ސަސްޕެންޑްކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމްއަށް ނުފޫޒު އޮތް ކަމަށް އެމަނިކުފާނު ވިދާޅުވާ ކަމަށާ، އެހެންކަމަށް ވާނަމަ އަމުދުން އެމަނިކުފާނު އެ މަޤާމުގައި ހުންނަވައިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ މާވަށު ދާއިރާގެ މެމްބަރު ސައީދު އެމަނިކުފާނަށް ކުތިމަތި ކުރުވި ސުވާލުތަކަކަށް ޖަވާބުދެއްވަމުންނެވެ. ސައީދު ވަނީ އެމްޑީޕީގެ ރައީސްއާއި އެމްޑީޕީ އަށް ނިސްބަތްވާ ވަކީލުންނާއި އެމްޑީޕީގެ އެކި ފެންވަރުގައި މަސައްކަތް ކުރާ ފަރާތްތްތައް ހިމަނައިގެން ޖޭއެސްސީ އޮތް އިރު، ޖޭއެސްސީ އިންސާފުވެރިވާނީ ކިހިނެއްތޯ ސުވާލު އުފައްދަވާފައެވެ. ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ، އެ ބޭފުޅުން މަޖިލީހުގައި ތިއްބެވީ އެމްޑީޕީގެ ބަޔަކަށް ވެގެން ނޫން ކަމަށެވެ.
ޖޭއެސްސީއިން އެއްވެސް ސުލޫކީ މައްސަލައެއް ބަލާ ނުލާ ދޫކޮށް ނުލާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ފަނޑިޔާރު އަހުމަދު ހައިލަމް އޭނަ އަށް ނުފޫޒުއޮތް ކަމަށް ބުނި ނަމަވެސް ގާޒީ އަލީ ރަޝީދު އޭނާގެ މައްޗަށް ނުފޫޒެއް ނެތް ކަމަށް ބުނާ ކަމަށާ،އެހެންކަމުން ގާޒީ އަލީ ރަޝީދަށް ރައީސް ޔާމީންގެ މައްސަލަ ބެލުމަކީ މައްސަލައެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އުއްތަމަ ފަނޑިޔާރު ވަކިކުރާނީ ނާތަހުޒީބުކޮށް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މީގެ ކުރިން ފަނޑިޔާރުން ވަކި ކުރީ ވަރަށް ނާތަހުޒީބުކޮށްކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރަސްރަސްކަލުންނަށްވުރެ ވެސް އުއްތަމަ ފަނޑިޔާރު ކަން ކުރެއްވި ބޭބޭފުޅުންގެ އަދަދު ގިނަ ކަމަށެވެ. އޭގެ ތެރެއިން ބައެއް ފަނޑިޔާރުން ވަކި ކޮށްފައި ވަނީ ”ރަދުން ބާލާ އޮޑި ބަނޑު ފިލާ ދަށު ލައިގެން“ ކަމަށާއި ”ކަފަ ބަނދެ އަންދާފައި“ ވެސް ބައެއް ފަނޑިޔާރުން މަގާމުން ވަކި ކުރި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ބައެއް ފަނޑިޔާރުން ވަކި ކުރިއިރު އެ ފަނޑިޔާރުންނަށް އަނިޔާކޮށް ގާގައި ހުންނަ ލަކުނު ވެސް ގުނާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން، މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދެ އުއްތަމަ ފަނޑިޔާރަކު ވަކިކުރިއިރު، އެ ކަން ވެސް ކުރެއްވީ ނާތަހުޒީބުކޮށް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އެގޮތުން އެއް ފަނޑިޔާރު ވަކިކޮށްފައި ވަނީ ގާނޫނަށް ގެނައި ބަދަލަކުން ”އޮޅިގެން“ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަނެއް ފަނޑިޔާރު ވަކި ކުރީ ”ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ދަމައިގެން“ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވަކި ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވި މައްސަލާގައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ އެ ދެ ފަނޑިޔާރުން ވަކި ކުރަން ފެންނަ ކަމަށް ފާސްކޮށްފަ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ކަމަށް ވޯޓަށް އަހާނެ އެވެ.

