ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްނއާން ވަހީދު ބަންދުން ދޫކުރެވެން ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ޝަމްއާންގެ މައްޗަށް ދައުވާކޮށްފައި ވަނީ، އޭނާއާ ބައިވެރިވާ އިމިގްރޭޝަން މުވައްޒަފުންތަކެއް ގުޅިގެން ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ އަތުން، މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، އެ ޢަމަލުތަކުން މާލީ މަންފާ ހޯދައި އެ ފައިސާ އަތުގައި ބަހައްޓައި އޭގެއިން މުޢާމަލާތްކޮށް ލޯންޑަރކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައައިގަ އެވެ. ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވާއިރު އެއީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، ލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. މި ދެ ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނީ ތިން އަހަރުގެ ހުކުމަކާއި، އެއް އަހަރާއި ހަތް މަސް ދުވަހުގެ ޖަލު ހުކުމެކެވެ. އަދި މަނީ ލޯންޑްރިންގެ ދައުވާ ވެސް އުފުލާފައިވާއިރު އެއީ ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަތުވެދާނެ ދައުވާ އެކެވެ. އަދި ޖޫރިމަނާގެ ގޮތުގައި އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ އަދަބު ކަނޑައެޅޭ ފަދަ ދައުވާ އެކެވެ.
މިދިޔަ ރޯދަ މަހު ޝަމްއާންގެ މައްޗަށް ކުރެވުނު ތުހުމަތުތަކާއި އެކު ކުއްލި ގޮތަކަށް އޭނާ މަގާމުން ވަކިކޮށް ހައްޔަރު ކުރީ އެވެ. މައްސަލައިގައި ޝަމްއާން އަދިވެސް ބަންދުގައި ހުރިއިރު، އޭނާގެ ބަންދު މުރާޖައާކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅި މައްސަލައިގައި ދައުލަތުން ބުނީ ހެކި ބަސް ނެގުމުގެ މަރުހަލާއަށް ފަހު އޭނާ ބަންދުން ދޫކޮށްލުމަށް އިއުތިރާޒެއް ނުކުރާނެ ކަމަށެވެ.
ބަންދުގެ މައްސަލައާއި ގުޅުވައި ޝަމްއާންގެ ފަރާތުން މީގެ ކުރިން ހައިކޯޓަށް ވެސް މައްސަލަ ހުށަހަޅާފައި ވެއެވެ. މި މައްސަލައިގައި ޝަމްއާންގެ ވަކީލު ބުނެފައި ވަނީ، އެންމެ ފުރަތަމަ އަމުރާ ގުޅޭގޮތުން މަނީ ލޯންޑަރިންގެ ތުހުމަތެއް އޮވެއްޖަ ނަމަ އޭސީސީގެ ބައިވެރިވުމެއް ނެތި ވެސް އެ މައްސަލަ ފުލުހުންނަށް ބެލިދާނެކަމަށް ހައިކޯޓުން ނިންމި ނިންމުމަކީ އެ ކޯޓުން މީގެ ކުރިން ކޮށްފައިވާ ޙުކުމްތަކާއި، މަތީ މަރުޙަލާގެ ކޯޓުތަކުން ކުރިން ނިންމާފައިވާ ނިންމުންތަކަށް ބެލުމުގެ އުސޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
މި މައްސަލައިގައި މީޑިއާތަކުގެ ސަމާލުކަން ވެސް ޝަރީއަތްތަކަށް ވަނީ ހުއްޓިފަ އެވެ. އަދި ޝަމްއާންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތަކީ މީޑިއާ ސާކަސްއަކަށް ހަދަން އޭނާ މަސައްކަތް ނުކުރުމަށާއި އަދި އެކަން ކުރާ ނަމަ ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު މައްސަލަ ބައްލަވާ ވެސް ވަނީ ދެއްވާފަ އެވެ. އެ މައްސަލާގެ ޝަރީއަތް މީޑިއާ ހެޑްލައިން ހެދުމަށް ބޭނުން ނުކުރުމަށް ވެސް ގާޒީ ވިދާޅުވި އެވެ.

