ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރުއީ ނިޒާމު ޕެރެލައިޒްވެ، ރާއްޖެ ޑިކްޓޭޓާޝިޕަކަށް؟

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު: ގާނޫނު އަސާސީގެ ދަށުން ދުސްތޫރީ މައްސަލަތަކުގައި އެންމެ ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ފެހި ޤާނޫނު އަސާސީއަށް 11 އަހަރު ފުރިއްޖެއެވެ. އެ ޤާނޫނު އަސާސީގެ ދަށުން 3 ދައުރެއް ނިމި ހަތަރު ވަނަ ދައުރެއް ފެށިއްޖެއެވެ. ޤާނޫނު އަސާސީގެ ދަށުން ވެރިކަން ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެވިއްޖެއެވެ. ވެރިކަން ހިންގުމުގެ ނިޒާމުގެ ތެރެއިން މަސްހުނިވެފައި އޮތް ޤާނޫނު ހަދާ ނިޒާމާއި، އަދުލް އިންސާފު ޤާއިމުކުރުމުގެ ނިޒާމު ވަކިކޮށް އެއީ ދައުލަތުގެ ދެ ބާރަށް ހަދާ ތިން ބާރު އެކުލެވޭ ވެރިކަން ކުރުމުގެ ނިޒާމެއް ޤާއިމުކުރެވިއްޖެއެވެ. ވެރިކަން ހިންގުމުގެ އެންމެ މަތީ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާއެވެ. ޤާނޫނު ހަދާ މަޖިލީހުގެ އެންމެ އިސްފަރާތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. އަދުލް އިންސާފު ޤާއިމުކުރުމަށް އެންމެ މަތީ ވެރިޔަކީ އުއްތަމަ ފަނޑިޔާރެވެ.

ނިޒާމު އަތުރާލާފައިވާ ގޮތް ކިތަންމެހާވެސް ސާދާކޮށް ސާފުކޮށް ސަރީހަ އިބާރާތުން ޤާނޫނު އަސާސީ ފަރުމާކޮށް ލިޔެ ނިންމާ އެ ތަސްދީގު ކޮށް އެއަށް ޢަމަލުކުރަން ފެށީ، އިސްވެ ދެންނެވުނު މައިގަނޑު އަސާސްގެ މައްޗަށެވެ. ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފެށިތާ 11 އަހަރު ފުރި ފުރާވަރަށް އަޅާފައިވާއިރު، ޤާނޫނު އަސާސީވެސް އަދި މި މުޅި ދައުލަތްވެސް ފެންނަމުން މިދަނީ ފެއިލްވެފައިވާ މަންޒަރެވެ. އެންމެ ގޮތަކުން ނޫނެވެ. ހުރިހާކޮޅަކުންނެވެ. މިއީ ބަޔަކު ރާވައި ގަސްތުގައި ހިންގާފައިވާ ޖަރީމާއެކޭ ބުނުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ދައުލަތުގެ ނިޒާމުތައް ފުޑުފުޑުކޮށްލުމަށް ބަޔަކު ރެވި ރޭވުމުގެ އަސްލު މިއަދު ދިވެހިންނަށް މި ދަނީ ފެންނަމުންނެވެ.

އެގޮތުން މިކުޅިގަނޑު އެންމެ ބޮޑަށް ފެނިގެން ދިޔައީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ގުޅިގެން ހިންގި ޖަރީމާތަކުގެ ތެރެއިންނެވެ.

ރައީސް ޔާމީންގެ ވެރިކަން ވަރުގަދަ ވަމުން ދިޔަގޮތް

ޤާނޫނު އަސާސީއަށް 11 އަހަރު ފުރިފައިވާއިރު މިހާތަނަށް މި ރާއްޖެއަށް އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައެވެ. އިގުތިސާދީ ގޮތުންނާއި، އުމްރާނީ ގޮތުންނެވެ. ތަރައްޤީއާއި ތަމައްދުންގެ އިންޤިލާބީ ބަދަލުގެ ސަބަބުން ގިނަ ރައްޔިތުންތަކެއްގެ ތާޢީދު ރައީސް ޔާމީނަށް ލިބެމުން ދިޔަކަން އޭރުގަ ފާހަގަވިއެވެ. އެއާއެކު ރައްޔިތުންގެ ލީޑަރަކަށް ރައީސް ޔާމީން ވާން ފެށިއެވެ. އަދި އޭރުގަ މަޖިލިސް ސުޕަރ މެޖޯރިޓީ ނެތްނަމަވެސް މަޖިލީހުގެ ތެރެއިން އެމަނިކުފާނު ބެނުންފުޅުވެލައްވަވާ ކަންކަން ފާސްކުރަމުން ދިޔައެވެ. ރައްޔިތުންނާއި ގުޅުންހުރި ގިނަ ޕްރޮޖެކްޓްސް ހިންގަމުން ދިޔައިރު އޭރުގެ އިދިކޮޅު ފަރާތްތަކުންވެސް ތަފާތު އެކި ކަންކަން އެމަނިުކުފާނުގެ އިސްތަށިފުޅުގައި އަޅުވަމުން ދިޔައެވެ. އަދި ޕީޕީއެމްގެ ފިކުރަކީ ރައީސް ޔާމީންގެ ފިކުރެއް ގޮތަށް އެނބުރެން ފަށާ، ރައީސް މައުމޫންގެ މައްޗަށް ރައީސް ޔާމީންގެ ފިކުރު ކުރި ހޯދަމުން ދާތަން ފެނުމުން އެކަން ރައީސް މައުމޫނަށް ހަޖަމް ނުވިފަދައެވެ.

ރައީސް ޔާމީން ދޫކުރައްވާ ރައީސް މައުމޫން ޕާޓިން ވަކި ފެކްޝަނެއްގެ ގޮތުގައި މަސައްކަތް ކުރަންފެށިއެވެ. އެއާއެކު ދެން ފެނިގެން ދިޔައީ ކޯޓު މެދުވެރިކޮށް އެ ޕާޓީ ރައީސް ޔާމީނަށް ލިބިގެން ދިޔަ ދަނެވެ. ވެރިކަމުގެ އާރާއި ބާރު ރައީސް ޔާމީންވެސް ހިއްޕެވިއެވެ. އެހެނަސް ޤަބޫލުކުރަން ޖެހޭ ހަޤީގަތަކީ އެންމެ މީހެއްގެ ވިސްނުމަށް ނުވަތަ ވަކި ބައެއްގެ ވިސްނުމަށް ޕާޓީއެއް ޚަރަކާތް ނުކުރެވޭ ގޮތަށް ތަޅު އެޅިގެން ނުވާނެއެވެ.

ރައީސް ޔާމީން، އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު ރައީސް މައުމޫނާއި އެކު – ފޮޓޯ: ސޯޝަލް މީޑިއާ

12 މެންބަރުންގެ ވާހަކަ

ރައީސް މައުމޫނު އަތުންޕާޓީ ގެއްލުމުން އެމަނިކުފާނާއެކުގައި ޕީޕީއެމް ދޫކޮށް ނިކުތީ މަދު ބައެކެވެ. އެމަނިކުފާނު ހީކުރިގޮތާ މުޅިން ޚިލާފަށެވެ. ފަހަރުގަ ސަރުކާރުގެ އާރާ ބާރު ރައީސް ޔާމީނަށް އޮތީމަކަމަށްވެސް ވެދާނެއެވެ. ނަމަވެސް ރައީސް މައުމޫން އާ ޕާޓިއެއް އުފައްދަވާ އެ ޕާޓީ ރަޖިސްޓްރީކުރަން އުޅެން ޖެހުނު ތަކުލީފު ފެނިފަ އެއީ ހަމަ އެމަނިކުފާނަށް ތާޢީދު ނެތުމުންކަން ޔަޤީން ވެއްޖެއެވެ. ރައީސް ޔާމީންގެ ބާރު ކަނޑުވާލުމުގެ ގޮތުން މެންބަރުން ހޯދުމަށް އެކި ގޮތްގޮތުން އޭރުގައި މަސައްކަތް ފެށިގެން ދިޔައެވެ. އަދި އެކަންކަމަށް އޭރުގައި ފައިސާ ޚަރަދުކުރިކަމަށް މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވަނީ އިއުތިރާފުވެ ވަޑައިގަންނަވާފައެވެ. އެގޮތުން 12 މެންބަރެއް ޕީޕީއެމް ދޫކޮށް ދިޔުމުން ރައީސް ޔާމީންގެ އަތުން މަޖިލިސް ބީވެގެން ދިޔައެވެ.

ލިބިފައި އޮންނަ ބާރެއް ބީވެގެން ދިޔުމަށް އެކަކުވެސް ނޭދޭނެ ބީދައިން ރައީސް ޔާމީންވެސް އެކި ޤާނޫނީ ބޭފުޅުންގެ ލަފަޔާއެކު އެ މެންބަރުންގެ ގޮޑި އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ގެއްލުވާލުމަށް ސުޕްރީމް ކޯޓާއި އިލްކްޝަންސް ކޮމިޝަންސްގެ ތެރެއިން ވަގުތީ ގޮތުން ނަމަވެސް ގޮތްތަކެއް ކަނޑައެޅި އެ މެންބަރުންގެ ގޮޑިކޮޅު ގެއްލުވާލިއެވެ. ސިޔާސީ ހަލަބޮލި ކަމެއްގެ ތެރެއަށް ގައުމު ވެއްޓި ސިޔާސީ ވެރިންގެ ނުފޫޒާއި ފައިސާ ސުޕްރީމް ކޯޓުތެރެއަށް ވަންނަމުން ދިޔަ ކަހަަލަ އެތައް މަންޒަރެއް ފެނި ސާފުވެ އެކަމުގެ ތެރޭގައި ޤައުމުގެ ރައްޔިތުންގެމަޖިލިސް ހުއްޓުމަކަށް އައިސް ޖުޑިޝަރީގެ ސިޔާސީ ނުފޫޒު އިންތިހާއަށް ވަންނަން ފެށިއެވެ.

ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދި، ޕީޕީއެމްގެ ހަރު މުދާތައް ރައީސް ޔާމީންގެ ބެލުމުގެ ދަށަށް ގެންދިއުން – ފޮޓޯ: ސޯޝަލް މީޑިއާ

01 ފެބްރުއަރީ 2018 ގެ އަމުރު

ސިޔާސީ ވެރިންގެ ނުފޫޒާއި ބާރު ތަންނެތް މިންވަރަށް ސުޕްރީމް ކޯޓަށް ފޯރާފައިވާކަން އެންމެ ބޮޑަށް ފެނިގެން ދިޔައީ 01 ފެބްރުއަރީ 2018 ވަނަ ދުވަހުގެ ރޭގައި އެ ކޯޓުން ނެރުނު އަމުރެވެ. ސިޔާސީ އެތައް ކުށްވެރިންނެއް ދޫކޮށްލުމަށް އެންމެ އަމުރަކުން އަމުރުކޮށް ނެރުނު އަމުރު ވެގެން ދިޔައީ ސުޕްރީމް ކޯޓުގެ ތެރެއަށް ފައިސާއާއި ނުފޫޒު ތަންމިނަށް ވަދެފައިވާ ކަމުގެ ދަލީލެއްކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. އެ އަމުރު ތަންފީޒު ނުކޮށް އޭރުގެ ރައީސް ޔާމީންގެ ފަރާތުން މަސައްކަތް ކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ބައްދަލުކުރަން އުޅުމުން އެކަމްށްވެސް ފުރުސަތު ނުދީ ދައުލަތް ހިންގުވުންވެސް ހުއްޓުވާލާ ހިސާބަށް ޤައުމުގެ ޙާލަތު ދިޔައެވެ. އަދި އެ އަމުރު ނެރުމުގަޔާއި އެނޫންވެސް ކަންކަމުގައި ކޮރަޕްޝަނާއި ރިޝްވަތުގެ ނުތާހިރު އަމަލުތައް ހުރި ކަމަށް ޝައްކު ކުރެވިގެން ތަހުގީގު ހިންގުމަށް ހުރަސް އެޅުމުން ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށް އޭރުގެ އުއްތަމަ ފަނޑިޔާރު ހިމެނޭގޮތަށް ދެ ފަނޑިޔާރެއް ހައްޔަރުކުރެވުނެވެ. އަދި އެ ފަނޑިޔާރުންނަށް މާލީ ގޮތުން އެކިއެކި އެހީތެރިކަން ފޯރުކޮށްދީ ކަންކަން ކޮށްފައިވާ ފަރާތްތައް ވެސް ތަހުގީގަށް ހައްޔަރުކުރެވުނެވެ. އެގޮތުން ކުރީގެ ރައީސް މައުމޫނާއި ވިލާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސިޔާދު ޤާސިމްވެސް ހައްޔަރުކުރިއެވެ.

ފަނޑިޔާރުން މެލޭޝިޔާގެ ކުއާލަލަންޕޫރުން ފްލެޓު ގަނެފައިވާކަމުގެ ތުހުމަތު ކުރެވުނުއިރު އެ ފްލެޓްތައް ގަތުމަށް ސިޔާސީ ވެރިންގެ މަދަދުވެރިކަން ލިބުނު ކަމުގެ ތުހުމަތުވެސް ކުރެވުނެވެ. އެކަންކަން ތަހުގީގު ކުރެވި ބައެއް ފަރާތްތައް ޖަލަށްވެސް ލެވުނެވެ. ހަމަ ސިޔާސީ ނުފޫޒުތަކެއްގެ ތެރެއިންނެވެ. ރިޔާސީ އިންތިޚާބާއި ހަމައަށް ދިޔައިރުވެސް ޤައުމުގެ ހުރިހާކަމެއް ހުއްޓި އޮތީ މިފަދަ ގޮތަކަށެވެ. މަޖިލިސް މެންބަރުން ގެ ތެރެއިން 12 މެންބަރުންގެ ގޮޑި ނުގެއްލޭ ކަމަށް އަމުރު ކުރުމުން އެ އަމުރަށް މަޖިލިސް މެންބަރުން މަޖިލީހަށް ވަންނަން ދިޔުމުން އެކަމެއް ވެސް ނުވިއެވެ. ދައުލަތް ހިންގުމުގެ ނިޒާމު އޮތީ ހުއްޓުމަކަށް އޮޅުން ބޮޅުންއަރާފައެވެ.

ފެބްރުއަރީ 1 ގެ އަމުރަށްފަހު މާލޭގެ ތެރޭގައި ހިނގައިދިޔަ ހަމަނުޖެހުމުގެ ތެރެއިން – ފޮޓޯ: ސޯޝަލް މީޑިއާ

ރިޔާސީ އިންތިޚާބުން ރައީސް ޔާމީން ބަލިވުމާއި، ހުށަހެޅުނު ދުސްތޫރީ މައްސަލަ

ރިޔާސީ އިންތިޚާބުގެ ކުރިން އެންމެވެސް ހީކޮށްގެން ތިބީ މަކަރާއި ހީލަތުންވިޔަސް ރައީސް ޔާމީން ކުރި ހޯދާނޭކަމަށެވެ. ނަމަވެސް އިންތިޚާބު ކާމިޔާބު ކުރެއްވީ އަދުގެ ރައީސުލްޖުމްހޫރިއްޔާ އޭރުގެ އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިހެވެ. އިންތިޚާބުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން ކުރިޔަށް ގެންދިޔައި ބައެއް ކަންކަން ގޯސްކޮށް ގެންގޮސްފައިވާ ކަމަށް އޭރު ރައީސް ޔާމީންގެ ފަރާތުން ވަނީ ތުހުމަތުކޮށްފައެވެ. އެގޮތުން ކޮމްޕްލެއިންސް ބިއުރޯ ޖަމާލުއްދީން ސުކޫލުން ދަރުބާރުގެއަށް ބަދަލުވިއިރު ނާންގާ އޮތުމާއި ދަރުބާރުގޭގައި ފޯން ލައިންއެއް ނެތުމާއި، އަދި ވެސް މިނޫން ގިނަކަންކަން ފާހަގަކޮށްފައިވެއެވެ. މިކަންކަމަށް ރިއާޔަތްކޮށް އަދިވެސް ގިނަ ކަންކަން ފާހަގަކޮށް ރައީސް ޔާމީންެގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ފަސް ފަނޑިޔާރުގެ އިއްތިފާޤުން ނިންމެވީ ސާބިތު ނުވާކަމަށެވެ. ނަމަވެސް ހައިކޯޓުގެ އަމުރެއް ނެތަސް އިންތިޚާބުގައި ހިނގާފައިވާ ކަންކަން ތަހުގީގު ކުރުމުގެ ހުރަހެއް ނެތްކަމަށް ނިންމާފައިވާ އިރު އޭގެ މާކުރިން ޔާމީންގެ ފަރާތުން އެ މައްސަލަތައް ފުލުހަށް ހުށަހެޅިއެވެ. ސުޕްރީމް ކޯޓުގެ ހުކުމާއެކު އެ ތަހުގީގުތައް ނުކޮށް ވޯޓު ކަރުދާސްތައް ނައްތާލީއެވެ.

ރިޔާސީ އިންތިހާބުން ވީ ބައްުޔާއި، އަދި ކޯޓަށް ހުށަހެޅި މައްސަލައާއި އެކު ޕީޕީއެމް މުޒާހަރާތަކަށް ނިކުތް – ފޮޓޯ: ސޯޝަލް މީޑިއާ

ފުލުފުލުގައި ސިޔާސީ ގިނަ ބައެއްގެ ހުކުމްތައް ބާޠިލްވުން

ރިޔާސީ އިންތިޚާބު ނިމި އިދިކޮޅަށް ކާމިޔާބު ލިބުމާއެކު ފުލުފުލުގައި ސިޔާސީ ބޭފުޅުްންނަށް ކޮށްފައިވާ ހުކުމްތައް ބާޠިލު ކުރަން ފެށިއެވެ. އެގޮތުން، ރައީސް މައުމޫން، ރައީސް ނަޝީދު، ޤާސިމް އިބްރާހިމް، ފާރިސް މައުމޫން، އަދިވެސް ސިޔާސީ ނުފޫޒު ގަދަ ހުރިހާ ބޭފުޅުންކަހަލަ ގޮތަކަށް މިނިވަން ވެގެން ދިޔައެވެ. ހުކުމް ކުރުމުގައިވެސް އަދި ބާޠިލްކުރުމުގައިވެސް ފެނިގެން ދިޔައީ ނުފޫޒުން ފުރިފައިވާ މަންޒަރެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހާއެކު، ސުޕްރީމް ކޯޓުގެ ބާރު ކެނޑިގެން ދިޔުން

9 ވަނަ  ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ލިބި ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ފެށި މަސައްކަތުގައި ފެނިގެން މިދަނީ ސުޕްރީމް ކޯޓުގެ އެއްވެސް އާރެއް ބާރެއް ނެތް މަންޒަރެކެވެ. ޖުޑީޝަލް ސާވިސް ކޮމިޝަނުން ބެނުންވާ ގޮތަކަށް ޖުޑިޝަރީ ތެރޭގައި ނުފޫޒު ފޯރުވަމުން ގޮސް ޖުޑިޝަރީ މިވަނީ ފެއިލްވުމަކާއި ގާތްވެފައެވެ. ފަނޑިޔާރު ޑރ.ޑީޑީ ވަކިކޮށްފިއެވެ. އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުޙައްމަދު ވަކިކުރަން ނިންމައިފިއެވެ. އެ މައްސަލަ މަޖިލީހުގައި ތާވަލްކޮށް ކުރިޔަށް އެބަދެއެވެ. ޤާނޫނު ތަކާއި އުސޫލުތަކުން ބޭރުން ސުޕްރީމް ކޯޓުގެ ބާރު ކަނޑާލައިފިއެވެ. އުއްތަމަ ފަނޑިޔާރަކަށް ޝަރަފެއް ޤަދަރެއް ޢިއްޒަތެއް ނެތެވެ. ތިންބާރުގެ ތެރެއިން ދެ ބާރު މަޖިލީހުގެ ބެލުމުގެ ދަށަށް ގޮސް ނިމުނު ިއިރު ޤައުމު ޑިކްޓޭޓަރ ޝިޕަކަށް ދާނެ ކަމުގެ ހުރިހާ ސިގްނަލެއް ދަނީ ފެންނަމުންނެވެ.

ދައްކަވާން ހުރި ތަނެއް ދައްކަވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: