ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ދެކޮޅަށް އުފުލާފައިވާ މަނީ ލޯންޑްރިން ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް ރާއްޖޭގެ ރައްޔިތުންގެ ކުރިމަތީގައި ލައިވްކޮށް ދައްކާފައި ވަނިކޮށް ކުއްލިއަކަށް ޝަރީއަތް ލައިވް ނުކުރަން ނިންމުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖަމީލު ވިދާޅުވީ ޝަރީއަތް ލައިވް ނުކޮށް ކުރިއަށް ގެންދާ ނަމަ، މައްސަލައިގައި ކަންތައްތަކެއް ފޮރުވަން ޖާގަ އޮތް އިރު، މަސައްކަތް ކުރަނީ ބޭނުން ގޮތަކަށް ޝަރީއަތް ކުރިއަށް ގެންދަން ކަމަށެވެ. ޖަމީލު ވަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ބުނާ ގޮތުން ގާޒީ އަލީ ރަޝީދަށް ބެންޗުގައި އިންނަވަން ހުއްދައެއް ނުކުރާކަމަށް ވިދާޅުވެފައެވެ. އަދި އާދީއްތަ ދުވަހުގެ އަޑުއެހުމުން ފެށިގެން ކޮންމެ އަޑުއެހުމެއް ވެސް ކުރިއަށް ގެންދަން ޖެހޭނީ ލައިވްކޮށް ކަމަށާއި އެކަން ހުއްޓާލައިގެން ނުވާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.
ކޮންމެ މައްސަލައެއް ވެސް ކުރިޔަށް ގެންދަން ވަނީ، އަދުލު އިންސާފު ގާސިމް ކުރުމަށްކަން ފާހަގަކުރައްވާ ޖަމީލު ވިދާޅުވީ، ރާއްޖޭގެ މީޑިއާއަކަށް އަލީ ރަޝީދު ދެއްވި އިންޓަވިއުއަށްފަހު އެ މައްސަލައިގެ ތެރެއަށް ”ބޮޑެތި އަސަރުތަކެއް“ ވަންނަމުންދާނެ ކަން ދޭހަވާ ކަމަށެވެ.
ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ނިންމި ނިންމުމުގައި ބުނެފައި ވަނީ ޝަރީއަތްތައް ޓެލެކާސްޓް ކުރުމުގެ ސަބަބުން އެއްބަޔަކަށް ފައިދާވެ އަނެއް ބަޔަކަށް ގެއްލުންވުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި އޮތް ކަމަށެވެ. ނަތީޖާއެއްގެ ގޮތުން މުޖުތަމައުގައި ފިތުނަ އުފެދުމަށް ޖާގަ ހުޅުވިގެން ދިޔުމާއި އަދުލު އިންސާފާމެދު މީހުންގެ ހިތްތަކުގައި ޝައްކު އުފެދިގެން ދިއުން އެކަށީގެންވާ ކަމަށްވެސް އެ ނިންމުމުގައިވެއެވެ. އަދި ޝަރީއަތް ޓެލެކާސްޓްކުރުމުގެ ސަބަބުން މައްސަލަތަކުގެ ތަހުގީގަށް ހުރަސް އެޅިގެންދާ ކަމަށާއި ފަހުން ޝަރީއަތަށް އަންނަ މައްސަލަތަކަށްވެސް ނޭދެވޭ އަސަރު ކުރާނެކަމަށްވެސް ކްރިމިނަލް ކޯޓުގެ ނިިންމުމުގައި ވަނީ ބުނެފައެވެ.
އަދުލު އިންސާފަށް ހުރަސް އެޅުމުގެ ފުރުސަތު އޮތް ކަމަށްވެސް ބުނެފައިވެއެވެ. މިހާރު ލައިވްކުރަމުންދާ ޝަރީއަތްތައް ލައިވްނުކުރަން ނިންމައިފިނަމަ ސުވާލު އުފެއްދުމުގެ ޖާގަ އޮތުމުން، އެ މައްސަލައިގެ ދެފަރާތުން ކުރެ ފަރާތެއް ޝަރީއަތް ލައިވްކުރުމަށް އިއުތިރާޒު ނުކުރާނަމަ ލައިވްކޮށްގެން ކުރިއަށް ގެންދާނެ ކަމަށްވެސް އެ ނިންމުމުގައިވެއެވެ.

