ދަރިވަރުންގެ ހުނަރު ދެނެގަނެގެން އުނގަންނަދިނުމަށް އެޑިއުކޭޝަން މިނިސްޓާރ ޑރ އައިޝަތު އަލީ މުދައްރިސުންނައް ގޮވާލައްވައިފިއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ ކަލަރސް އެވޯޑު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ކަލާޒް އެވޯޑަކީ ރާއްޖޭގެ ސްކޫލްތަކުގައި ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުން، ދިރާސީ އަހަރުގެ ތެރޭގައި ވާދަކުރާ އެކިއެކި ކުޅިވަރުތަކުން ހޯދާފައިވާ ރަންވަނަތައް ޤައުމީ ފެންވަރެއްގައި ފާހަގަކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ތަޢާރަފުކޮށްފައިވާ އެވޯޑެކެވެ.
އެހަފްލާގައި ވާހަކަދައްކަވަމުން މިނިސްޓާރ ވިދާޅުވީ އެކި ކުދިން މޮޅުވާނީ އެކި ހުނަރުތަކަށް ކަމަށާއި އެކުއްޖެއްގެ ކިބައިގައި ނެތްކަމެއް ޙާސިލުކުރުމަށް ޓީޗަރުންނާއި ބެލެނިވެރިން ބާރުއަޅާނަމަ އެކުރެވެނީ ބޭކާރުކަމެއް ކަމަށެވެ. އެހެންކަމުން ކޮންމެ ކުއްޖެއްގެ ކިބައިގައި ހުރި ހުނަރަކާއި ޤާބިލުކަމެއް ފާހަގަކޮށް އެކަން ކުރިއަރުވަން މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ކުލާސްރޫމް، މާބަގީޗާއެއްގެ މިސާލުން މިސާލު ނަންގަވާ ވާހަކަދައްކަވާފައެވެ.
“ އިޙްސާސްކުރެވޭނީ، ކޮންމެ ކިލާހަކީ މާބަގީޗެއްގެ ގޮތަށް. ބައެއް ގަހުގައި އަޅަނީ ފިނިފެންމާ، ބައެއް ގަހުގައި ހުވަނދުމާ، ބައެއް ގަހުގައި، ގުލްޗަންޕާމާ، އަނެއްބައި ގަހުގައި ގުލޭނޫރަންމާ، ގުލްބަކާ، ގުލްހަޒާރު، ގުލްއަލާ މިގޮތަށް ގޮސް ކިޔާނެކަމެއް ނެތް. މި ބަގީޗާގެ މައުތަކަށް ނަޒަރު ހިންގާލުމުން، މުދައްރިސުންނަށް ފާހަގަކުރެވެނީ، އެކި ގަހުގައި އަޅާ މައުތަކުގައި ވަނީ އެކި ބޭނުންކަން. ފިނިފެންމަލުން ހަދަނީ އަތަރު. ހުވަނދުމަލުން މައުފެން، ކަށިމަލުން ފަންޑިތަ، ބައެއް މައުތަކުން ބޭސް. ބަގީޗާ ފުރިހަމަ ވަނީ އެކި މައުތައް އެތަނުގައި ހިމެނިގެން. އެކި މާމަލުގެ ސިފަ ތަފާތުވާ ފަދައިން، ކޮންމެ ދަރިވަރަކީ ވެސް ތަފާތު ނަފުސެއް. އެކި ކުދިން ޠަބީޢީ ގޮތުން މޮޅުވަނީ އެކި ކަންކަމަށް. ބައެއް ކުދިން، ސައިންސް އަށް، އަނެއް ބައިކުދިން ދުވުމަށް، ބައެއް ކުދިން ފުންމުމަށް، ބައެއް ކުދިން ވޮލީއަށް ނުވަތަ ފުޓުބޯޅައަށް ނުވަތަ ވެލްޑިން ކުރުމަށް. ކޮންމެ ކަމަކީ ވެސް ރަނގަޅު ދިރިއުޅުމެއް ހޯދުމަށް ހަމަ އެންމެ ރަނގަޅު ކަންތައް. ކޮންމެ ދަރިވަރަކީ ވެސް އެކުއްޖެއްގެ ގޮތުގައި ރަނގަޅު ދަރިވަރެއް. އަޅުގަނޑުމެން މުދައްރިސުން ނަރުގިސް ގަހެއްގައި ކަރަންކާ މަލެއް އަޅުވަން އުޅެފިނަމަ، އެކުރެވެނީ ބޭކާރު ކަމެއް. އަޅުގަނޑުމެން މަސައްކަތް ކުރަންވީ ކޮންމެ ގަހެއްގައި އޭގެ ޠަބީޢީ މައު އެދެވޭގޮތުގައި ފަރިކުރުވާން. ކޮންމެ ކުއްޖެއްގެ ކިބައިގައި ހުންނަ ޠަބީޢީ ޤާބިލްކަން ފާހަގަކޮށް އެ ޤާބިލްކަން ކުރިއަރުވައި ފުރިހަމަ ކުރާން. ނޫންނަމަ، އަޅުގަނޑުމެންގެ ބަގީޗާގައި އަޅާ މައުތައް ގުރުޑުވާތަން ނޫނީ ނުފެންނާނެ“
އެވޯޑު ދިނުމުގެ ހަފްލާގައި މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ ދިވެހިރާއްޖޭގެ ތަރައްޤީ އެންމެ ބޮޑަށް ބިނާވެފައި އޮންނާނީ، ދިވެހީންގެ ހިތްވަރާއި ފަންވަރުގެ މައްޗަށްކަމަށެވެ. މި ނަޒަރުން ބަލާއިރު، އެކަށީގެންވާ ކުޅިވަރަކީ، ޤައުމީ ތަރައްޤީއަށް ވަރަށް މުހިއްމު ހަރަކާތެއްކަން ފާހަގަކުރައްވާ މިނިސްޓާރ ވިދާޅުވީ ކަމެއް ދިރިއުޅުމުގެ އާދައަކަށް ހެދޭނީ، އެކަމެއް ޅަފަތުގައި ފަރިތަކޮށްގެން ކަމަށް ވިދާޅުވިއެވެ.
“ ޒުވާން ފުރާގައާއި ހަރު ދުވަސްވަރާއި މުސްކުޅި އުމުރުގައި ކަސްރަތުކޮށް އުޅޭނީ، ކުޅިވަރު ކުޅޭނީ، މަދަރުސާ ދައުރުގައި ކުޅިވަރު ކުޅެ އުޅޭނަމަ. ފިކުރީގޮތުން ދުޅަހެޔޮވިޔަސް، ހަމަ ކޮންމެ ކުއްޖެއް ޞިއްޙީ ގޮތުންވެސް ދޮޅަހިވާން ވާނެ. ކުޅިވަރަކީ މުޅި ޙަޔާތުގެ ހުރިހާ ދުވަސްވަރަކު ކުރާ ކަމަކަށް ވާންވާނެ. އެއީ ހަށިގަނޑަށް ދޭންޖެހޭ ޙައްޤެއް. ދިރިއުޅުމުގެ އާދައަކަށް ކޮންމެހެން ކުރަންޖެހޭ ކަމެއް. ޙަރަކާތްތެރި ދިރިއުޅުމެއް ނޫޅޭ ނަމަ، ތަފާތު ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު. މަސައްކަތަށް، ވަޒީފާއަށް ސަލާން ބުނުން ގިނަވޭ. މިކަމުގެ ސަބަބުން، މަސައްކަތް ކުރަން ދަތިވެ އުފެއްދުންތެރިކަން ދަށްވޭ. އާސަންދަ ފަދަ ތަންތަނުން ކުރަންޖެހޭ ޚަރަދުތައް ބޮޑުވޭ. ނަތީޖާއެއްގެ ގޮތުން ޤައުމުގެ ތަރައްޤީގެ ދުވެލި މަޑުވޭ“
ޞިއްޙީ ގޮތުން ބަލާއިރު، ވޭތިވެދިޔަ 40 ވަރަކަށް އަހަރުގެ ތެރޭގައި، ގައިން ގަޔަށް ނާރާ ބަލިތައް ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޚާއްޞަކޮށް، ރާއްޖޭގައި ފަލަމީހުންގެ ނިސްބަތް މަތިކަމަށާއި ހަށިގަނޑު މާބޮޑަށް ފަލަވުމަކީ، ޙަރަކާތްތެރިކަން ކުޑަވެ، ކަންނެތްކަން ބޮޑުވެ، ލިވަރ އާއި ކިޑްނީ އާއި ހިތުގެ ބަލިތައް ގިނަވާކަމެއް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ކެންސަރު ޖެހުމާއި ކަށިތައް ބަލިވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވިއެވެ. މި ބަލިތަކުން ދިފާޢުވުމަށް ކުޅިވަރާއި ކަސްރަތުގައި ބައިވެރިވާން ޖެހޭ ކަމަށެވެ.

