މާލެއަށް ދިމާވެފައިވާ އިޖްތިމާއީ މައްސަލަތަކަށް ހައްލެއް ނެތްކަމަށް ދެކި، އެކަންކަމާއި ނޫޅެ ތިބެވެން ނެތްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ހަރުގޭގައި ބޭއްވި، އަލީ އާޒިމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާ އަލީ އާޒިމްއަކީ ރައީސް ނަޝީދާއި އެންމެ އަރިސް އެއް މެމްބަރެވެ.
ރޭގެ ޖަލްސާގައި ރައީސް ނަޝީދުގެ އިތުރުން، ދާދިފަހުން އެމްޑީޕީގެ ޗެއާޕަންގެ މަގާމުން އިސްތިއުފާ ދެއްވި ފައްޔަޒް އިސްމާއިލް ބައިވެރިވެ އަލީ އާޒިމަށް ތާއީދު ކުރައްވައި ވާހަކަ ދެއްކެވި އެވެ.
ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، މާލެއަށް ދިމާވެފައިވާ ވަރަށް ގިނަ މައްސަލަތަކަށް ހައްލެއް ގެނެވެން އޮތީ އަލީ އާޒިމްއަށް ވޯޓު ދީގެން ކަމަށެވެ.
މާލޭގެ ހާލަތާއި ގުޅޭގޮތުން އަލީ އާޒިމްއާއި ދެމެދު ދެކެވުނު ވާހަކައެއް ހިއްސާ ކުރައްވައި ރައީސް ނަޝީދު ވިދަޅުވީ، މާލެއަށް އަހަރެއްގެ މައްޗަށް ވާރޭ ވެހޭ މިންވަރާއި ގުޅޭގޮތުން ކުރެއްވި ސުވާލަކަށް އެމަނިކުފާނު ވެސް ޖަވާބު ހޯއްދެވި ކަމަށެވެ. އެގޮތުން މާލެއަށް އަހަރެއްގެ މައްޗަށް 6،500 ޓަނުގެ ވާރޭ ވެހޭއިރު، މާލޭގައި ފެންބޮޑުވާ މިންވަރާއި ގުޅޭގޮތުން އަލީ އާޒިމް ކަންބޮޑުވުންފާޅު ކުރެއްވިކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ވިއްސާރަ ކޮންމެ މޫސުމެއްގައި މާލޭގައި ފެންބޮޑުވެ އެތައް ދަތިތަކާއި ކުރިމަތިލާން ޖެހޭއިރު ރައީސް ނަޝީދު ވިދާޅުވީ މޫސުމީ މައްސަލަތަކުގެ ސަބަބުން އަހަރަކު 10 މިލިއަން ރުފިޔާގެ ގެއްލުން މާލެއަށް ލިބެމުންދާ ކަމަށެވެ.
އަޅުގަނޑަށް ޔަގީން އަދި އަލީ އާޒިމްގެ މޭޔަރު ކަމުގައި މާލެ އިރާދަކުރެއްވިއްޔާ ބަދަލުވާނެ.. މިގޮތަށް މާލެ ދޫކޮށްފަ ބޭއްވޭކަށެއް ނެތް.. އަދި މީ ކުރެވެން ނެތް ކަމެއް ކަމުގައި ދެކިގެން ފަހަތް ޖެހެވޭކަށް ވެސް ނެތް… އަޅުގަނޑުމެންގެ ދަރީންނާ އަޅުގަނޑުމެންގެ ދަރީންގެ ދަރީންވެސް ހަމަ އުޅޭނެ ގޮތްތަނަކީ މި ފަސްގަނޑު އަޅުގަނޑު ހުރިހާ ރައްޔިތުންގެ ކިބައިން ވަރަށް އިހުލާސްތެރިކަމާއެކު އެދެނީ އަދި އަލީ އާޒިމަށް ވޯޓް ދެއްވުން.
މާލެއަށް ގެނެވޭނެ އެތައް ހައްލަކާއި ގުޅޭގޮތުން އަލީ އާޒިމް އެމަނިކުފާނާއި ސުވާލު ކުރެއްވިކަމަށް ރައީސް ނަޝީދު ވިދަޅުވި އެވެ. އަދި ވިދަޅުވީ މާލޭ ވަށައިގެން އެންމެ ރީތި ފަރު ނޯންނަންވީ ސަބަބާއި، އެންމެ ރީތި މޫދާއި، އެންމެ ރީތި ފަރަށް މާލޭ ފަރު ނުވާންވީ ކީއްވެގެންތޯ އަލީ އާޒިމް ސުވާލު ކުރައްވާފައިވާކަމަށެވެ.
މާލެ މިގޮތަށް ދޫކޮށްފައި ބޭއްވޭކަށް ނެތް ކަމަށާއި، މިއީ ކުރެވެން ނެތް ކަމެއް ކަމަށް ދެކިގެން ފަހަތަށް ޖެހެވެން ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި މުިސްތަގުބަލަށް ވިސްނައި، މިއީ ދަރިންނާއި ދަރީންގެ ދަރިން ވެސް އުޅެން އޮތް ތަންކަމަށް ވިދާޅުވެ ރައީސް ނަޝީދު ގޮވާލެއްވީ އަލީ އާޒިމަށް ވޯޓު ދެއްވުމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އަލީ އާޒިމްގެ މޭޔަރުކަމުގައި މާލެއަށް ވަރަށް ބޮޑެތި ބަދަލުތައް ގެނެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

