ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ރިފޯމް މޯވްމެންޓް އެމްއާރްއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ،އެ ޕާޓީ ރެޖިސްޓްރީ ކުރިކަމުގެ ސެޓްފިކެޓް މިމަހުގެ 25 ވަނަ ދުވަހު ހަވާލްކުރާނެކަމަށެވެ.
އެމްއާރްއެމްގެ ވަގުތީ ރައީސަކީ، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމެވެ. އެމްއާެރުއެމް އުފެއްދުމަށް ބާއްވި ޖަލްސާގައި އެ ޕާޓީގެ އިންތިޤާލީ ރައީސަކަށް ކުރިމަތިލެއްވީވެސް ރައީސް މައުމޫން އެކަންޏެވެ. އެގޮތުން ރައީސް މައުމޫނު އެ މަގާމަށް އިންތިހާބުކުރީ ފެންނަ ނުފެންނަ ވޯޓަކުން، ޖަލްސާއަށް ހާޒިރުވި މެމްބަރުންގެ އިއްތިފާގުންނެވެ.
ޖަލްސާގައި އެމްއާރުއެމްގެ ވަގުތީ ލީޑާޝިޕްގެ އިތުރުން އެޕާޓީގެ ހިންގާ އަސާސީ ގަވާއިދު ވެސް ވަނީ ފާސްކޮށްފައެވެ. އަދި އޭގެ އިތުރުން ދިވެހި ބަހުން އެ ޕާޓީއަށް ކިޔާނެ ނަމެއް ވެސް ޖަލްސާފައި ފާސްކުރިއެވެ. އެގޮތުން އެމްއާރްއެމް އަށް ”ދިވެހިންގެ އިސްލާހީ ހަރަކާތް“ ކިޔަން ވަނީ ފާސްކޮށްފައެވެ. މީގެ އިތުރުން އެ ޕާޓީގެ ލޯގޯ އާއި، ޕާޓީގެ ކުލަވެސް ވަނީ ފާސްކޮށްފައެވެ.
އެމްއާރުއެމް އަކީ ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފެއްދެވި ތިންވަނަ ސިޔާސީ ޕާޓިއެވެ. އެންމެ ފުރަތަމަ އެ މަނިކުފާނު އުފެއްދީ ޑީއާރުޕީއެވެ. ނަމަވެސް ޕާޓީގެ ލީޑަރޝިޕު ބަދަލުވެ ޕާޓީގެ އެތެރޭގައި ބައިބައިވުން އުފެދި ޒެޑްޑީއާރުޕީ އެއް އުފަންވެ، އެ ޕާޓީ ދޫކޮށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑީވްސް ޕީޕީއެމއް އުފެއްދެވިއެވެ. އޭގެ ފަހުން ރައީސް ޔާމީނާއި ރައީސް މައުމޫން ހިޔާލުތަފާާތުވެ ޕާޓީގެ ރައީސްކަން ގެއްލި ރައީސް މައުމޫން އެ ޕާޓިން ވަކިކުރުމުން އެމްއާރުއެމްގެ ނަމުގައި ޚަރަކާތެއް ފެއްޓެވިއެވެ.
އެގޮތުން2018 ވަނަ އަހަރު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްވެސް މައުމޫން ރިފޯމް މޫވްމެންޓުން މުހިންމު ދައުރެއް އަދާކުރިއެވެ. އަދި ޕީޕީއެމް ހޯދުމަށް ކޯޓަށް ހުށަހެޅި މައްސަލަ ކާމިޔާބު ވެދާނެެކަމަށް ނުފެންނާތީވެ. ސިޔާސީ އާ ޕާޓީއެއް އުފެއްދުމަށް ނިންމެވިއެވެ.

