ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރު އެސް.އެމް.އީ ބޭންކު މެދުވެރިކޮށް 450 މިލިއަން ރުފިޔާގެ ލޯނު ދޫކުރަނީ

ފަންނު އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ... ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިފެށޭ 2020 ވަނަ އަހަރު، އެސް.އެމް.އީ ބޭންކު މެދުވެރިކޮށް 450 މިލިއަން ރުފިޔާގެ ލޯނު ދޫކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ފަންނު އެކްސްޕޯ ހުޅުއްވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އޮނިގަނޑު ހަރުދަނާކޮށް، އެފަދަ ވިޔަފާރިތަކުގެ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިފެށޭ 2020 ވަނަ އަހަރުގެ ތެރޭގައި، އެސް.އެމް.އީ ބޭންކު މެދުވެރިކޮށް 450 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް މިހާރު ބަޖެޓުކޮށްފައިވާކަމަށެވެ. 

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، މި ދޭ އެހީތެރިކަމުގެ ފައިދާ، ރާއްޖޭގެ އިޤްތިޞާދުން ވަރަށް އަވަހަށް ފެންނަން ފަށާނެކަމުގައި ޤަބޫލުކުރައްވާކަމަށާއި  މި އެކްސްޕޯއަކީ ދިވެހިންގެ ފަންނީ ހުނަރުވެރިކަމާއި ކުޅަދާނަ މަސައްކަތްތެރިކަން، ޒަމާނާއެކު ތަރައްޤީވެ ކުރިއަރަމުން އަންނަކަން ސާބިތުކޮށްދޭނެ މައުރަޒެއްކަމުގައި ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ މިފަދަ މައުރަޒުތައް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ މަސައްކަތްތެރިންނަށް ހިތްވަރުދީ، ދިވެހިންގެ ހުނަރުތައް ދިރުވައި އާލާކުރުމަށް، ވާދަވެރި މާޙައުލެއްގެ ތެރެއިން ފުރުޞަތު ފަހިކޮށްދިނުންކަމުގައެވެ. އަދި ޚާއްޞަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިކުރާ މީހުންނަށް، ވިޔަފާރީގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، މުދާ ގަންނަ ފަރާތްތަކާ ގުޅުވައިދިނުމަކީ، މި އެކްސްޕޯގެ މުހިންމު މަޤްޞަދެއްކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގެ ގާތްގަނޑަކަށް 93 އިންސައްތައަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައްކަމުގައި ވީ ނަމަވެސް އެފަދަ ވިޔަފާރިތައް ކުރިއަރުވައި ތަރައްޤީ ކުރުމުގައި ގިނަ ހުރަސްތައް ކުރިމަތިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރެއިން، އެސް.އެމް.އީ ބޭންކެއް ޤާއިމުކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ފެށީ އެފަދަ ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމްކޮށްދިނުމުގެ ބޭނުމުގައިކަމަށާއި މިހާތަނަށް އެބޭންކުން އެކި ފަރާތްތަކަށް 233 މިލިއަން ރުފިޔާ ދިނުމަށް، ނިންމައި، ބައެއް ވިޔަފާރިތަކަށް މިހާރު ފައިސާ ޙަވާލު ކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހުނަރުވެރި ދިވެހި ޒުވާނުންގެ އުފެއްދުންތަކަށް ރަނގަޅު އަގު ހޯދައިދިނުމަކީ ވެސް، މި މަޢުރަޒުގެ މުހިންމު މަޤްޞަދެއްކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ގޭގައި ތިބެގެން ހުނަރުވެރި މަސައްކަތްތައްކުރާ ދިވެހި އަންހެނުންގެ އުފެއްދުންތައް ވިއްކޭނެ މަގު ފަހިވެގެންދިއުމަކީ ފަރުދީ ފުދުންތެރިކަން އިތުރުވެ، ޢާއިލާގެ އުފާވެރިކަންވެސް އިތުރުވެގެންދާނެ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ގިނަ ބަޔަކަށް އުފެއްދުންތައް ދެއްކުމަށްޓަކައި މައުރަޒުގައި އުފެއްދުންތައް ބައިވެރިކުރާ އިރު، ދިވެހި އުފެއްދުންތަކުގެ ފެންވަރު މަތިކުރަން ވިސްނުން ގެންގުޅެން ޖެހޭކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެއީ އުފެއްދުންތަކުގެ އަގުމަތިވުމަށް މުހިންމުކަމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި ”ފަންނު އެކްސްޕޯ 2019“ ގެ މުޅި މައުރަޒުގެ 5 ރަންވަނަ ޙާޞިލުކުރި ފަރާތްތަކަށް ހަނދާނީ ފިލަޔާ އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި މި ރަސްމިއްޔާތުގައި ”ފަންނު އެކްސްޕޯ 2019“ ގެ ލަވަ ސީޑީ ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ވެދުމަށް އަރުވާފައެވެ.

މި ރަސްމިއްޔާތުގައި މައުރަޒުގައި ހަ ދާއިރާއަކުން 1 ވަނަ ޙާޞިލުކުރި ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.

ފަންނު އެކްސްޕޯއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އިންތިޒާމްކުރައްވައިގެން ރެއިން ފެށިގެން މިމަހުގެ 28 ގެ ނިޔަލަށް ދަރުބާރުގެއާއި، ކަލާފާނު ސްކޫލް އަދި ކުޑަކުދިންގެ ބަގީޗާގައި ކުރިޔަށްގެންދާ މައުރަޒެކެވެ.

މި މަޢުރަޒަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގައި ޙިއްޞާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތަކާއި އާ އުފެއްދުންތައް އުފައްދައި ކުރިއަރުވައި އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ، ވަޅުޖެހެމުންދާ ދިވެހި އުފެއްދުންތައް ކުރިއެރުވުމަށް ހިތްވަރުދީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި، އާންމުކޮށް އެންމެންނަށް އެއްތާކުން ދިވެހި އުފެއްދުންތައް ފެންނާނޭ މާހައުލެއް ގާއިމުކޮށްދިނުމަށް ބާއްވާ މަޢުރަޒެކެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: