަށް ފޮނުވި މައްސަލާގައި ސަސްޕެންޑުކޮށްފައެވެ. އަދި ކްރިމިނަލް ކޯޓުގެ ހިންގުން މިހާރު ހަވާލުކޮށްފައިވަނީ ޤާޟީ ޢަލީ ރަޝީދު އާއެވެ.

