ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތޮޅު ކައުންސިލް އުވާލުމަކީ ކައުންސިލްތައް އެދުނު ގޮތް، މިއީ ކުއްލިއަކަށް ހޭލާ ނިންމި ނިންމުމެއް ނޫން: އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު/ ފޮޓޯ: ސަންގު ޓީވީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަތޮޅު ކައުންސިލްތައް އުވާލުމަކީ ސަރުކާރުން ކުއްލިއަކަށް ހޭލާ ނިންމެވި ނިންމެވުމެއް ނޫންކަމަށާއި، ކައުންސިލްތަކާއި އެކު ބޭއްވޭ ކޮންމެ ބައްދަލުވުމެއްގައި ވެސް އަތޮޅު ކައުންސިލްތަކުން ލިބޭ ފައިދާއެއް ނެތްކަމަށް ޝަކުވާތައް ލިބެމުންދިޔަކަމަށް، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ރަށްތަކަށް ތަރައްގީއާއި ހެޔޮ ބަދަލު ގެންނާނެކަމަށް ވައުދުވެ ވުޖޫދު ކުރި ލާމަރުކަޒީ ނިޒާމުގެ ސަބަބުން ދައުލަތަށް ބުރަ ބޮޑުވެ ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތްކަމަށް ސަރުކާރުގެ މެމްބަރުން ބުނެ އެވެ. އެހެންވެ ލާމަރުކަޒީ ނިޒާމަށް ވެސް ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ފަށައި އަތޮޅު ކައުންސިލްތައް ވަނީ އުވާލާފަ އެވެ. އަދި އާބާދީއަށް ބަލައި ހޮވާ ކައުންސިލަރުންގެ އަދަދު ވެސް ވަނީ މަދުކޮށްފަ އެވެ.

އަންނަ އޭޕްރިލް މަހު ބާއްވާ ކައުންސިލް އިންތިހާބަކީ، ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކާއި އެކު ކައުންސިލަރުން ހޮވާ ފުރަތަމަ އިންތިހާބެވެ. އަދި އެކަމަށް އެމްޑީޕީގެ މެމްބަރުން އަމާޒު ކުރާ ފާޑުކިއުންތަކުގައި ބުނާ ގޮތުގައި، ސަރުކާރުން މި ބަދަލު ގެނެސްފައި ވަނީ އެއްވެސް ވަރަކަށް ދިރާސާ ކުރުމެއް ނެތި އެވެ.

އެމްޑީޕީގެ މެމްބަރުންނަށް ރައްދު ދެއްވައި ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި އިބްރާހިމް ވިދާޅުވީ އެ ނިންމެވުމަކީ ރާއްޖޭގެ ކައުންސިލްތަކުގެ ބޮޑު މެޖޯރިޓީއަކުން އެދުނު ގޮތަށް، ރައްޔިތުންނާއި ކައުންސިލްތަކާ ދެމެދު އޮތް ބޭކާރު ލޭޔަރު ނައްތާލައި، ސީދާ ގުޅުމެއް ގާއިމްކުރުމަށް ޕީއެންސީގެ ސަރުކާރުން ގެނައި ހެޔޮ ބަދަލެއް ކަމަށެވެ.

އިބްރާހިމް ވިދާޅުވީ، އަތޮޅު ކައުންސިލްތައް އުވާލުމުގެ ސަބަބުން ރައްޔިތުންނާއި ކައުންސިލްތަކާ ދެމެދު އޮންނަ ގުޅުން ސީދާވެ، މިހާރުގެ އަތޮޅު ކައުންސިލްގެ ލޭޔަރުގެ ސަބަބުން ލަސްވާ ކަންކަން ހުއްޓިގެންދާނެ ކަމަށެވެ.

މި ސަރުކާރުން މިގެނައި ހެޔޮ ބަދަލަކީ ރައްޔިތުންނާ ކައުންސިލާ ދެތެރޭގަ މިއޮތް ލޭޔަރު. އެ ލޭޔަރު މިހާރު މި ނެގީ. ނެގިފަ މިވާގޮތަކީ ކައުންސިލާ ރައްޔިތުންނާ ޑައިރެކްޓްވީ

ކޮންމެ އަތޮޅަކަށް ކައުންސިލެއް އޮންނަން ކޮންމެހެނެއް ނުޖެހޭކަމަށާއި، ތިން އަތޮޅު ނުވަތަ ފަސް އަތޮޅު އެއްކޮށްގެންވެސް ސަރަހައްދީ ކައުންސިލްތައް އޮވެދާނެކަމަށް އޭނާ ވިދާޅުވިއެވެ. މިހާރުގެ ނިންމެވުމަކީ، ކޮންމެ ރަށެއްގައި ރަށު ކައުންސިލެއް އޮވެ، އެ ކައުންސިލަކުން ރައްޔިތުންނަށް ސީދާ ޒިއްމާވާނެ ގޮތެއް ހެދުން ކަމުގައި އިބްރާހިމް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް މިކަމުގައި ކައުންސިލްތަކާ ސީދާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައިވާކަން މެންބަރު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އެމަނިކުފާނަކީ ތާރީހުގައި 184 ރަށުގެ ކައުންސިލްތަކާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވި ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އެ ބައްދަލުވުންތަކުގައި ކޮންމެ ކައުންސިލަކުން ވެސް ރައީސަށް އެއް އަޑެއް އިއްވަމުން އައީ، އަތޮޅު ކައުންސިލްގެ ލޭޔަރު ކަމުނުދާކަމަށާއި، އޭގެ ސަބަބުން އުނދަގޫތައް ވަމުންދާކަމުގެ ކަންބޮޑުވުންކަމަށް އިބްރާހިމް ވިދާޅުވި އެވެ.

ކައުންސިލްތަކުން އެދުނީ ރައްޔިތުންނަށް ކަންކަން ޑައިރެކްޓްވާ ގޮތަށް ހަރަދު ކުޑަވެ، އިތުރު ފައިދާތަކެއް ކުރާނެ ގޮތަކަށް މި ބަދަލު ގެނެސްދެއްވުމަށް އިބްރާހިމް ވިދާޅުވި އެވެ.

މެންބަރު އިތުރަށް ވިދާޅުވީ ރައީސް މުއިއްޒު އެ ވިސްނުން ވިސްނަވާ، ރައްޔިތުންގެ މަޝްވަރާއާއި އެއްކޮށް މިކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ކަމަށެވެ. މިއީ ކުއްލިއަކަށް ނިދިން ހޭލާ ކުރެއްވި ކަމެއް ނޫންކަމަށާއި، ފުރަތަމަ އަހަރު ކުރެއްވި ކަމެއްވެސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދެވަނަ އަހަރު ނިމެންދަނިކޮށް އައި ނިންމުމެއް ކަމަށާއި، މިކަމާ ގުޅޭ ދިރާސާތައް ވެސް ކުރެއްވިކަމަށް ވިދާޅުވިއެވެ.
އެހެންކަމުން އަތޮޅު ކައުންސިލްތައް އުވާލުމަކީ ރައްޔިތުންގެ ބަސް އަހައިގެން، ވަރަށް ދިރާސާކޮށްގެން ގެނައި ހެޔޮ ބަދަލެއްކަމަށް އިބްރާހިމް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: