ރާއްޖޭގެ އިޤްތިޞާދު ބިނާވެފައިވާ މައިގަނޑު އެއް ބިންގަލަކީ ވިޔަފާރިތަކެވެ. މި ވިޔަފާރިތައް ކުރިއެރުވުމަކީ ޤައުމީ ތަރައްޤީއަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި، ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރައްވާނީ ކުދި އަދި މެދުފަންތި (އެސް.އެމް.އީ) ހިމެނޭ ގޮތަށް ހުރިހާ ފަންތިއެއްގެ ވިޔަފާރިއެއްވެސް ކުރިއެރުވުމަށް ކަމަށެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ބުދަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާއި ޚިޔާލު ހޯދައި، އެކަންކަމަށް ހައްލު ހޯދައިދިނުމެވެ. މި ސިޔާސަތަކީ ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުން އިތުރުކޮށް، ދެމެހެއްޓެނިވި ތަރައްޤީއެއް ހާސިލުކުރުމަށްޓަކައި މުހިންމު ފިޔަވަޅެކެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި ނާރެހެވެ. މި ވިޔަފާރިތަކަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބިދޭސީންނާ އެކު ކުރަންޖެހޭ ވާދަވެރިކަމެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ވަނީ ދިވެހިންނަށް އެކަނި ވިޔަފާރި ކުރެވޭ ދާއިރާތަކުގެ ޢަދަދު އިތުރުކޮށްފައެވެ.
މިހާރު 34 ދާއިރާއެއްގައި ހަމައެކަނި ދިވެހިންނަށް ވިޔަފާރި ކުރެވޭ ގޮތަށް ޤާނޫނާއި ޤަވާއިދުތަކަށް އިސްލާހު ގެނެސްފައިވެއެވެ. މިކަމުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.
މީގެ އިތުރުން، މި ޤަވާއިދުތައް ތަންފީޒުކުރުމަށް އިޤްތިޞާދީ ވުޒާރާއާއި ދާޚިލީ ވުޒާރާ ގުޅިގެން ބިދޭސީން ޤަވާއިދާ ޚިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވުމުގެ މަސައްކަތް ކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. މިހާތަނަށް 30 އަށް ވުރެ ގިނަ ވިޔަފާރި ބަންދުކޮށްފައިވާކަން އެއީ މި މަސައްކަތުގެ ކާމިޔާބީއެކެވެ.
ވިޔަފާރީގެ ދާއިރާ ކުރިއެރުވުމަށްޓަކައި އައު އުފެއްދުންތަކާއި އީޖާދީ ޚިޔާލުތައް ހިމާޔަތްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަރުކާރުން ވަނީ ވިޔަފާރިތަކުގެ އުފެއްދުންތައް ހިމާޔަތް ކުރުމާއި ފިކުރީ މުދާ ހިމާޔަތް ކުރުމާ ގުޅޭ ދެ ޤާނޫނަކަށް ޢަމަލުކުރަން ފަށާފައެވެ. މި އިސްލާހުތަކުގެ ސަބަބުން ދިވެހިރާއްޖޭގައި އުފައްދާ ވިޔަފާރީގެ އުފެއްދުންތަކަށް ބައިނަލްއަޤްވާމީ ގޮތުންވެސް ހިމާޔަތް ލިބޭނެކަން ކަށަވަރުކުރެވޭނެއެވެ. މިކަމުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް ބައިނަލްއަޤްވާމީ މާކެޓަށް ނުކުތުމުގެ ފުރުސަތު ބޮޑުވެ، އީޖާދީ މަސައްކަތްތަކަށް ހިތްވަރު ލިބިގެންދާނެއެވެ.
ވިޔަފާރިތަކަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބޭރުފައިސާ (ޑޮލަރު) ލިބުމުގައި ހުރި ދަތިކަމެވެ. މިކަން ހައްލުކުރުމަށް ސަރުކާރުން ވަނީ ބޭރުފައިސާގެ ޤާނޫނަށް މުހިންމު އިސްލާހެއް ގެނެސްފައެވެ.
އެގޮތުން، ފަތުރުވެރިކަމުގެ ސިނާޢަތަށް ވަންނަ ބޭރުފައިސާގެ ތެރެއިން 20 އިންސައްތަ ބޭންކުތައް މާރުކުރާ ގޮތަށް ޤާނޫނު އިސްލާހުކުރެވުނެވެ. މި ބަދަލާއެކު، ބޭންކުތަކުން ވިޔަފާރިތަކަށް ދޫކުރާ ބޭރުފައިސާގެ ނިސްބަތް 50 އިންސައްތައަށް ވަނީ އިތުރުކޮށްފައެވެ. މި ފިޔަވަޅުގެ ސަބަބުން ވިޔަފާރިތަކަށް ބޭނުންވާ މުދާ އެތެރެކުރުމާއި، ބޭރުގެ މުޢާމަލާތްތައް ކުރުމަށް ފަސޭހަވެ، އިޤްތިޞާދީ ހަރަކާތްތައް އިތުރަށް ހަލުވިވެގެންދާނެއެވެ.
ހަމައެކަނި ވިޔަފާރީގެ އާދައިގެ ދާއިރާތަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، ސަރުކާރުން ދަނީ ފަންނުވެރި އަދި އުފެއްދުންތެރި ވިޔަފާރިތައް ކުރިއެރުވުމަށްވެސް މަސައްކަތް ކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އެއް އަމާޒަކީ ފަންނުވެރިކަމާއި އުފެއްދުންތެރި އިޤްތިޞާދެއް ތަރައްޤީކުރުމެވެ. މި ދާއިރާއަކީ ޒުވާނުންނަށް ގިނަ ވަޒީފާގެ ފުރުސަތުތަކެއް ހޯދައިދީ، އިޤްތިޞާދު ތަފާތުކުރުމަށް އެހީތެރިވެދޭނެ ދާއިރާއެކެވެ. މިފަދަ ސިޔާސަތުތަކުގެ ސަބަބުން، އިޤްތިޞާދުގެ ބިންގާ ވަރުގަދަވެ، ދިވެހި އުފެއްދުންތަކަށް ބައިނަލްއަޤްވާމީ މަޤްބޫލުކަން ލިބިގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތަކީ ހުރިހާ ފަންތިއެއްގެ ވިޔަފާރިތައް ހިމެނޭ ގޮތަށް، ޤައުމީ އިޤްތިޞާދު ހަރުދަނާކުރުމެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބިދޭސީންގެ ވާދަވެރިކަމުން ހިމާޔަތްކުރުމާއި، ފިކުރީ މުދާ ހިމާޔަތްކުރުމަށް ޤާނޫނީ ބަދަލުތައް ގެނައުމާއި، ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަކީ މި ސިޔާސަތުގެ މުހިންމު ބައިތަކެވެ.
މިފަދަ ހަމަހަމަ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ މާހައުލު އިތުރަށް ހުޅުވި، ދިވެހި ވިޔަފާރިތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ވިޔަފާރިވެރިންގެ ޚިޔާލު ހޯދައިގެން ސިޔާސަތުތައް ބައްޓަންކުރުމަކީ، ސަރުކާރާއި ވިޔަފާރިވެރިންގެ ގުޅުން ބަދަހިކޮށް، އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިކޮށްދޭނެ ކަމެކެވެ.

