ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން ކުރިޔަށް ގެންދާނެގޮތް ކޮންސްޓްރަކްޝަން، އެންޑް ހައުސިން މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
މިނިސްޓްރީން ބުނީ ގޯތިތަކުގެ ގުރުއަތުލުން ކުރިޔަށް ގެންދާނީ އާދީއްތަ ދުވަހުގެ ހެނދުނު 09:00 އިން ފެސިގެން ކަމަށެވެ.
ގުރުއަތުލުން ކުރިޔަށް ގެންދާއިރު، ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން ކޮންމެވެސް އެއް ފަރާތަކަށް ހޯލަށް ވަދެވޭނެކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ގުރުއަތުލުމަށް އަންނައިރު ކޮންމެ ފަރާތަކުން ވެސް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިނިސްޓްރީން ބުނީ ގުރުއަތުލުމަށް ހުޅުމާލެ ތިންވަނަ ފިޔަވަހިން ގުރުއަތުލުމަށް ކަނޑައަޅާފައިވާ ބިންތަކުގެ ޗާޓު ހިޔާވަހި ޕޯޓަލްއިން ފެންނާނެ ކަމަށެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތުގެ ތެރެއިން، މިހާތަނަށް 61 ހެކްޓަރުން 31 ހެކްޓަރު ވަނީ ހިއްކާފަ އެވެ. މިއީ މަޝްރޫއުގެ ޖުމްލަ 49.2 އިންސައްތަ މަސައްކަތެވެ.
މި މަސައްކަތް ކުރިޔަށް އޮތް ދެ މަސް ތެރޭގައި ނިންމާލެވޭނެކަމަށް އެ މަޝްރޫއު ކުރިޔަށް ގެންދާ އެމްއޭސީއެލްއިން ވަނީ ބުނެފަ އެވެ.
ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. ނަމަވެސް އެކި ފަހަރު މަތިން މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، އެމްއޭސީއެލް އަލުން އެ މަސައްކަތް ފަށާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 10 ގައެވެ.
މި މަޝްރޫއަކީ ހުޅުމާލެ އިތުރަށް ތަރައްގީކޮށް، ގިނަ ބަޔަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށް ސަރުކާރުން ބުނެއެވެ.

