މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ މައުމޫންގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާތައް ސާބިތުވެ އިއްވާފައިވާ ޖަލު ހުކުމް ހައިކޯޓުގައި އޭނާގެ ފަރާތުން އިސްތިއުނާފުކޮށްފި އެވެ.
މައުމޫންގެ މައްޗަށް ކުރި ރިޝްވަތުގެ ދެ ދައުވާ ސާބިތުވެ، އޭނާ 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
މައުމޫންގެ މައްޗަށް ދައުލަތުން ދައުވާކުރީ ކުރީގެ ޕީޕީއެމްގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުރިއިރު 2016 ވަނަ އަހަރު ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ދައުލަތުން ކުރި ހަތް ދައުވާގެ ތެރެއިން ސާބިތުވާ ކަމަށް ނިންމީ ދެ ދައުވާއެކެވެ.
އެ ދެ ދައުވާ ސާބިތުވާ ކަމަށް ނިންމުމަށްފަހު، މައުމޫންގެ މައްޗަށް ކޯޓުން އިއްވީ 12 އަހަރާއި 9 ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.
ގޭސް މާނުގެ ނަމުން މަޝްހޫރު، މައުމޫންގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ފޮނުވިއިރު 2018 ގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ބަދަލުވުމާއި އެކު އޭނާ ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފަ އެވެ. އޭރު ވެސ އޭނާއަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭތީ، އެ މައްސަލަ ކޮމިޝަނުން ތަހުގީގު ކުރަމުންދިޔައިރު މީޑިއާތަކުގައި ވެސް ވަނީ ބޮޑެތި ތުހުމަތުތަކެއްކޮށް ރިޕޯޓުތައް ގެނެސްފަ އެވެ.
މި މައްސަލަ މިހާ ބޮޑަށް ދިގުލައިގެން ދިޔަ ސަބަބެއްކަމަށް އޭރު އޭސީސީން ބުނެފައި ވަނީ މައުމޫން ރާއްޖެއިން ބޭރުގައި ހުންނެވުމުގެ ސަބަބުން ތަހުގީގަށް ހުރަސްތަކެއް އެޅިފައިވުމެވެ. އަދި ރާއްޖެއިން ބޭރުގައި ހުންނަ މީހަކު ތަހުގީގަކަށް ހާޒިރު ކުރުމުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތަކެއް ހުރުމުގެ ސަބަބުން ވެސް ދަތިތަކެއް ދިމާވިކަމަށް ކޮމިޝަނުން ބުންޏެވެ.
މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކެއްގެ ގޮތުގައި މީޑިއާތަކުން އޭރު ރިޕޯޓު ކުރި ބައެއް ކަންކަމުގެ ތެރޭގައި ގޭސް އެޅުމަށް ބޭނުން ކުރާ ފުޅި ބަދަލުކުރުމާއި، އެ މަސައްކަތުގެ ތެރެއިން ޑޮލަރު ނެންގެވުން ހިމެނެ އެވެ.
މީގެއިތުރުން ކުންފުނީގެ ނަމުގައި ސީއެސްއާރުގެ ދަށުން ދޫކުރި ފައިސާއާއި މެދު ވެސް ބޮޑެތި ސުވާލުތަކެއް އުފެދުނެވެ.
މި މައްސަލައިގައި އޭސީސީ ބުނީ މައުމޫން މޯލްޑިވް ގޭސްގެ އެމްޑީގެ މަގާމުގައި ހުންނެވި ދުވަސްވަރު އެ ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް، އެލްޕީޖީ ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގައި ރިޝްވަތުގެ ގޮތުގައި 3.10 މިލިއަން ރުފިޔާ ރިޝްވަތުގެ ގޮތުގައި ނަންގަވާފައިވާކަން ތަހުގީގުތަކުން ދައްކާ ކަމަށެވެ.
އަދި އެ ފައިސާ އޭނާއާއި ގުޅުން އޮތްކަމަށް ތުހުމަތު ކުރެވޭ އަދި އޭނާގެ އާއިލީ ބައެއް ފަރާތްތަކާއި، ގުޅުން އޮންނަކަމަށް ތުހުމަތު ކުރެވޭ ބައެއް ކުންފުނިތަކަށް ޖަމާކޮށްފައިވާކަމަށް އޭސީސީގެ ބަޔާނުގައި ވެއެވެ.

