ދިވެހި ރާއްޖޭގައި ބާރު ނުދޭ ވުޒާރާތައް އެބަހުރި ކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އޭނާ އެފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ވާހަކަދައްކަވަން ލިބުނު ފުރުސަތުގައި ވާހަކަދައްކަވަމުންނެވެ.
ޖާބިރު ވިދާޅުވީ ރާއްޖޭގައި ހުރި ވުޒާރާތަކުގެ ތެރެއިން ފިޝަރީޒް މިނިސްޓްރީއާއި ޕްލޭނިން މިނިސްޓްރީއަށް ބާރުތައް ލިބިދީފައި ނުވާކަމަށް ވިދާޅުވެފައެވެ. އެ ދެ ވުޒާރާގެ މަސައްކަތްތައް ހުރީ މަސްހުނިވެފައި ކަމަށް ޖާބިރު ވިދާޅުވިއެވެ. އެގޮތުން ފަތުރުވެރިކަމުގެ ވުޒާރާއިން ފިޝަރީޒްގެ މަސައްކަތް ކުރާއިރު، ޕލޭނިންގެ މަސައްކަތްތައް ކުރަނީ ހައުސިން މިނިސްޓްރީން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މާލޭ ސިޓީ ކައުންސިލް ވެސް ބަރާބަރަށް މަސައްކަތް ނުކުރާކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭގެ ތަރުތީބު ގެއްލި މާލެ ގޮނޑުވެފައިވާ ކަމަށް ވިދާޅުވެ، ސީޓީ ކައުންސިލަށް ވެސް ޖާބިރު ފާޑު ވިދާޅުވިއެވެ. ްޖާބިރު ވަނީ ބާރުތައް ނުދެވޭ މުޢައްސަސާތައް އުވާލަން ގޮވާލައްވާފައެވެ.
ޑައިވިންއަށް ގޮސް އުޅޭއިރު މީހަކު ޑިކޮމްޕްރެޝަން ސިކްނެސް (ޑީކޯ) ވެއްޖެނަމަ އޭނާއަށް އަވަސް ފަރުވާ ލިބޭނެ ވަސީލަތްތައް ގާއިމުކޮށްފައި ނުވާތީ އެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް ސަރުކާރުގެ ސަމާލު ކަމަށް އެކަން ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވަނީ ހުށަހަޅުއްވާފައެވެ.
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައަށް މަޖިލީހުގެ މެންބަރުން ބަހުސް ކުރެއްވުމަށް ހުޅުވާލަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 43 މެންބަރުންގެ އިއްތިފާގުންނެވެ.

