ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުނި ކޮތަޅުން ބޮލުގައި ޖެހުނު”ޔޫނުސް” ވާހަކަ!

ޔޫނުސް ސަންގާއި ވާހަކަދައްކަނީ: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުސެއިން ޔޫނުސްއަކީ 2018އިން ފެށިގެން ވެމްކޯގައި ޚިދުމަތްކުރަމުން އަންނަ ވެމްކޯގެ “ވެށިފާރަވެރި”އެކެވެ.

އާންމު ދުވަހެކޭ އެއްފަދައިން މަސައްކަތުގައި ހޭލަމޭލަވެ އުޅުނު މީހެކެވެ. އެހެންނަމަވެސް ނާތަހުޒީބު ދިވެއްސެއްގެ ވިސްނުމުގެ ސަބަބުން ޔޫނުސްއަށް އެދުވަހު މެދުވެރިވީ ހީވެސް ނުކުރާކަހަލަ ކަމަކާއެވެ. ޤަވާއިދާއި އެއްގޮތަށް ރަޖިސްޓްރީނުކޮށް މީހަކު ކުނިއުކާދޭން އެދުމުން ޔޫނުސް އޭނާގާތު އެކަން ކޮށްދެވެން ނެތް ކަމާއި، “ރެޖިސްޓްރީ ނުކޮށް” ކުނި އުކާނުދެވޭނެ ވާހަކަ ބުންޏެވެ. އެހެންނަމަވެސް ވަޒީފާގެ ޒިންމާ އަދާކުރުމުގެ ގޮތުން ޔޫނުސް ދެއްކި ވާހަކަ، ތަހައްމަލް ނުކުރެވި އެ މީހާ ޔޫނުސްގެ ބޮލަށް ކުނިކޮތަޅެއް އެއްލުމުން އޭނާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ޔޫނުސްއަށް ދިމާވި އެ ހާދިސާގެ ވާހަކަ ސަންގަށް އޭނާ ކިޔާދިނެވެ.

“މިހެންވީ އަޅުގަނޑު ގެއަކުން ކުނި ނަގައިގެން ނުކުތްއިރު އެމީހާ ކުނި ކޮތަޅުލީ. ދެން އަޅުގަނޑު ބުނި ތީ ރަޖިސްޓްރީކޮށްފައި ހުރި ގެއެއް ނޫނެއް ނޫންހޭ. ބުނީމަވެސް އެމީހާ އެ ކުނިކޮތަޅުލާފައި ދިޔައީ. އެކަމަކާއި ދެން އެއްވެސް އެއްޗެއް ނުބުނެ ގޭތެރެއަށްވަނީ. ދެން ވަދެފަ ނުކުމެ އަނެއްކާ އަޅުގަނޑުގެ ބޮލަށް ކުނިކޮތަޅު ޖެހީ!”

މި ފުރަ މާލޭގެ ހަލަބޮލި ދިިރިއުޅުމުގައި އަވަދި ނެތި އުޅޭ އެތައް ދިވެހިންގެ ގޭބިސީ ސާފުކަންމަތީ ދެމިއޮންނަނީ ޔޫނުސްމެން ފަދަ މަސައްކަތްތެރިންގެ ބުރަ މަސައްކަތުންނެވެ. އެހެންކަމަށްވާއިރު، މިފަދަ ހިތްދަތިގޮތަކަށް އެ ފަރާތްތަކާއިމެދު ކަންކަން ކުރާ ކަމީ ހިތާމަކުރަން ޖެހޭ ކަމެކެވެ.

ޔޫނުސްގެ ވާހަކަތައް ކުރިއަށްދިޔަ ވަރަކަށް އަޅުގަނޑަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. އާންމުންގެ މީހާ އެއްލި ކޮތަޅުން ޖެހުނީ ޔޫނުސްގެ ބޮލުގައި ކަމަށްވާއިރު، އޭނާ އަކީ ބޮލުގެ އޮޕަރޭޝަނެއްކޮށްފައިވާ މީހެއްކަން އެނގުމުން އެ ލިބުނު އުދާސްކަން އިތުރުވެގެންދިޔައެވެ.

” އަޅުގަނޑަކީ ބޮލުގެ ސަރޖަރީއެއް ހަދާފައިވާ މީހެއް. މި ހަނދު ބަލާމަހު ހައެއްގަ އަނެއްކާވެސް ފުރަން މިއުޅެނީ އިންޑިއާއަށް ދާންވެގެން ސަރޖަރީއެއް ހަދަން. އަޅުގަނޑުގެ ބޮލުގެ ފުއްކިބައިގައި ކޮތަޅުން ޖެހުނީ” އެހާ ހިސާބުން އޭނާއަށް ވާހަކަދައްކަވަން އުނދަނގޫވެ ކޮންމެވެސް ވަރަކަށް މަޑުކޮށްލުމަށްފަހު އަނެއްކާވެސް އޭނާގެ ވާހަކަތައް ފެށިއެވެ. ” ދެވަނަ ފަހަރު ކޮތަޅު އެއްލާފަ އޭނާ ގެއަށް ވަނީ، ވަދެ ތަޅުލީ. އެ ތަޅުލި ގޮތަކަށް ދެން ދޮރެއް ނުވެސް ހުޅުވި.”

ޑިއުޓީ އޮފިސަރ އަހުމަދު ޝަރީފު ސަންގާއި ވާހަކަދައްކަވަނީ: ފޮޓޯ ސަންގު

ސަންގުންވަނީ ޑިއުޓީ އޮފިސަރ އަހުމަދު ޝަރީފާއި ސުވާލުކޮށް މި ހާދިސާ ހިނގިގޮތް އިތުރަށް އޮޅުން ފިލުވުމަށް މަސައްކަތްކޮށްފައެވެ.

“އެގެއަކީ ކުރިން ރެޖިސްޓްރީކޮށްފައި ހުރި ގެއެއް. މިހާރު އެހެން ބައެއް އެ ގޭގައި އުޅެނީ. އެބޭބެ ފުރަތަމަ މިތަމަ ތިން ހަތަރު ދުވަހު މިތަނަށް އައިސް ކޮތަޅު ލީމަވެސް ގެންދިޔައިން. އޭގެ ފަހުން އަޅުގަނޑު ބުނިން ތިގޮތަކަށް ތި ކޮތަޅެއް ނުގެންދެވޭނެޔޭ. މިހެން މިހެންނޭ މިކަން އޮތީ. ދެން މި ހަތާގޮތަކީ ކޮންމެ ރެއަކުވެސް ފަނޑިޔާރު މަގަށް އެ ޑަސްބިން ކައިރިކުރާނެ. ކުރީމަ ގޭގެއަށް މިމީހުން ކުނިނަގަން ގޭގެއަށް އެރީމަ އެ ކޮތަޅު މިލަނީ. ރެއަކީ މީނާ ކޮތަޅު ލީތަން ފެނުނުރޭ. ފެނުނީމަ މިހެން މިހެދީ” ޝަރީފް ވިދާޅުވިއެވެ.

މީގެ ކުރިންވެސް ވެމްކޯގެ މުވައްޒަފުންނަށް އިހާނަތިކޮށްހިތާ މައްސަލަތައް ވަނީ ފެންމަތިވެފައިވާއިރު، ދެމަހުން އެއްމަހު ކަހަލަ ގޮތަކަށް މިފަދަ މައްސަލަތައް ދިމާވާކަމަށް އޭނާ ވިދާޅުވިއެވެ.

ކޮންމެ ދުވަހެއްގެ ވެސް މަސައްކަތުގެ ކުރިން މުވައްޒަފުންނަށް ކަންކަން ކުރަންވާ ގޮތް ވަރަށް ތަފްސީލްކޮށް ކިޔާދޭކަމަށާ، އާންމުންގެ މަދުބައެއްގެ ފަރާތުން ނޫނީ މިފަދަ ކަންކަން ދިމާ ނުވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

“އާންމުންގެ ފަރާތުން ވަރަށް ރަނގަޅަށް އެއްބާރުލުން ލިބޭ. މަދު މީހެއްގެ ފަރާތުން މިކަންކަން މި ދިމާވަނީ. އެންމެ ދެރަވަނީ މީނާއަކީ ބޮލުގެ އޮޕަރޭޝަނެއް ކޮށްފައި ހުރި މީހެއް. މީނާ ހަމަ ވެއްޓެނީ. ހުއްޓާ ބޮލުގައި، މި ޖަހަނީ. އެހެންވީމަ މިއީ ވަރަށް ދެރަ ކަމެއް”

ޔޫނުސްއާއި ވެމްކޯގެ އެމްޑީ ބައްދަލުކޮށް ވާހަކަދައްކަވަނީ: ފޮޓޯ ވެމްކޯ

މިކަމާއި ގުޅިގެން ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވެމްކޯގެ މުވައްޒަފަކަށް އާންމުންގެ މީހަކު ހަމަލަދިން މައްސަލަ ބަލާނެ ކަމަށެވެ. 

ވެމްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ވެމްކޯގެ ވެށިފާރަވެރިޔާ ޔޫނުސް އާދަމްކޮއެއަށް މީހަކު ހަމަލަދިންކަން ވެމްކޯގެ ސަމާލުކަމަށް އައީ އަންގާރަ ދުވަހުގެ ރޭގެ 19:53ގައިކަމަށެވެ.

އޭނާއަށް ހަމަލާދީފައިވަނީ ރެޖިސްޓްރީ ނުކޮށް ހުރި މީހަކު ކުނި ނަގަން އެދުމުން އެކަން ކޮށްދެވެން ނެތްކަމަށް ބުނުމުން ކަމަށް ވެމްކޯއިން ފާހަަގަކުރެއެވެ.

މި ފުރަމާލޭގެ ހަލަބޮލި ދިރިއުޅުން އުޅޭ ދިވެހިންގެ ވެށިތައް ސާފު ކުރުމުގައި “ޔޫނުސް”ފަދަ އެތައް ގެވެށި ފާރަވެރީންނެއް އެބަ ތިއްބެވެ. އެއީ އަޅުގަނޑުމެންގެ ހިތްހަމަޖެހުމަށްޓަކާ، ރެއާދުވާލު، ވެހޭހާ ވާރެއާއި ދޭހާއަވީގައި މަސައްކަތްކުރާ ފަރާތްތަކެވެ. އެފަރާތްތަކަށް ހައްގު އިހުތިރާމް ކޮންމެ މީހަކުވެސް އަދާކުރަން ޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ހަމަ ނެގެން ޢޮތް ޢެންމެ ބޮޑު ޢަދަދަކުން ޖޫރިމަނާކޮށް ދެ ހަފްތާ ވަރަކަށް ކުނި ޢުކަން ހަވާލު ކުރަެ. ބޭރު ޤައުމު ތަކުގަ ޥެސް މި ކަހަލަ ވިޔާނުދާ ކަންތައް ކުރާ މީހުން ލައްވާ ކޮމިއުނިޓީ ސާރވިސް ކަންތައް ކުރުވާ. ރާއްޖޭގަ ވެސް އެގޮތައް ޢަމލު ޚުރަން ފެނޭ. އޭރުން ހަމަ ބިމަށް ތިރިވާނެ މި ކަހަލަ މީހުން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: