އުއްތަމަ ފަނޑިޔާރު ވަކިކުރާނީ ނާތަހުޒީބުކޮށް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މީގެ ކރުިން ފަނޑިޔާރުން ވަކި ކުރީ ވަރަށް ނާތަހުޒީބުކޮށްކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރަސްރަސްކަލުންނަށްވުރެ ވެސް އުއްތަމަ ފަނޑިޔާރު ކަން ކުރެއްވި ބޭބޭފުޅުންގެ އަދަދު ގިނަ ކަމަށެވެ. އޭގެ ތެރެއިން ބައެއް ފަނޑިޔާރުން ވަކި ކޮށްފައި ވަނީ ”ރަދުން ބާލާ އޮޑި ބަނޑު ފިލާ ދަށު ލައިގެން“ ކަމަށާއި ”ކަފަ ބަނދެ އަންދާފައި“ ވެސް ބައެއް ފަނޑިޔާރުން މަގާމުން ވަކި ކުރި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ބައެއް ފަނޑިޔާރުން ވަކި ކުރިއިރު އެ ފަނޑިޔާރުންނަށް އަނިޔާކޮށް ގާގައި ހުންނަ ލަކުނު ވެސް ގުނާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން، މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދެ އުއްތަމަ ފަނޑިޔާރަކު ވަކިކުރިއިރު، އެ ކަން ވެސް ކުރެއްވީ ނާތަހުޒީބުކޮށް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އެގޮތުން އެއް ފަނޑިޔާރު ވަކިކޮށްފައި ވަނީ ގާނޫނަށް ގެނައި ބަދަލަކުން ”އޮޅިގެން“ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަނެއް ފަނޑިޔާރު ވަކި ކުރީ ”ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ދަމައިގެން“ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވަކި ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވި މައްސަލާގައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ އެ ދެ ފަނޑިޔާރުން ވަކި ކުރަން ފެންނަ ކަމަށް ފާސްކޮށްފަ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ކަމަށް ވޯޓަށް އަހާނެ އެވެ.

