މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް މަގުތަކަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ޙައްލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ
ރައީސް އޮފީހުން ބުނީ މާލޭގެ މަގުތަކަށް ދިމާވެފައިވާ ޓްރެފިކުގެ މައްސަލަތަކާއި ފެންބޮޑުވުމުވުގެ މައްސަލަތައް ހައްލުކޮށް މާލޭގެ މަގުތަކަކީ ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އުޅަނދުތަކަށް ފަހިވާގޮތަށް ތަރުތީބުކުރެވިފައިވާ ހިތްފަސޭހަ ތަނަކަށް ހެދުމުގެ މަޝްރޫޢެއް ކުރިޔަށްގެންދެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވާފައިވާ ކަމަށެވެ.
ރައީސް ސޯލިހު މިގޮތަށް ނިންމަވާފައި ވަނީ މިކަމާބެހޭގޮތުން މާލޭ ސިޓީކައުންސިލުގެ އިސްނެންގެވުމާއެކު އެކުލަވާލައްވާފައިވާ ”ސްޓްރީޓް ސްކޭޕިންގ ޑިވެލޮޕްމަންޓް ޕްލޭން“ އާއި ގުޅޭގޮތުން ނޭޝަނަލް ޕްލޭނިންގ މިނިސްޓްރީން ހުށަހަޅުއްވާފައިވާ ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި އިއްޔެ މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
މާލޭގެ ސްޓްރީޓް ސްކޭޕިންގ ޑިވެލޮޕްމަންޓް ޕްލޭނަކީ މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމުކުރެވިފައިވާ ތަނަކަށް ހެދުމަށްޓަކައި މާލެއަށް މިހާރު ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަތަކަށް ރިޢާޔަތްކޮށް މާލޭގެ މަގުތަކަކީ ވަކިގޮތަކަށް ތަރުތީބު ކުރެވިފައިވާ މަގުތަކަކަށް ހެދުމުގެ ބޭނުމުގައި އެކުލަވާލެވިފައިވާ ޕްލޭނެކެވެ.
މި މަޝްރޫޢުގެ ޕްލޭނާ އެއްގޮތަށް މަގުތައް ހެދިގެންދާއިރު މާލޭގެ މަގުތައް ގިންތި ކުރެވި ދުއްވާ އުޅަނދުފަހަރާއި ހިނގާބިނގާވެ ހަދާ ފަރާތްތަކަށް ފަހި މަގުތަކަކަށް ހެދިގެންދާނެއެވެ. އެގޮތުން ވެހިކަލް ޕާކުކުރުމުގެ މައްސަލައަށް ޙައްލު ލިބި، ފެންހިނދުމުގެ ނިޒާމާއި ޑީވޯޓަރިންނާއި އަދި މުވާސަލާތީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ ނަރުތަކާއި، ކަރަންޓް، ނަރުދަމާ ނިޒާމާއި ފެނުގެ ނިޒާމުފަދަ ޔޫޓިލިޓީގެ ޚިދުމަތްތަކުގެ ނިޒާމު ވެސް އިތުރަށް ރަނގަޅު ކުރެވިގެންދާނެއެވެ.
މި ޕްލޭނާ އެއްގޮތަށް މަގުތައް ގިންތި ކުރެވޭއިރު ޢާންމު ދަތުރުފަތުގެ ޚިދުމަތް އަލުން ތަޢާރަފުކުރެވި މަގުތައް ފެހިކޮށް، ހިނގާބިގާވެ އުޅުމަށް ފަހި މާހައުލެއް ޤާއިމުކުރެވި، ފައިމަގުގައި އުޅުމަށް ހިތްވަރު ލިބި މަގުތައް ބޭނުން ކުރުމަށް ވެސް އިތުރަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މާލޭގެ މަގުތައް ތަރައްޤީ ކުރުމަށް ސަރުކާރުން ނިންމާފައިވާއިރު ނިމިދިޔަ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގައިވެސް ވަނީ މާލޭގެ މަގުތައް ތަރައްޤީ ކުރުމަށް ބޮޑު މަޝްރޫޢުއެއް ކުރިއަށްގެންގޮސްފައެވެ. އެ މަޝްރޫޢުގެ ދަށުން މަޖީދީ މަގު އެއްކޮޅުން އަނެއްކޮޅަށް ތަރައްޤީކޮށް ބޮޑު ތަކުރުފާނު މަހުގައި ތާރުއަޅާ ރިންގްރޯޑުގެ ނަމުން ނަންދިނެވެ. ޔާމިންގެ ފަސް އަހަރފު ނިމުނު އިރު މާލޭގެ އެތެރޭގެ މަގުތައް ވަނީ ތަރައްޤީކުރަން ފަށާފައެވެ.

