ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ހަކަތަ އެއް ނެތް ކަމަށާ، ކަންކަން ކުރިއަށް ނުދަނީ އެހެންވެެގެން ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
”ފުނޑާލައިފިގެ ނަމުގައި“ ޕީޕީއެމް އާއި ޕީއެންސީއިން ގުޅިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ތަރައްޤީގެ ކަންކަން ގުޑި އެއް އަރުވާލާހާ ފަސޭހައިން ތަރައްޤީ ގެނައިކަމަށެވެ. އެއަށް ފަހު އައި ރައީސް ސޯލިހްގެ ސަރުކާރަށް ރައްޔިތުން އެދޭ ތަރައްޤީ ގެނައުމުގައި ބޮޑު ތަނުން ފެއިލްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައީސް ސޯލިހްގެ ސަރުކާރުގައި ދައުލަތް ފުނޑުފުނޑު ކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ދީނާއި، އިސްތިގްލާލާއި އިގްތިސާދު ފުނޑާލާއިރު، ދިވެހިން ތިބެންވީ ބަލަންތޯ އޭނާ ސުވާލު އުފެއްދެވިއެވެ.
މި ސަރުކާރުން މުޅިން ވެސް ދައްކަނީ ހެނދުނު ނާސްތާގެ ވާހަކަ ކަމަށާ، އެކަން ވެސް ރަނގަޅަށް ނުކުރެވޭ ކަމަށް ލަތީފް ވަނީ ވިދާޅުވެފައެވެ. އެގޮތުން، ނާސްތާ ތައްޔާރުކޮށްދޭ ފަރާތްތަކަށް ލިބެންވާ ފައިސާ ވެސް ނުދެވޭ ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ. ލަތީފް ވަނީ މި ސަރުކާރު ގެނެވުނީތީ ރައްޔިތުން ދެރަވެ ހިތާމަ ކުރާ ކަމަށް ވިދާޅުވެފައެވެ.
ލަތީފް އަކީ މި ސަރުކާރު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ލަތީފް އަކީ ރައީސް ޔާމީންގެ ވެރިކަމުގައި ޕާޓީ ބަދަލުކުރުމުން މެމްބަރުކަން ގެއްލޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުމުން ގޮނޑި ގެއްލުނު ބާރަ މެމްބަރުންގެ ތެރޭގައު ހުމެނިވަޑައިގަންނަވާ މެމްބަރެކެވެ.
އެހެންނަމަވެސް މި ވެރިކަން ފެށި، މަޖިލީސް އިންތިޚާބާއި ހަމައިން ސަރުކާރު ހިންގާ ގޮތަށް އޭނާ ވަނީ ފާޑު ވިދާޅުވާން ފައްޓަވާފައެވެ. އޭގެ ފަހުން ރައީސް ޔާމީން އާއި އެކު އަނެއްކާވެސް މަސައްކަތް ކުރައްވަން އޭނާ ވަނީ ފަށްޓަވާފައެވެ.

