2026 ވަނަ އަހަރުގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލުން އައު އަދި މުހިންމު ހިދުމަތްތަކެއް ތައާރަފުކުރަން ނިންމާފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ހާމަކޮށްފިއެވެ. މި ބަދަލުތަކާއެކު ހުޅުމާލޭގައި ދެވޭ ސިއްހީ ހިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެ ގްރޫޕުން މައުލޫމާތު ދެއެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލުން ބުނި ގޮތުގައި، އަންނަ އަހަރުގެ ތެރޭގައި އަލަށް ތައާރަފުކުރެވޭ ހިދުމަތްތަކުގެ ތެރޭގައި ނިއުރޮލޮޖީ، ޔޫރޮލޮޖީ އަދި ގޭސްޓްރޮއެންޓޮލޮޖީ ހިމެނެއެވެ. މީގެ އިތުރުން، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އާންމު ބަލިތަކާއި ކުޑަކުދިންނަށް ހާއްސަ 28 އެނދުގެ ވޯޑެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ ހިދުމަތްތައް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން، އިންޕޭޝަންޓުންނަށް ފަރުވާ ދެވޭ ގޮތަށް ނަފްސާނީ ދުޅަހެޔޮކަމުގެ މަރުކަޒެއް ގާއިމުކުރުމާއި، އަންހެނުންގެ ހާއްސަ ބަލިތަކާއި ވިއްސާ ކޮޓަރިތައް އިތުރުކުރުން ހިމެނެއެވެ. އަދި ޓެކްނޮލޮޖީގެ ގޮތުން ހޮސްޕިޓަލް ކުރިއެރުވުމަށްޓަކައި އިތުރު އެމްއާރްއައި މެޝިނެއް ގާއިމުކުރުމާއި އީއީޖީ ހިދުމަތްތައް ދިނުމަށް ވެސް ވަނީ ނިންމާފައެވެ.
ހޮސްޕިޓަލަށް ދިމާވެފައިވާ އެނދުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، އިތުރު އެނދުތަކާއެކު އައު އިމާރާތެއް ބިނާކުރުމަށް ރާވާފައިވާ ކަމަށް ވެސް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލުން ބުންޏެވެ. މިއީ އިތުރުވަމުންދާ އާބާދީއާ އެއްވަރަށް ހިދުމަތް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ފާއިތުވި ދެ އަހަރަކީ ހުޅުމާލެ ހޮސްޕިޓަލަށް ބޮޑެތި ކުރިއެރުންތަކެއް ލިބުނު ދުވަސްތަކެކެވެ. އެގޮތުން އައިސީޔޫއަށް 10 އެނދު އަދި އެންއައިސީޔޫއަށް 14 އެނދު އިތުރުކޮށް، ހަތަރު ކޮޓަރީގެ އައު އޮޕަރޭޝަން ތިއޭޓަރެއް ވަނީ ހުޅުވާފައެވެ. އަދި އަވަސް ފަރުވާދޭ ކޮޓަރީގެ އެނދުގެ އަދަދު 7 އިން 14 އަށް އިތުރުކޮށް، ޑައިލިސިސް ހަދާ ބަލިމީހުންނަށް ހާއްސަ އެނދުގެ އަދަދު 10 އިން 30 އަށް ވަނީ އިތުރުކުރެވިފައެވެ.
މި ހުރިހާ ބަދަލުތަކަކީ ވެސް ރައްޔިތުންނަށް ފޯރުކޮށްދޭ ސިއްހީ ހިދުމަތުގެ ފެންވަރު މަތިކޮށް، ލުއިފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރެވެމުންދާ މަސައްކަތްތަކެއް ކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.

