2023 ވަނަ އަހަރާއި އަޅާބަލާއިރު، އިއާދަކުރަނިވި ހަކަތަައިގެ މިންވަރު 52 އިން 110 މެގަވޯޓަށް އިތުރުވެފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޠާރިޤް ވިދާޅުވީ ރާއްޖޭގައި އުފައްދާ ކަރަންޓުގެ 92 އިންސައްތަ އުފައްދަނީ ރާއްޖެއިން ބޭރުން އެތެރެކުރާ ތެލުން ކަމަށެވެ. އަދި ބާކީ 8 އިންސައްތަ އުފައްދަނީ އިރުގެ އަލި ބޭނުންކޮށްގެންކަމަށް ޠާރިޤް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި އަހަރަކު 3 ޓެރަވޯޓު އަވަރގެ ކަރަންޓު ބޭނުންވާކަމަށެވެ. އެގޮތުން 20 އިންސައްތަ ކަރަންޓު ބޭނުްކުރަނީ މާލެ ސަރަހައްދުގައި ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް ތެޔޮ އެތެރެކުރުމަށްޓަކައި އަހަރަކު 8.9 ބިލިޔަން ރުފިޔާ ހަރަދުކުރާކަަމަށެވެ. އަދި އިލެކްޓްރިސިޓީ ސަބްސިޑީ 2.3 ބިލިޔަން ރުފިޔާ ހަރަދުކުރާކަމަށާއި ސަރުކާރުގެ އަމާޒަކީ 2028ގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ބަދަލުކުރުން ކަމަށް މިނިސްޓަރ ބިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ 2023 ވަނަ އަހަރު ހުރީ އިއާދަކުރަނުވު ހަކަތައިގެ މިންވަރު ހުރީ 53 މެގަވޮޓަށް ކަމަށެވެ. އަދި މިވީ 2 އަހަރުގެ ތެރޭގައި 110 މެގަވޮޓަށް އިތުރުވެފައިވާކަމަށާއި އެއީ 100 އިންސައްތަ ކުރިއެރުމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
”ގޭބިސީތަކުގައި ނެޓް މީޓަރިން އުސޫލުން ސޯލާ ޕީވީ ގާއިމްކޮށްދިނުމުގެ ޕްރޮގުރާމްގެ ދަށުން ބައިވެރިންނަށް 90 ޕަސެންޓު އާ ހަމައަށް ބިލު ކުޑަކުރުމުގެ ފުރުސަތު ލިބޭ. ކަރަންޓު ބިލުން ސަލާމަތްކުރެވޭ ފައިސާއިން އިންސްޓޯލްމަންޓަށް ނިޒާމުގެ އަގު ދެއްކޭނެ“
މިނިސްޓަރ ވިދާޅުވީ މިހާތަނަށް 102 ރަށުގައި އިއާދަކުރަނިވި ހަކަތައިގެ ނިޒާމް ގާއިމްކޮށް ވިއުގަ އަޕްރްގޭޑްކޮށްފައިވާކަމަށެވެ. އަދި 28 މެގަވޮޓުގެ ސޯލާ ޕީވީ ނިޒާމް ގާއިމްކޮށް ނިންމާފައިވާކަމަށެވެ.
މީގެއިތުރުން 10 މެގަވޮޓުގެ ބެޓަރީ ސްޓޯރޭޖް ގާއިމްކޮށް ނިންމާފައިވާކަމަށެވެ. މިއާއެކު އަހަރަކު 13 މިލިޔަން ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވިގެންދާކަމަށާއި އެއީ 190 މިލިޔަން ރުފިޔާ ސަލާމަތް ކުރެވޭކަމަށެވެ.

