ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ 14 ވަނަ ސްޓޭންޑިންގ ކޮމިޓީގެ ވައިސް ޗެއަރމަން މިސްޓަރ ވޮންގް ޑޮންގްމިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށް ގެންދިޔައީ، 2025 ޑިސެމްބަރު 15 ވަނަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީށް ވަނީ ޗައިނާ ސަރުކާރުން ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައިފައެވެ. އެގޮތުން، ޗައިނާއިން ރާއްޖެއަށް ދެއްވާ ދީލަތި އެހީތެރިކަމާއި، އެ ގައުމުގެ ރައީސް ޝީ ޖިންޕިންގއަށް ޝުކުރު އަދާކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ޗައިނާއިން ދެއްވާ އެހީތެރިކަން ފާހަގަކުރައްވާ، މުސްތަގުބަލުގައިވެސް ޗައިނާއާއި ރާއްޖޭގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފައެވެ.
މި ބައްދަލުވުމުގެ ތެރެއިން، ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވައިފައިވަނީ، ރާއްޖެއާއި ޗައިނާ ދެމެދުގެ ގުޅުން ބަދަހިކޮށް، އެކި ދާއިރާތަކުން އެއްބާރުލުން ދިނުމަށެވެ. އަދި، މިހާރުވެސް ގުޅުން ގާއިމުކުރެވިފައިވާ ދާއިރާ ތަކުން އިތުރަށް އެއްބާރުލުންދޭނެ މަގުތައް ހޯދުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އެގޮތުން، ގެދޮރުވެރިކަމާއި، މަސްވެރިކަމާއި، އުމްރާނީ ތަރައްގީއާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމާއި، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ އިތުރުން ވިޔަފާރީގެ ދައިރާއާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
ހަމައެއާއިއެކު، ރައީށް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރައްވައިފައިވާ ފަހުމުނާމާތަކާއި، އެ ފަހުމުނާމާތަކުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫރުތަކާއި، އެ މަޝްރޫރުތަކުގެ ކުރިއެރުން ދެ ގައުމުން ވަނީ ފާހަގަކުރައްވައިފައެވެ.
މި ބައްދަލުވުމުން ނިންމާލައްވަމުން، ޗައިނާއާއި ރާއްޖެއާއި ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރައްވާ، ދެ ގައުމަށް ފައިދާހުރި ކަންކަމުގައި އެއްބާރުލުންދެއްވައި، ގުޅިގެން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި، ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ 14 ވަނަ ސްޓޭންޑިންގ ކޮމިޓީގެ ވައިސް ޗެއަރމަންގެ އަރިހުގައި، ކޮންގްރެސްގެ އިސްވަފުދެއްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

