ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކުރުމަށް ސަރުކާރުން ހެދި ގަވައިދާއި އެކަމަށް ހެދި ޕްލޭން ބާތިލު ކުރުމަށް ހައިކޯޓަށް ހުށަހެޅު ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރެޖިސްޓްރަރ ނިންމަވައިފި އެވެ.
ކަށިމިޔަރުގެ މަސްވެރިކަން ވަކި އުސޫލެއްގެ ތެރެއިން ހުއްދަކޮށް، އެކަން ސަރުކާރުން އިއުލާނު ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. ސަރުކާރުގެ އެ އުސޫލު ބާތިލު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރުތައް ވެސް އިދިކޮޅުން ހުށަހެޅި އެވެ.
މި މައްސަލައިގައި ކޯޓަށް ހުށަހަޅާފައި ވަނީ، ސަރުކާރުން އާންމު ކުރި ގަވައިދާއި އެއާއި އެކު އާންމު ކުރި ޕްލޭން ބާތިލު ކުރުމަށެވެ. މައްސަލަ ކޯޓަށް ހުށަހެޅުއްވީ ތިމާވެށީގެ ކަންކަމުގައި އަޑުއުފުލައި، ހަރަކާތްތެރިވާ ހުމައިދާ އަބްދުލްޣަފޫރާއު، މުހައްމަދު ސިނީންގެ ފަރާތުންނެވެ.
ދުސްތޫރީ މައްސަލައަކަށް ވާނީ ގާނޫނެއް ނުވަތަ ގަވައިދަށް ވާތީ، ހައިކޯޓަށް ހުށަހެޅި މައްސަލައަކީ އޭގެއިން އެއްވެސް ބަޔަކަސް ނުފެތޭ ޕްލޭންއެއްކަމުން މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރެޖިސްޓަރަރ ނިންމެވީ އެވެ. ހައިކޯޓުގެ ރެޖިސްޓްރާރ ގެ ނިންމެވުމުގައި ވަނީ ކަށިމިޔަރުގެ މަސްވެރިކަމުގެ ޕްލޭނަކީ ގާނޫނެއް ނުވަތަ ގަވައިދުގެ ބައެއް ނޫން ކަމަށެވެ.
ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ހުޅުވާލައި އާންމު ކުރި ގަވާއިދުގެ ދަށުން ކަށިމިޔަރުގެ މަސްވެރިކަމާއި ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން އެކަން ކުރަންވާނީ، މި ވުޒާރާއިން ދޫކުރާ ލައިސަންސްއެއްގެ ދަށުންނެވެ. މި ލައިސަންސް ދޫކުރާނީ 1 އަހަރު ދުވަހުގެ މުއްދަތަށެވެ.
މި ގަވާއިދުގައި ވާގޮތުން ކަށި މިޔަރުގެ މަސްވެރިކަންކޮށް، މަސްކިރޭނީ 4 ބަނދަރަކަށެވެ. އެއީ ހދ. ކުޅުދުއްފުށި ސީޓީ ބަނދަރު، ށ. ފުނަދޫ، ރ. މަޑުއްވަރީ އަދި އއ. ހިމަންދޫ ބަނދަރަށެވެ.
ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގައި، ކަށިމިޔަރު ފިޔަވައި އެހެން އެއްވެސް ބާވަތެއްގެ މިޔަރަކަށް އަމާޒުކޮށް މަސްވެރިކަން ކުރުމަކީ މަނާކަމެކެވެ.
މީގެއިތުރުން ބާނާ ކަށިމިޔަރުގެ އެއްވެސް ބައެއް، ބަނދަރަށް ގެނައުމުގެ ކުރިން، އޭގެ ހަށިގަނޑުން ވަކިކުރުމަކީ މަނާކަމެކެވެ. އަދި ބަނދަރަށް ގެނައުމުގެ ކުރީގައި ޕްރޮސެސްކުރުމުގެ އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާކަމެކެވެ. އަދި ކަށިމިޔަރުގެ މަސްވެރިކަމުގައި ކަށިމިޔަރު ފިޔަވައި އެހެން އެއްވެސް ބާވަތެއްގެ މިޔަރަކަށް އަމާޒުކޮށް މަސްވެރިކަންކުރުމަކީ މަނާކަމެކެވެ.
ކަށިމިޔަރާއި ކަށިމިޔަރުގެ އުފެއްދުންތައް އެކްސްޕޯޓުކުރާ ފަރާތްތަކަށް ކަށިމިޔަރު ގަނެވޭނީ، މަސްވެރިކަން ކުރުމުގެ ނުވަތަ ޕްރޮސެސްކުރުމުގެ ނުވަތަ ސަޕްލައިކުރުމުގެ ލައިސަންސެއް ލިބިފައިވާ ފަރާތަކުންނެވެ. އަދި އެކްސްޕޯޓްކުރުމަށް ތައްޔާރުކުރާ ކަށިމިޔަރުގެ އުފެއްދުންތައް ޕެކޭޖްކުރުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާއި އުޞޫލުތައް ގަވާއިދުގައި ބަޔާންކުރެ އެވެ.

