އެމްއެމްޕިއާރްސީގެ ބޮޑު ޚިޔާނާތުގައި ބީއެމްއެލްއިން ބައިވެރިވެފައިވޭތޯ ބަލާ ފިޔަވަޅު އަޅަން ގޮވާލާ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގަރާރެއް ހުށަހަޅުއްވައިފިއެވެ.
އެ ގަރާރުގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ބީއެމްއެލްގެ އިހުމާލު އޮތްކަން ދައުލަތުގެ އިދާރާތަކުން ކުރި ތަހުގީގުން ހާމަވާ ކަމަށެވެ.
އެހެންކަމުން އެކަމުގައި ބައިވެރިވި ފަރާތްތައް ހޯދުމަށް ތަހުގީގުކޮށް އެފަރާތްތަކަށް ފިޔަވަޅު އަޅަން ވަނީ ގޮވާލާފައެވެ. މީގެ އިތުރުން ބީއެމްއެލްއިން އާންމުންނަށް ލޯނު ދޭއިރު ލޯނު ދެނީ ބިއެމްއެލްގެ ނުފޫޒް ގަދަ ބައެއް ފަރާތްތަކުގެ ބައިވެރިވުމާއި އެކުގައި ކަމަށްވެސް ބުނެފައިވެއެވެ. އަދި އެފަދަ ފަރާތްތަކުގެ ޖީބަށް ފައިސާ ވަންނަ ގޮަތަށް ލޯނު ދިނުމުގެ މަރުހަލާވެސް ހިނގާ ކަމުގެ އަޑު ފެތުރިފައިވާ ކަމަށް އެ ގަރާރުގައިވެއެވެ.
އެހެންކަމުން އެ ފަރާތްތައް ހޯދަން ތަހުގީގުކޮށް ފިޔަވަޅު އަޅަން ސަރުކާރަށް ލާޒިމްކުރަން ވަނީ ގޮވާލާފައެވެ.
ބީއެމްލްގައި އެކިފެންވަރުގައި ހިޔާނާތްތައް ވެފައިވާކަމުގެ އަޑުތައް ދަނީ ދޭތެރެ ދޭތެރެއިން ފެތުރެމުންނެވެ. ބީއެމްއެލްގެ ބައެއް މުވައްޒަފުންގެ ފަރާތުންވެސް ޚިޔާނާތުގެ އަމަލުތައް މެދުވެރިވުމުން ގިނަފަހަރު އެފަދަ ކަންކަން ބީއެމްއެލްއިން ވަނީ ސިއްރުކޮށްފައެވެ. އަދި އެމްއެމްޕީއާރްސީގެ މައްސަލައިގައިވެސް ބީއެމްއެލްގެ އިހުމާލު އޮތްކަން ހާމަވީނަމަވެސް އެކަމުން ރެކެން ބިއެމްއެލްއިން ދަނީ މަސައްކަތްކުރަމުންނެވެ.

