ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ނިންމަވާފައިވާކަން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ. މި ބަދަލުތަކުގެ ތެރެއިން އެއް ކަމަކީ، އުޅަނދުގެ އަހަރީ ފީއާއި ޖޫރިމަނާ ނުދައްކާ ހުރި ކަމުގައިވީ ނަމަވެސް، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އުޅަނދުގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމެވެ.
މިހާރު އަމަލުކުރަމުންދާ އުސޫލުތައް އޮތްގޮތުން، ބައުވެ ހަލާކުވެފައިވާ އުޅަނދުތައް ނައްތާލުމަށް ނުވަތަ ރަޖިސްޓްރީ ބާތިލުކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއެވެ. ޚާއްޞަކޮށް، އުޅަނދަށް އަރާފައިވާ ބޮޑެތި ޖޫރިމަނާތަކާއި ނުދައްކާ ހުރި އަހަރީ ފީތައް ދައްކައި ޚަލާޞްނުކޮށް ރަޖިސްޓްރީ ބާތިލުނުކުރެވޭތީ، ގިނަ ބަޔަކު ތިބީ އެ އުޅަނދުތައް ނައްތާނުލެވިފައެވެ. ނަމަވެސް، އައު އުސޫލުގެ ދަށުން މި ފައިސާ ނުދައްކާ ހުއްޓަސް ރަޖިސްޓްރީ ބާތިލުކުރެވޭނެއެވެ. އެހެންނަމަވެސް، މިއީ އެ ފައިސާ މާފުވުން ނޫންކަމާއި، އެއީ އުޅަނދުގެ ވެރިފަރާތުން ދައުލަތަށް ދައްކަންޖެހޭ ދަރަންޏެއްގެ ގޮތުގައި ދެމިއޮންނާނެ އެއްޗެއްކަން ވުޒާރާއިން ވަނީ ސާފުކޮށްދެއްވާފައެވެ.
ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދުތައް ރަޖިސްޓްރީ ކުރުމުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވަނީ ގަރާޖު ހުއްދަ ހޯދުމެވެ. މިކަމަށް ލުޔެއް ދިނުމުގެ ގޮތުން، 2009 ވަނަ އަހަރުގެ ކުރިން ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކާއި، އަދި އޭގެ ފަހުންވެސް ސައްޙަ ގަރާޖެއް ނެތި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ ވެރިފަރާތް ބަދަލުކުރުމުގައި އިތުރު ގަރާޖު ލިޔުމެއް ބޭނުންނުވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، މާލެ ސިޓީ ކައުންސިލާއި އެޗްޑީސީން ދޫކުރާ ގަރާޖު ހުއްދަވެސް ދެން ބޭނުން ނުވާނެ ކަމަށް ވުޒާރާއިން ވަނީ އިޢުލާން ކުރައްވާފައެވެ.
އައު ބަދަލާއެކު، އުޅަނދު ރަޖިސްޓްރީ ކުރުމަށް ދެން ހުށަހަޅަންޖެހޭނީ އެންމެ ދެ ލިޔުމެކެވެ. އެއީ އުޅަނދު ބާއްވާ ތަނަކީ ގަރާޖެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ތަނެއްކަން އަންގައިދޭ ލިޔުމާއި، އެ ގަރާޖުގައި އުޅަނދު ބޭއްވުމަށް ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެވެ. މި ބަދަލުގެ ސަބަބުން އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް މަދުވެ، ރައްޔިތުންނަށް އަވަސް ޚިދުމަތެއް ލިބިގެންދާނެއެވެ. މިއީ މާލެ ސަރަހައްދުގައި ދިމާވެފައިވާ ޕާކިންގް މައްސަލައަށްވެސް ނުސީދާ ގޮތެއްގައި ހައްލެއް ލިބިގެންދާނެ ކަމެކެވެ.

