ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިނގިރޭޓް ވައްކަމުގައި ބައިވެރިވި މީހުންނަށް ދައުވާކޮށްފި

ސިނގިރޭޓް ވައްކަމުގައި ބައިވެރިވި މީހުންނަށް ދައުވާކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ވަގަށް ނެގި މައްސަލާގައި 10 މީހެއްގެ މައްޗަށް ދައުވާ އުފުލައި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓު ގެއްލިފައިވާކަމަށް މީޑިއާތަކުގައި ފެންމަތިވީ އޮކްޓޯބަރު މަހުގެ ކުރީކޮޅެވެ. މައްސަލައިގައި ބަޔަކު ހައްޔަރުކޮށް، 12 މީހެއް ފުރުން މަނާކޮށް ވަނީ ޕާސްޕޯޓު ހިފަހައްޓާފައެވެ.

މި މައްސަލައިގައި ފުލުހުން ވަނީ މަޝްހޫރު ދެ ވިޔަފަރިވެރިއަކު ހިމެނޭ ގޮތަށް، 09 މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ މި އަމަލު ރާވައި ފަންޑު ކުރިކަމުގެ ތުހުމަތު ކުރެވޭ އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އެވެ.

މައްސަލައިގައި ދެން ހައްޔަރު ކުރީ ކަސްޓަމްސްގެ އިސް މުވައްޒަފެއްކަމަށްވާ ޒިވާރު އިސްމާއިލް އެވެ. އަދި މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓުމެންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުރި މުއާޒު އަލީއެވެ. ސިނގިރޭޓް ވައްކަމުގެ މައްސަލަ ތަހުގީގުކޮށް 11 މީހެއްގެ މައްޗަށް ދައުވާކޮށްދޭން ފުލުހުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވިއެވެ. އޭގެ ތެރެއިން ދައުވާ އުފުލާފައިވަނީ 10 މީހެއްގެ މައްޗަށެވެ.

އެގޮތުން ވައްކަން ރާވާ ހިންގަން މޭސްތިރިންގެ ގޮތުގައި ތިބި ކަމަށް ތުހުމަތުވާ މުހައްމަދު ވަހީދު (ދިގަލި) އާއި އަހުމަދު އާރިފް (އާއްޓޭ) އަދި މުއާޒު އަލީގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލައިފައެވެ. އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރުހިންގަން ރޭވުމާއި އެކަމުގައި ބައިވެރިވެރިވުމުގެ ދައުވާއެވެ.

އޭގެއިތުރުން ޒިވާރު އިސްމާއިލް އާއި އެމްޕީއެލްގެ ދެ މުވައްޒަފުން ކަމަށްވާ ހދ. ވައިކަރަދޫ ނޫރަލީގޭ، އަހުމަދު ޝަހީމާއި ހ. ރުމޭނިއާ، އަހުމަދު ފިރުސާންގެ މައްޗަށް ވެސް އެ ދެ ދައުވާއެއް ވަނީ އުފުލައިފައެވެ. އެއީ އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރުހިންގުމާއި އެކަން ރޭވުމުގެ ދައުވާއެވެ.

އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ ސ. ހިތަދޫ ޗާންދަނީގޭ ހުސައިން ސާމިހު އަދި ސިނގިރޭޓް ދެ ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން އާދަމް ވަހީދުގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ބާރު ހިންގުމުގެ ދައުވާއެވެ. ބަންގްލަދޭޝް މީހެއް ކަމަށްވާ މުހައްމަދު އަލަމިން މިއާ އާއި ކ. ތުލުސްދޫ، ލިންކް ހަސަން އަބްދުއްރަހުމާނުގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ބާރު ހިންގުމަށް ބައިވެރިވުމުގެ ދައުވާއެވެ.

މީގެއިތުރުން ފުލުހުން ދައުވާކޮށްދޭން އެދުނު ދަފްތަރު ނަންބަރު ރސ 1355، މުހައްމަދު ޝަރީފުގެ މައްޗަށް ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމާފައިވެއެވެ. އޭގެ ސަބަބެއް ކަމަށް ބުނެފައިވަނީ އޭނާ ޖިނާއީ ކުށެއް ކުރި ކަމަށް ހެކި ލިބިފައިނުވާތީއެވެ.  އެ ނޫން އެހެން މީހުން ޝަރީއަތް ނިމެންދެން ބަންދުކުރިއިރު ޕީޖީ އޮފީހުން އެދިގެން ދެ ވިޔަފާރިވެރިންނާއި ހަސަން އަބްދުއްރަހުމާން ބަންދުން ވަނީ ދޫކޮށްލައިފައެވެ. އެ މީހުން ބަންދުން ދޫކުރަން އެދުނީ، ޕީޖީ އޮފީހުން ބުނި ގޮތުގައި އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ މި ކުށް ކުރުމަށް ރޭވުން ކަމަށް ވާއިރު، މި ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމުގެ ހެކި ލިބިފައި ނުވާތީއެވެ.

ކަސްޓަމްސް އިން ކުރިން ބުނެފައިވާ ގޮތުގައި، ރާއްޖެއަށް ވަގަށް އެތެރެކުރި ސިނގިރޭޓް ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެ މައްސަލައިގެ ތަހުގީގަށް 19 މީހަކު ފުރުން މަނާކޮށް، ފަސް އުޅަނދެއް ބަލައިފާސްކޮށްފައިވެއެވެ. އަދި މާލެ އާއި ހުޅުމާލެ އާއި ތިލަފުށީގެ 21 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: