އދ. ގެ ސްޕެޝަލް ރެޕަޓުއަރ އޮން ޓޯޗަރ އެންޑް އަދަރ ކްރުއަލް، އިންހިއުމަން އޮރ ޑީގްރޭޑިންގ ޓްރީޓްމަންޓް އޮރ ޕަނިޝްމަންޓް ޕްރޮފެސަރ ނިލްސް މެލްޒަރ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާ ބައްދަލުކުރައްވައިފިއެވެ.
އަންގާގާރަ ދުވަަހު ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ، އަނިޔާވެރިކަމާއި ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށް ދިވެހިރާއްޖެއިން ޢަމަލުކުރަމުންދާ ސިޔާސަތުތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ. އަދި، ލާއިންސާނީ ޢާމަލުތަކާއި އަނިޔާވެރިކަން ހުއްޓުވުމަކީ ދިވެހިރާއްޖެއިން ބޮޑު އަހުމިއްޔަތުކަމެއް ދެއްވާކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ހަމައެހެންމެ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، އދ. ގެ އެކިއެކި ގުނަވަންތަކުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށްޓަކާ ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުވުމުގައި، އދ. ގެ ސްޕެޝަލް ރެޕަޓުއަރ އޮން ޓޯޗަރ އެންޑް އަދަރ ކްރުއަލް، އިންހިއުމަން އޮރ ޑީގްރޭޑިންގ ޓްރީޓްމަންޓް އޮރ ޕަނިޝްމަންޓް ޕްރޮފެސަރ ނިލްސް މެލްޒަރ، އޭނާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތަފުސީލު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާވަނީ ހިއްސާކުރައްވާފައެވެ.
އެ ބައްދަލުވުމުގައި، ލާއިންސާނީ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށްޓަކައި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކާއި އެކަމުގައި ދިމާވާ ގޮންޖެހުންތަކާމެދުވެސް މަޝްވަރާކުރެއްވުމުގެ އިތުރުން، ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރައްވަމުންދާ މަސައްކަތުގެ ދަށުން، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް ބައިނަލްއަޤުވާމީ އުސޫލުތައް ތަންފީޒުކުރުމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޮނަރަބްލް އީވާ ޢަބްދުﷲ އާއި އަމީން ޢާއްމު އަލްއުސްތާޛާ ފާޠިމަތު ނިޔުޝާއާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

