ސަރުކާރުގެ އެކި މަޝްރޫއުތައް ހިންގި އަމިއްލަ ކުންފުނިތަކަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ކްލިއަރ ނުކުރެވި ހުރި ބައިތަކުން ބޮޑު ބައެއް މި މަހުގެ ނިޔަލަށް ނިންމާލެވޭތޯ މަސައްކަތް ކުރައްވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއި ބައްދަލު ކުރުމަށް އޮތް ޖަލްސާގަ އެވެ.
ސަރުކާރުގެ މަސައްކަތްކުރައްވާ ފަރާތްތަކުގެ، ހާއްސަކޮށް މިނިސްޓްރީތަކާއި ކުންފުނިތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޕެންޑިން ބިލްތައްކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ މި މައްސަލަ ކުރިޔަށް އޮތް ރޯދަމަހާއި ބައްދަލުކުރާއިރު ކްލިއަރ ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.
މި މަހުގެ ނިޔަލަށް ވީހާވެސް ގިނަ ބިލްތަކެއް ކްލިއަރ ކުރުމަށް މިހާރުވެސް މަސައްކަތް ކުރަމުންދާކަމަށް ފާހަގަކުރައްވައި ރައީސް ވިދާޅުވެފައި ވަނީ މަސައްކަތް ފިނޭންސް މިނިސްޓްރީން ކަމާބެހޭ ފަރާތްތަކާ އެކީގައި ކުރަމުންދާއިރު، 15 ވަރަކަށް ދުވަހުގެ ތެރޭގައި ގިނަ އަދަދެއްގެ ފަރާތްތަކަށް ފައިސާ ދޫކުރެވޭނެ ކަމަށެވެ.
ސަރުކާރަށް ޕެންޑިންގ ބިލްތައް ދައްކަން ޖެހިފައިވާއިރު، މީރާއަށް ބޮޑު އަދަދެއްގެ ޓެކްސް ދައްކަން ހުރުމަކީ އާންމު ކަމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރުން ދައްކަން އޮތް ފައިސާއިން، އެސްއޯއީ ތަކުން ނުވަތަ މިނިސްޓްރީތަކުން މީރާއަށް ދައްކަން އޮތް ފައިސާ އަޅައިކެނޑޭނެ ގޮތްތަކެއް ހޯދަމުންދާ ކަމަށެވެ. މި މަސައްކަތް މިހާރު ވެސް ކުރިޔަށްދާއިރު، އިތުރަށް ކޮމްޕްރިހެންސިވް ގޮތަކަށް، ގިނަ ބަޔަކަށް ފައިދާ ކުރާނެ ގޮތަކަށް މި އުސޫލު ތަންފީޒު ކުރުމަށް ބަލަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
”ހަމަ ޔަޤީނުންވެސް، ރަނގަޅު ޙައްލެއް އަންނާނެ. މިތާނގައި އަޅުގަނޑަށް އަދަދު، ނޫނީވިއްޔާ މިވެނިވަރެއް ނުދެންނެވުނަސް، ޔަޤީނުންވެސް، މިއަށް ޙައްލެއް އަންނާނެ. އަދި ދެންހުރި ފައިސާވެސް މި ދެންނެވިހެން، ފުދޭވަރެއްގެ ގިނަ ފަރާތްތަކަކަށް މިމަސް ނިމޭއިރަށް، ބާކީ މި އޮތް ފަނަރަވަރަކަށް ދުވަސް ތެރޭގައި، ދެ ހަފުތާއެއްހާ ދުވަސް މިއޮތީ، އިރާދަކުރެއްވިއްޔާ މި ބަލަނީ، ޕޭކޮށްލެވޭތޯ. އަދި ހަމައެއާއެކީގައި، ޖަނަވަރީ މަސް ތެރޭގައި ބާކީ އެމައުންޓްވެސް، ރޯދަމަހާ ހަމައަށް ދާންވާއިރަށް ކްލިއަރ ކޮށްލެވޭތޯ މި ބަލަނީ. ކްލިއަރ ކުރާއިރުގައިވެސް، މިހެންހުރި މީރާގެ ޕެންޑިންގސްތަކަށްވެސް، ތިޔަބޭފުޅުން ދައްކަވަން އޮތް އެއްޗަކަށްވެސް ރަނގަޅު ޙައްލެއް ގެނެސްދެވޭ ގޮތަށް.“ ރައީސް ވިދާޅުވި އެވެ
މިކަމުގެ ސަބަބުން ސަރުކާރަށް ފައިސާ ދައްކަންޖެހިފައިވާ ފަރާތްތަކަށާއި، ސަރުކާރުގެ އެކި ދާއިރާތަކަށް ދައްކަންޖެހިފައިވާ ބިލްތައް އަވަހަށް ނިންމޭނެ މަގެއް ފަހިވެގެންދާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީރާއާއި ފިނޭންސް މިނިސްޓްރީއާ ގުޅިގެން މިކަމުގެ ގާނޫނީ ހުރަސްތައް ބަލައި، އެންމެ ރަނގަޅު ހައްލެއް ގެނެސްދޭނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ. އަދި ޖެނުއަރީ މަސް ތެރޭގައި ބާކީ ހުރި ފައިސާވެސް ރޯދަމަހާ ހަމައަށް ދާންވާއިރަށް ކްލިއަރ ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ. މިގޮތަށް ކްލިއަރ ކުރާއިރު، މީރާއަށް ދައްކަން ހުރި ޕެންޑިންގްސްތަކަށް ވެސް ހައްލެއް ގެނެސްދެވޭ ގޮތަށް ކަންކަން ހަމަޖައްސަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ވެރިކަމާއި ހަވާލުވިއިރު، ފައިސާ ނުދީ ހުރި އެތައް ބިލުތަކެއް ހުރިއިރު، އެ ކްލިއަރ ކުރުމުގެ މަސައްކަތް ކުރަމުންދާކަން ސަރުކާރުން އިއުލާނު ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. ރައީސް ވިދާޅުވި ގޮތުގައި އެކަމަކީ ފުން އަނދަވަޅެއްގައި އޮތް ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހާސިލުކުރެވޭ ވަރަށް ބޮޑު ކާމިޔާބީ އެކެވެ

