ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކުން، 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މުޅި ޖުމްލަ 13.29 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދައި އަދި 15 ކުންފުންޏަކުން ޖުމްލަ 2.05 ބިލިއަން ރުފިޔާގެ ސާފު ފައިދާ ރެކޯޑްކޮށްފައިވާކަން ކުންފުނިތަކުގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
މީގެ އިތުރުން، ދައުލަތުގެ 12 ކުންފުންޏަކުށް 281 މިލިއިންގެ ރުފިޔާގެ ގެއްލުން ރެކޯޑްކޮށްފައިވީނަމަވެސް، މުޅި އެސް.އޯ.އީ ސެކްޓަރުގެ ސާފު ފައިދާގެ ގޮތުގައި 1.76 ބިލިއަން ރުފިޔާ ރިކޯޑު ކުރެވިފައިވާ ކަމަށް ޕިސީބީން ޢާއްމުކުރާ ކުންފުނިތަކުގެ މާލީ ހިސާބުތަކުން ފެނެއެވެ. މި ކުއާޓަރުގައިވެސް، ގެއްލުން ރިކޯޑުކޮށްފައިވާ ގިނަ ކުންފުނިތަކަކީ ރައްޔިތުންނަށް ހެޔޮ އަގުގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތައްކަން ޕީސީބީއިން ހާމަކުރެއެވެ.
ޕީސީބީން ޢާއްމުކުރާ މާލީ ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާރާއި އަޅާބަލާއިރު އާމްދަނީ 9 އިންސައްތަ ދަށްވެފައިވީނަމަވެސް، ކުންފުނިތަކުގެ ސާފު ފައިދާވަނީ 10 އިންސައްތަ އިތުރުވެފައެވެ.
މިއީ ކުންފުނިތަކުގެ އާމްދަނީ ދަށްވިނަމަވެސް، ކުންފުނިތަކުގެ ޚަރަދުތައް ރަނގަޅަށް މެނޭޖްކުރެވި، ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށާއި، ޚަރަދު ކުޑަކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ކާމިޔާބު ވަމުންދާކަމަށް އަންގައިދޭ ކަމެއްކަން ޕީސީބީން ހާމަކުރެއެވެ.
ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ ތެރެއިން 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ރަނގަޅު އާމްދަނީއެއް ހޯދާފައިވަނީ، 4.02 ބިލިއަންގެ އާމްދަނީއަކާއި އެކު، ސްޓޭޓް ޓްރޭޑިންގް އޯގައިޒޭޝަން (އެސްޓީއޯ) އިންނެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ 42 އިންސައްތައިގެ ކުރިއެރުމަކާއިއެކު، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިންނެވެ.
2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ބޮޑު ފައިދާއެއް ހާސިލްކޮށްފައިވަނީ މޯލްޑިވްސް އެއާޕޯޓސް ކޮންޕެނީ ލޓޑ (އެމްއޭސީއެލް) އިންނެވެ. މި ކުއާޓަރުގައި އެމްއޭސީއެލްއަށް ސާފު ފައިދާގެ ގޮތުގައި، 572 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މި ކުއާޓަރުގައި އެންމެ ބޮޑު ގެއްލުމެއް ރިކޯޑް ކޮށްފައިވަނީ 113 މިލިއަން ރުފިޔާގެ ގެއްލުމަކާއި އެކު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އިންނެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ފައިދާގެ އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ 190 އިންސައްތައިގެ ކުރިއެރުމަކާއިއެކު، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ. އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެޗްޑީސީއަށް 268.49 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވެއެވެ.
ޕީސީބީގެ 2024 ވަނަ އަހަރުގެ ސެކްޓަރ ރިޕޯޓުގައި އެޗްޑީސީއަށް ލިބިފައިވާ މާލީގެއްލުމުގެ އަދަދަކީ 2023 އަދި 2024 ވަނަ އަހަރުގެ އޮޑިޓް ނިމުމުގެ ކުރިން، ކުންފުނިން ފޯރުކޮށްދީފައިވާ ޕްރޮވިޝަނަލް އަދަދުތަކަށް ބިނާކޮށް ހިމެނިފައިވާ އަދަދެކެވެ. އެޗްޑީސީގެ 2023 ގެ އޮޑިޓް ފައިނަލްވިއިރު، 2024 ގެ މާލީ އަދަދުތަކަށް އަސަރުކުރާ ބައެއްކަންކަން ހިނގާފައިވާތީ، އެ ކުންފުނީގެ 2024 ވަނަ އަހަރުގެ މާލީ ހިސާބުތައް ބަލާއިރު އެޗްޑީސީއަށް ފައިދާވާނެކަމަށް ލަފާކުރާކަމަށް ޕީސީބީން ހާމަކުރެއެވެ.
2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި، ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ ޖުމްލަ އެސްޓް ވެލިއު (ހަރު މުދަލުގެ އަގު)އަކީ 205.24 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު، 10 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ހަމަ މި މުއްދަތުގައި ކުންފުނިތަކުގެ ދަރަނި 7 އިއްސައްތަ އިތުރުވެފައިވެއެވެ. ކުންފުނިތަކުގެ ދަރަނި އިތުރުވެފައިވާ މިންވަރަށްވުރެން ބޮޑަށް، އެސެޓް ނުވަތަ ހަރުމުދާ އިތުރުވެފައިވުމުން، ކުންފުނިތައް ފުޅާވެ ކުރިއެރުމަށް، ދަރަންޏަށް ބަރޯސާވުން ދަށްވެފައިވާކަން ޕީސީބީއިން ހާމަކުރެއެވެ.
2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުންފުނިތަކުގެ ލިކިއުޑިޓީ ޕޮޒިޝަނަށްބަލާއިރު، މާލީ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތައް ނުހިމަނައި، 60 އިންސައްތަ ކުންފުނިތަކުގެ ކަރަންޓް ރޭޝިއޯ އެންމެ އެދެވޭ މިންގަނޑުގައި ހިފެހެއްޓިފައިވާކަން ޕީސީބީގެ ރިޕޯޓުގައި ފާހަގަކުރެވެއެވެ. މީގެ އިތުރުން ކުންފުނިތަކުގެ ލެވެރަޖްއަށް ބަލާއިރު، މާލީ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތައް ނުހިމަނައި، 60 އިންސައްތަ ކުންފުނިތަކަކީ ދަރަންޏަށް ބަރޯސާނުވެ ނުވަތަ ދަރަނީގެ މިންވަރު އެދެވޭ މިންގަޑެއްގައި ދައްކޮށް ހިފަހައްޓައިގެން، ކުންފުނީގެ މުއާމަލާތްތަކަށް ފައިސާ ހޯދައި މެނޭޖްކުރަމުންދާ ކުންފުނިތަކެކެވެ. އަދި ހަމަ މިއާއި އެކު ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން 25 އިންސައްތަ ކުންފުންޏަކީ އެއްވެސް ވަރަކަށް ދަރަނި ނަގާފައިނުވާ ކުންފުނިތަކެއްކަންވެސް ޕީސީބީއިން ފާހަގަކުރެވެއެވެ.

