ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް މަގާމުން ވަކި ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފަށަން އެ މައްސަލަ ދިރާސާ ކުރުމަށް އެ ކޮމިޓީއަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު މިއަދު ނިންމަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން އާއްމުކޮށްފައިވާ މިއަދުގެ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން، މަޖިލީހުގެ ގަވާއިދުގެ 2010 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ބިޝާމް ވަކިކުރުމުގެ މައްސަލަ، މަޖިލީހުގައި މިއަދު ވަނީ އިޢުލާންކޮށްފައެވެ.
ބިޝާމްގެ މައްސަލަ އަލުން ކުރިއަށް ގެންދަން މި ފަހަރު ހުށަހެޅުއްވީ މަތިވެރި ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ޒަރީރެވެ. ތާއީދު ކުރެއްވީ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނެވެ.
ކޮމިޓީން އަންގާރަ ދުވަހު ނިންމާފައި ވަނީ އަނެއްކާވެސް ބިޝާމް މަގާމުން ވަކިކުރުމުގެ މަސައްކަތް ފެށުމަށެވެ.
ޖުޑީޝަރީ ކޮމިޓީން މީގެ ކުރިންވެސް ބިޝާމް ވަކި ކުރުމުގެ މަސައްކަތް ފެށިއެވެ. އެހެން ނަމަވެސް އެ ނިންމުން އޭގެ ޖެހިގެން އައި ދުވަހު ބާތިލު ކުރީއެވެ. މިދިޔަ މަހުގެ 17 ގައި ޕީޖީ ބިޝާމް ވަކިކުރަން ކޮމިޓީއަށް ހުށަހެޅުއްވީ އެ ކޮމިޓީގެ ނައިބު މުގައްރިރު އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް އެވެ.
ސިރާޖް ހުށަހެޅުއްވުން ފުރަތަމަ ކޮމިޓީން ފާސްކުރި އެވެ. އެކަމަކު އެއީ އެމްޑީޕީގެ އުސޫލުތަކާ ހިލާފަށް ހުށަހެޅުއްވި ކަމެއް ކަމަށް ވިދާޅުވެ އެ ނިންމުން ބާތިލް ކުރަން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދް ހުށަހެޅުއްވުން އެ ގޮތަށް ކޮމިޓީން ފަހުން ފާސްކުރި އެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ޕީޖީ އަދި އެހެން މިނިވަން މުއައްސަސާއެއްގެ މެމްބަރަކު ވަކިކުރާ ނަމަ އެކަން މަޖިލީހުގެ ރިޔާސަތަށް އަންގަން ޖެހެ އެވެ.
މަޖިލީހުގެ މެމްބަރުންނަށް އެކަން އިއުލާން ކުރައްވާނީ މަޖިލީހުގެ ރިޔާސަތުންނެވެ. އޭގެފަހުން އެ މައްސަލަ ކޮމިޓީގައި މަޝްވަރާކޮށް ނިންމާ ގޮތެއް މަޖިލީހުގެ ތަޅުމަށް ފޮނުވާނެ އެވެ.
ބިޝާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު އެމްޑީޕީގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް ހުރިކަމަށް ވާހަކަތައް ދެކެވެއެވެ.

