ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތްނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ލީގަލައިޒްކުރުމާ ގުޅޭ ޕްރޮގްރާމެއް ފަށައި ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ހޯމް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
ހޯމް މިނިސްޓްރީން ގެޒެޓު ކުރި އިއުލާނުގައިވާގޮތުގައި، ރާއްޖޭގައި ގަވައިދާ ހިލާފަށް ދިރިއުޅޭ އަދި ވަޒީފާ އަދާކުރާ ބިދޭސީންނަށް އަމާޒުކޮށް ”މާސް ލީގަލައިޒޭޝަން ޕްރޮގްރާމް“ އަންނަ 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.
މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ، ރާއްޖޭގައި ހުއްދައެއް ނެތި، ނުވަތަ ހުއްދައިގެ މުއްދަތު ހަމަވެފައިވާ، އަދި ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް ސައްހަ ވޯކް ޕާމިޓެއް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.
މި ޕްރޮގްރާމަކީ، ”އޮޕަރޭޝަން ކުރަނގީ“ ގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. އަދި ލީގަލައިޒޭޝަން ޕްރޮގްރާމް ކުރިއަށް ދާނީ 2026 ޖަނަވަރީ 01 އިން ފެށިގެން އޭޕްރީލް 2 ވަނަ ދުވަހާ ހަމައަށްކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިނިސްޓްރީން އާންމު ކުރި މައުލޫމާތުތަކުގައި ބުނެފައި ވަނީ ލީގަލައިޒްވުމަށް ހަމަޖެހިފައިވާ ޝަރުތުތައް އެ ބިދޭސީއަކު ފުރިހަމަވާން ޖެހޭނެކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ވޯކް ޕަރމިޓްގެ މުއްދަތު ހަމަވެފައިވުމާއި، އެއްވެސް ސަބަބަކާއި ހުރެ ބްލެކްލިސްޓްކޮށްފައިވާ ބިދޭސީއެއް ކަމުގައިނުވުން އަދި ދިވެވެހިރާއްޖޭގައި މިވަގުތު ހުރި ބިދޭސީއެއް ކަމުގައިވުމާއި، ބިދޭސީ ފަރާތް ލީގަލައިޒް ކުރަން އެދޭ ވަޒީފާދޭ ފަރާތަކީ، އެންމެ ފަހުން ވޯކް ޕާމިޓް ދޫކޮށްފައިވާ ވަޒީފާދޭ ފަރާތަށް ނުވުމެވެ.
މީގެއިތުރުން އެއީ ވަޒީފާ އަދާކުރުމުގެ ހުއްދައެއްގެ ދަށުން ރާއްޖެ އެތެރެވެފައިވާ ބިދޭސީއަކު ކަމުގައިވުމާއި، އެއް ފަހަރު ލީގަލައިޒްވެފައިވާ ބިދޭސީއެއް ކަމުގައިނުވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ. އަދި 2025 ޑިސެމްބަރު 31 ވަނަ ދުވަހުގެ ކުރިން، ވަޒީފާދޭ ފަރާތުން ފިލާފައިވާކަމަށް ނުވަތަ ގެއްލިފައިވާކަމަށް އެކްސްޕެޓް ސިސްޓަމްގައި ރިޕޯޓްކޮށްފައިވާ ބިދޭސީއެއް ކަމުގައިވާން ޖެހެ އެވެ.
މިނިސްޓްރީން ބުނީ ވަޒީފާ ދޭނެ ފަރާތެއް ހުރެ، ލީގަލައިޒް ވާން އެދޭ ބިދޭސީން ލީގަލައިޒްކުރުމަށް ހުށަހަޅާނީ، ”އެކްސްޕެޓް ސިސްޓަމް“ މެދުވެރިކޮށް، ވަޒީފާދޭ ފަރާތުން ކަމަށެވެ. އެގޮތުން، ލީގަލައިޒްކުރުމަށް ސިސްޓަމް މެދުވެރިކޮށް ހުށަހަޅާނެ ގޮތުގެ ޔޫޒަރ ގައިޑް އެކްސްޕެޓް ސިސްޓަމް ހޯމް ޕޭޖަށް އަޕްޑޭޓް ކުރާނެކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 1485 ނުވަތަ xpat@mohst.gov.mv އަށް އީމެއިލް ކުރުމަށް ހޯމް މިނިސްޓްރީން ވަނީ އެދިފަ އެވެ.

