ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށުގެ އަނދިރި ފަރާތާއި ކުރިމަތިލެއްވި ފުރަތަމަ ރައީސް: ރައީސް ސޯލިހް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތީ ދަތި އުނދަނގޫ އެތައް ދުވަސްތަކެއް ކަޑަތުކުރެއްވުމަށް ފަހުގައެވެ.

ފުރަތަމަ ފަހަރަށް ޖަލުތަކުގެ ތޭރިތަކުގެ ފަހަތަށް ވަޑައިގަތުމުން ފެށިގެން، ޚިޔާލް ތަފާތު ކޯލިޝަންއެއްގެ ދިރުނބާކޮޅަށް އަރާވަޑައިގަންނަވަން ޖެހުމާއި ހަމައަށް ވެސް އެމަނިކުފާނަށް ދިމާވީ ދަތިއުދަގޫ ދުވަސްތަކެކެވެ.

އެހެންނަމަވެސް ވެރިކަމަށް ވަޑައިގެން އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ރައްޖޭގައި އަމާން އޮމާންކަން ޤާއިމްކުރެއްވުމަށެވެ. އެއީ ފެންނަ ފަޅީގައި އާއިނުފެންނަ ފަޅީގައި ހުރި ކަންކަމަށް ހައްލު ހޯދައި ދެއްވުމަށް ކުރެއްވު މަސައްކަތްތަކުގެ ތެރެއިންނެވެ.

ރާއްޖޭގައި ހިނގާ، ވައްކަމާއި، ޓެކުމާއި، މާރާމާރީގެ ކަންކަމުގެ އިތުރުން މަސްތުވާތަކެތީގެ ވަބާއަކީ އާންމު ރައްޔިތުންނަށް ވަންހަނާވެފައި އޮތް ކަމެއް ނޫނެވެ. މިއީ ދިވެހިން އެކަމަކަށް ހައްލު ހޯދަން ފާއިތުވެ ދިޔަ އަހަރުތަކުގައި ކެނޑިނޭޅި މަސައްކަތްކުރަމުން އައި ކަންކަމެވެ. މީޑިއާތަކުގައި އެވާހަކަތައް ދެކެވި އެކަމަށް ހައްލު ހޯދަަން އައީ މަސައްކަތް ކުރަމުންނެވެ.

އެހެންނަމަވެސް ދެން އޮތީ އެންމެން ދަންނަ ބޮޑު ސިއްރުގެ ވާހަކައެވެ. ދިވެހީންނަށް އެނގުނު ނަމަވެސް ދައްކަން ބޭނުން ނުވާ ވާހަކައެވެ. އެއީ މިހާރުގެ ބަހުން ބުނާ ނަމަ “އަނދިރި ދައުލަތުގެ” ވާހަކައެވެ. އެއީ ދީނުގެ ނަމުގައި ހިންގާ ގަތުލު އާންމުގެ ވާހަކައެވެ.

ދިވެހި ރާއްޖޭގެ ޒުވާނުންގެ ބޮލަށް ސަވާރުވެގެންނާއި، ދިވެހިން ޖަޒުބާތުގައި ޖައްސައިގެން ދިވެހިން ރާއްޖެއިން ބޭރަށް “ޖިހާދުގެ”ނަމުގައި ފޮނުވަމުން އައިކަން އެއީ ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކަށް ވަންހަނާވެގެންވާ ކަމެއް ނޫނެވެ. އެހެންނަމަވެސް އެ ވާހަކަ ދެއްކުމަކީ ފާއިތުވި ހުރިހާ ރައީސުންނަށްވެސްވީ މާބޮޑަށް “ޑެމޭޖް” ވެދާނެ ކަމަކަށެވެ.

ނަތީޖާއަކަށްވީ، ސަރުކާރަށް ދައްކަން އުނދަނގޫވި ވާހަކަތަކުގެ ފައިދާ ބަޔަކު މީހުން ކިތަންމެހާވެސް ރަނގަޅަށް ނެގުމެވެ. ނަތީޖާއަކީ، މައިން ދޫކޮށްފައި ދަރިން ސަވާބު ހޯދުމުގެ އުންމީދުގައި “ޅޮސް އުނދޯއްޔަށް” އަރާކަމެވެ. މި ކުރެވެނީ ރަނގަޅު ކަމެއް ކަމަށް ހީކޮށްގެން ދަރީންނާއި އަނބީން ބިކަކޮށްފައި ދިޔަ ދިވެހިންގެ އަނބިން ހުވަފަތްވެފައި ތިބި އިރު އެ އުދާސްތައް ކިޔާދޭނެ ފަރާތެއް ނެތެވެ. ބައްޕަ އާއި މަންމަ ނެތި ޔަތީމުވީ ދަރިން ތިބި އިރު އެވާހަކަ ދައްކާނެ ދުލެއް ނެތެވެ. ދިވެހި ދައުލަތަށް އެވާހަކަ ދެއްކުމަކީ ފަސޭހަކަމަކަށް ނުވެއެވެ. ތިލަކޮށް ބުނާނަމަ މިއީ ހަނގުރާމަވެރި ޖަމާއަތްތަކަށް ހިތްލަނބުވަން ކުރާ މަސައްކަތްތަކުގެ ވާހަކައެވެ.

އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އެއްބައިވަންތަކަމަށް ބިނާކޮށްކަމަށް ވިދާޅުވާ ރައީސަކަށް މި ދެންނެވި ވާހަކަ ދެކުމަކީވީ ބޮޑު ގޮންޖެހުމަކަށެވެ. އެއީ އެކަމުގެ ސަބަބުން ސަުރުކާރަށާއި އެމަނިކުފާނަށް ވެސް ލޮޅުުން އަންނާނެ ކަމެއްކަން ގައިމެވެ.

އެހެންނަމަވެސް ރާއްޖެއަށް އެނބުރި އަންނަން ބޭނުންވެފައި ހަނގުރާމައިގެ މައިދާނުގައި ގޮތްހުސްވި ދިވެހިން އެބަތިއްބެވެ. “ޖިހާދަށް” ކަމަށް ބުެނެ މަންމަ ދޫކޮށްފަ ދިޔަ މަންމަގެ އެދުމަކީ އެކަން ހިތި ތަޖުރިބާ އިތުުރު މަޔަކަށް ތަހައްމަލް ކުރަން ނުޖެހުމެވެ. އެކަން ކުރެވެން އޮތީ ދޭތިން އެކައްޗަށް ނަމަވެސް އެ  ވާހަކަދެއްކުމެވެ.

ކަން ވެގެން ދިޔައީ ކުރިން ވެސް ހީކުރި ގޮތަށެވެ. “ދުނިޔެ މަތީގެ ސުވަރުގޭގެ” ނަމުން ނަން ދެވިފައިވާ ދުނިޔޭގައި ދީނުގެ އެންމެ ރަނގަޅު މައުލޫމާތު ނުލިބި ޒުވާނުންތަކެއް މަގުން ކައްސާލާ ހަރުކަށި ފިކުރަށް ދީލާލާކަން އާންމުންނަށް ޤަބޫލު ކުރާކަށް ފަސޭހައެއް ނުވިއެވެ. ދީނީ ހަރުކަށި ފިކުރުގެ ނަމުގައި ބަޔަކު މަސައްކަތް ކުރާ ކަމުގެ ވާހަކަ ދައްކަނީ މި ޤައުމުން އިސްލާމް ދީން ފޮހެލަން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވެސް އެކަން ހަތިޔާރަކަށް ނެގީއެވެ. ދިވެހި ދައުލަތް ނުފެންނަ “އަނދިރި ދައުލަތާއި ” ހަތަރުކަޅި ހަމަކުރީއެވެ.

މިއީ ހައްސާސް ދަނޑިވަޅެއްގައި އޮތް ދިވެހި ރާއްޖޭގެ ހައްގުަގައި ރައީސް ސޯލިހް ނެންގެވި ހަރުދަނާ ނިންމުކެވެ. އެ ނިންމުމަކީ އެމަނިކުފާނުގެ ސަރުކާރާއި ދެެކޮޅަށް ބޭނުން ކުރާނެ ހަތިޔާރުގެ މުށްގަނޑަށް ވާނެ ކަން އެނގި ހުރެ ފެއްޓެވި ދަތުރަކީ ވެރިކަމުގެ ފުރަތަމަ އަހަރު ހަލަބޮލިކޮށްލިކަމެކެވެ.

އެހެންނަމަވެސް އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި ރައީސް ސޯލިހްގެ އެ ނިންމުމަކީ އުނދަނގޫ، އެހެންނަމަވެސް މުހިއްމު ނިންމުމެކެވެ. ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި ދީނުގެ ނަމުގައި ހިންގާ ގަތުލު އާންމަކީ އެންމެ ނުރައްކާތެރި ކުށެވެ.

ﷲގެ މަގުގައި ހިނގަން ބޭނުންވާ ޒުވާނާ އަނބުރާ އައުމެއް ނެތް އަނދިރި ކުށުގެ ތެރެއަށް ވައްޓާލުން ނިމުމަކަށް ގެނައުމަށްޓަކާ، ކުރަން ޖެހޭ މަސައްކަތުގެ ތެރެއިން މިއީ ފެށުމެކެވެ.ޓެރަރިޒަމްގެ ޤާނޫނަށް ގެނައި ބަދަލާއި އެކު މިފަދަ ކުށްތަކަށް ފިލާތިބެ ބާރުދޭ އާރުކާޓީން ހޯދާ ދެނެގަތުމަށް ފުރަތަމަ ފަހަރަށް މަގުފަހިވީއެވެ.

ވިޔަފާރީގެ ގޮތުން ކުރިއަރާފައިވާ ފައިސާވެރިން ޤައުމުގެ މުސްތަގްބަލަށް އަޅާ ހިޔަނި ކުޑަ ކުރަން ޖެހެއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރަން ފެއްޓެވި މި މަސައްކަތަކީ ފައިސާއިން އަގު ކިޔޭނެ ކަމެއް ނޫނެވެ. މިއީ އުމްރާނީ ތަރައްޤީ ފަދައިން ޖައްވާ ހަވައިން ފެންނަން ނެތަސް، ދިވެހިންގެ ތެރޭގައި މަޑުމަޑުން ފެތުރެމުން އައި ވިހައެއް ނެތިކޮށްލުމަށް މުހިންމު ފިޔަވަޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: