ޖޭއެސްސީ އަށް ފެންނަނީ ވަކި ފަނޑިޔާރުންތަކެއްގެ މައްސަލަ އެކަނިތޯ ވިދާޅުވެ ނައިފަރު ދާއިރާގެ މެމްބަރު އަހުަމަދު ޝިޔާމް ސުވާލު އުފައްދަވައިފިއެވެ.
ޝިޔާމް ވިދާޅުވީ، މި ސަރުކާރުން އިންސާފުގެ ވާހަކަ ދެއްކުން ރަނގަޅު ނޫން ކަމަށެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމް ވަރަށް ފަސޭހައިން ސަސްޕެންޑް ކުރި އިރުގައި، މިހާރު ކްރިމިނަލް ކޯޓު ހިންގަވަން ހުންނެވި ގާޒީ އަލީ ރަޝީދުގެ ސުލޫކީ މައްސަަލަ ބަލަން ވެސް ޖޭއެސްސީ އަށް ނުކެރުނު ކަމަށް ޝިޔާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ސަރުކާރާއި އެމްޑީޕީއިން ދަނީ މުޅި ދުސްތޫރީ ނިޒާމް ފުނޑާލަމުން ކަމަށެވެ.
”އަޅުގަނޑަކަށް ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ މުހިއްމު ވެގެނެއް ނޫން މިއުޅެނީ، އަޅުގަނޑަށް މިއުޅެނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ފުނޑާލާތީ. އަޅުގަނޑަށް މި އުނދަނގޫ ވެގެން އުޅެނީ ، ދިވެހިރާއްޖޭގައި ހެދިފައި ހުރި ޤާނޫނުތައް ފުނޑާލާތީ އަޅުގަނޑުމެންނަށް އުނދަނގޫ ވެގެން މިއުޅެނީ“ ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ސުޕްރީމް ކޯޓަށްވުރެ ބޮޑަށް ސުޕްރީމް ކޯޓުކަމަށް ހެދިގެން އުޅެނީ ޖޭއެސްސީއިން ކަމަށެވެ. އަދި ޤާނޫނު އަސާސީއިން ޖޭއެސްސީއަށް ލިބިފައި ނެތް އެތައް ބާރެއް ޤާނޫނީ އިމުން ބޭރުން ކުރަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ޝިޔާމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކުރިއަށްގެންދަން ސުލޫކީ މައްސަލައެއް ބަލާ އެއް ފަނޑިޔާރަކަށް ނުހުންނެވޭ އިރު ސުލޫކީ މައްސަލައެއް އޮތް އެހެން ފަނޑިޔާރަކަށް ހުރެވެނީ ކީއްވެގެންތޯ ސުވާލު އުފައްދަވާފައެވެ.
ޝިޔާމް މިހެން ވިދާޅުވެފައިވާއިރު އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު މަޤާމުން ވަކިކުރުން މިއަދަށް ވަނީ ތާވަލްކޮށްފައެވެ.

