ރާއްޖޭގައި ގަވައިދާ ހިލާފަށް ބައެއް ބިދޭސީން ލައްވައި މަސައްކަތް ކުރުވައި، އެ މީހުންގެ ނުރުހުމުގައި ހަށިވިއްކުމުގެ ވިޔަފާރި ކުރުވަމުންދާކަން ބައެއް މައްސަލަތަކުގައި ފާހަގަކުރެވިފައިވާކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް ބިދޭސިން މަސައްކަތް ކުރަމުން ގެންދާ މައްސަލަތަކާއި، ކުރާ ވިޔަފާރިތައް ހުއްޓުވުމަށް ހާއްސަ އޮޮޕަރޭޝަނެއް މި މަހުގެ ކުރީކޮޅު ވަނީ ފަށާފަ އެވެ. މި އޮޕަރޭޝަނުގެ ތެރެއިން ދެ ހަފްތާއެއްގެ ތެރޭގައި 80 އަށް ވުރެ ގިނަ މަސާޖު ޕާލާތައް ވަނީ ބަންދުކޮށްފަ އެވެ. އަދި އެ ވިޔަފާރިތަކުގައި ޝާމިލުވެ، އެކަން ކުރަމުން ދިޔަ ގިނަ ބިދޭސީންތަކެއް ހައްޔަރުކޮށް އެ މީހުން ޑީޕޯޓު ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
ބިދޭސީންގެ މައްސަލައިގައި މިހާރު ކުރަމުން ގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އިހުސާން ވިދަޅުވީ މިފަދަ ގާނޫނާ ހިލާފު ވިޔަފާރިތައް ހިންގުމުގައި އިސްކޮށް އުޅެނީ ބިދޭސީން ކަމުގައި ވިޔަސް، ރަސްމީކޮށް މި ވިޔަފާރިތައް ރަޖިސްޓަރީކޮށްފައި ހުންނަނީ ދިވެއްސެއްގެ ނަމުގައި ކަމަށެވެ. މިކަމުގެ ސަބަބުން ގާނޫނީ ފިޔަވަޅު އެޅުމަށް ދަތިތަކެއް ހުރި ނަމަވެސް، އެކަމަށް ވެސް ހައްލެއް ހޯދިފައިވާކަމަށް އިހުސާން ވިދާޅުވި އެވެ.
މިފަދަ މައްސަލަތައް ތަހުގީގުކުރުމުގައި ވަގުތު ނަގަނީ އިހުސާން ވިދާޅުވި ގޮތުގައި، ގާނޫނާ ގަވާއިދާ އެއްގޮތަށް އޭގައި ހިމެނޭ ކޮންމެ މީހެއް، އެއީ ދިވެހިންކަމަށް ވިޔަސް އަދި ބިދޭސީން ނަމަވެސް އެމީހުންނަށް ލިބިދޭންޖެހޭ ހައްގުތައް ލިބިދޭކަން ކަށަވަރުކުރެވޭތީ އެވެ. ގާނޫނުގެ މައްޗަށް ބިދޭސީން ގެނެވޭނެ ފަދަ ހެއްކާއި ގަރީނާ ހޯދައި، އެމީހުންނާ ދޭތެރޭ ފިޔަވަޅު އެޅުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އިހުސާން ވިދާޅުވި އެވެ.
މީގެ އިތުރުން، ބިދޭސީން ލައްވައި ގާނޫނާ ހިލާފު ވިޔަފާރި ކުރުވާ ދިވެހިންނާ ދޭތެރޭވެސް ގާނޫނުގެ ދަށުން ފިޔަވަޅު އަޅަމުންދާކަމަށް އިހުސާން ވިދާޅުވި ވިދާޅުވިއެވެ. މިހާރު ހާއްސަ އިސްކަމެއް ދީގެން، ކުރިޔަށް ގެންދާ އޮޕަރޭޝަންތަކުގެ ތެރޭގައި ގާނޫނާ ހިލާފަށް ހިންގަމުންދާ މަސާޖު ސެންޓަރުތައް ބަންދުކުރުމުގެ އޮޕަރޭޝަންތައްވެސް ކުރިޔަށް ދާކަމަށް އިހުސާން ވިދާޅުވި އެވެ.
މިފަދަ މަސާޖު ސެންޓަރުތަކަކީ ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ހިންގުމަށް ބޭނުންކުރާ ތަންތަންކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި ވިޔަފާރީގައި ތެރޭގައި ބައެއް ބިދޭސީންތައް އެމީހުންގެ ރުހުމުގައި ބައިވެރިވެފައިވާއިރު، އަނެއް ބަޔަކު އެމީހުންގެ ނުރުހުމުގައި ރާއްޖެއަށް ގެނެސް، މިފަދަ މަސައްކަތްތައް ކުރުވާފައިވާކަމަށް ވެސް އިހުސާން ވިދާޅުވިއެވެ. އެހެންވެ އެފަދަ މައްސަލަތައް ދެނެގަނެ، އެއީ އިންސާނީ ވަގުފާރީގެ ގޮތުގައި ބަލައި، ތަހުގީގު ކުރަމުން ގެންދާކަމަށް ވިދާޅުވި އެވެ.

