ރާއްޖޭގައި ދީނީ ޢީލްމް ފެތުރުމަށް މަސައްކަތް ކުރާ ސަލަފް ޖަމިއްޔާއަކީ ޓެރަރިސް ޖަމާއަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް ނަޝީދު ސިފަކުރެއްވުމާއިއެކު ސަލަފް ޖަމިއްޔާ ހިމެނޭހެން ގިނަ ދީނީ ޢިލްމުވެރިންތަކެއް ރައީސް ނަޝީދުއަށް ފިޔަވަޅުއަޅާ ދިނުމަށް ގޮވާލައިފިއެވެ.
ބުދަ ދުވަހު ކުރިއަށްދިޔަ މަޖިލީހުގެ ޖަލްސާ ފައްޓަވާދެއްވުމަށްފަހު، ރިޔާސަތުގައި އިންނަވާ ނަޝީދު ވިދާޅުވީ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީގެ ސަބް ކޮމެޓީން އެކުލަވާލާފައިވާ ރިޕޯޓެއްގައި ސަލަފް ޖަމާއަތުން ޓެރެރިޒަމަށް ވާގިދޭ ކަން ފާހަގަކޮށްފައިވާ ކަމަށެވެ. ޓެރެރިޒަމްގެ އަމަލުތަކަށް ވާގިދޭ ޖަމާއަތްތަކާއި ގުޅޭ ގޮތުން މަޖިލީހުން ގޮތެއް ނިންމަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިފަދައިން ވިދާޅުވުމާއި ގުޅިގެން ސަލަފް ޖަމިއްޔާގެ އިސްވެރިންނާއި އަދި ރާއްޖޭގެ ނަންމަޝްހޫރު ދީނީ ޢިލްމުވެރިން ވަނީ ނުރުހުންވެ ޓުވިޓާ ތެރޭގައި ނަޝީދުއަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން ސަލަފް ޖަމިއްޔާގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޤާނޫނީ ވެރިކަމެއް ކުރާނަމަ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު، ސަލަފްއަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ފިޔަވަޅު އަޅުއްވާނީ ”އިސްލާމްދީން ރާއްޖެއިން ނައްތާލުމަށް ފަރުމާކޮށްގެން ރިޕޯޓު ނެރުނު އެމްޑީއެންއާއި އެ ހަރަކާތް ދިފާއު ކުރަމުންދާ ނަޝީދުއަށް“ ކަމަށެވެ.
ސަލަފް އުވާލުމަށް މަސައްކަތްކުރަނީ އެމްޑީއެން މައްސަލަ ރިޕޯޓު ކުރުމާއި ރިޕޯޓު ދިފާއު ކުރުމާއި ދެކޮޅަށް ބަސްބުނާތީކަމަށް އޭނާ ވިދާޅުވިއެވެ.
https://twitter.com/binjanaab/status/1197013226166210560
ސަލަފް ޖަމިއްޔާއާއި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވީނަމަވެސް އިންސާފުން ކަންކުރުމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަލީ ޒައިދު ވަނީ ގޮވާލާފައެވެ. އޭނާ ވިދާޅުވީ ސަލަފްއަކީ ޓެރަރިޒަމްއާއި ދެކޮޅުބައެއް ކަމަށާއި ލާދީނީ މީހަކު އިސްވެހުރެ ސަލަފް އުވާލަން މަޖިލީހުގެ ”ކޮމީޑިއަންސް“ ލައްވާ އެ މަސައްކަތް ކުރައްވާއިރު ހުރިހާކަމެއްވެސް ބަލަމުން އަންނަ ކަމަސް ޒައިދު ވިދާޅުވިއެވެ.
ޒައިދުއާއެކު ދީނީ ޢިލްމުވެރިޔާ ޑރ އިޔާޒުވެސް ވަނީ ޓުވީޓު ކުރައްވާފައެވެ. ޑރ. އިޔާޒު ވިދާޅުވީ މިއީ އެމްޑީއެން އުވާލުމުން، އެކަމުގެ ބަދަލުހިފުމުގެ ގޮތުން އިސްލާމީ ދައުވަތު ފަތުރަން މަސައްކަތް ކުރާ ޖަމިއްޔާތައް ފްރޭމްކޮށް، ފިޔަވަޅު އެޅުމަށް ކުރާ ކަމެއް ކަމަށެވެ. އަދި މިއީވެސް ޓެރަރިޒަމްގެ ޢަމަލެއްކަމަށް ވިދާޅުވިއެވެ.
https://twitter.com/dr_iyaz/status/1197017215071068160
މި މައްސަލާގައި ރައީސް ޔާމިންގެ ސަރުކާރުގައި ނައިބު ރައީސްކަން ކުރެއްވި ޑރ. މުހައްމަދު ޖަމީލް އަހްމަދުވެސް ވަނީ ޓުވީޓު ކުރައްވާފައެވެ. އޭނާ ވިދާޅުވީ ދީނީ ޖަމްޢިއްޔާތައް އުވާލަން ގޮވާލި މެންބަރުންނަށް އެމްޑީއެންގެ ދީނާ ޚިލާފް ޢަމަލްތައް ނުފެނުނު ކަމަށާއި އަޞްލު އެޖެންޑާ ބޭޒާރުވެއްޖެ ކަމަށެވެ. އަދި ދީނީ ޖަމްޢިއްޔާތަކަށް ބިރުދައްކަނީ ވަކި ބަޔަކު ރުއްސަން ކަމަށާއި އެޖެންޑާގެ ޙަޤީގަތް ރައްޔިތުންނަށް ހާމަވަމުންދާ ކަމަށް ވިދާޅުވިއެވެ.
https://twitter.com/MJameelAhmed/status/1197030128183734272
ސަލަފްއަށް ޓެރަރިޒަމްގެ ތުހުމަތުތަކެއް ކުރަމުންދާއިރު ޑރ.އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓްގައި، ސަލަފް ޖަމިއްޔާ އިން ނެރުނު ފަތުވާއެއްގެ ސަބަބުން އަފްރާޝީމް އަވަހާރަކޮށްލަން ހިތްވަރު ލިބުނު ކަމަށް ބުނެފައިވެއެވެ. އެހެން ނަމަވެސް އަފްރާޝީމް އަވަހާރަކޮށްލުމުގައި ސަލަފް ޖަމިއްޔާގެ އެއްވެސް އިލްމުވެރިއެއްގެ އެއްވެސް ބައިވެރިވުމެއް އޮތް ކަމަކަށް ރިޕޯޓްގައި ބުނެފައެއް ނުވެއެވެ.
ރ އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަހުގީގު ރިޕޯޓްގެ ޚުލާސާ އިއްވަވަމުން ރައީސް ނަޝީދު ވަނީ ހަރުކަށި ފިކުރުގެ ހަރާކާތްތައް މިހާރުން މިހާރަށް ނުހުއްޓުވިއްޖެނަމަ ރާއްޖެ ހަރާބުގެ މަގަށްދާނެކަމަށާއި، އަފްރާޝީމްގެ ރިޕޯޓަށް އަމަލުކުރުން ކަމާބެހޭ ހުރިހާ އިދާރާތަކުން އަވަސް ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

