ސަލްފްޖަމިއްޔާ އުވާލައިފިކަމަށްވާނަމަ ރާއްޖޭގައި ހުރި ކޯޓް މަރުހަލާ އިޚުތިޔާރުކުރާނެކަމަށް ސަލަފުން ބުނެފިއެވެ.
ސަލަފް ޖަމިއްޔާގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވީ ސަލަފްޖަމިއްޔާއިން ރާއްޖޭގައި ހަރުކަށި ފިކުރު އުފައްދާ ކަމަށްބުނެ ދައްކަމުންދަނީ ވަރަށް ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ކަމަށެވެ. އެވާހަކަތަކީ ސަލަފް ފްރޭމްކުރަން ދައްކާ ވާހަކަތަކެއް ކަމަށާ، ބޭނުމަކީ ރާއްޖޭގައި ފެތުރިފައިވާ އިސްލާމީ ވަހުދަތު ނަގާލާ، މިޤައުމަށް ސެކިއުލަރވިސްނުން ގެނައުން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ ސަލަފްއާއި މެދު ދައްކަމުންދާ ވާހަކަތަކަކީ ސިޔާސީ މަޤްސަދެއް ހާސިލްކުރުމަށްކުރަމުންދާކަމެއްކަމަށްވެސް ވިދާޅުވެފައެވެ. އެ ޖަމިއްޔާ އުވާލާފާނެކަމަށް ޤަބޫލު ކުރެވޭތޯ ނޫސްވެރިއަކު ސުވާލުކުމުން އޭނާ ވިދާޅުވީ، ބަޔަކުކޮށްފާނެ ކަމަކާއި މެދު ވަކިއެއްޗެއް ދަންނަވަން އެނގިވަޑައިނުގަންނަވާކަމަށެވެ.
”ވަކި ބަޔަކު ކޮށްފާނެ ކަމަކާއި މެދު އެއްޗެއް ދަންނަވާކަށް ނޭނގެ. ފިޔަވަޅު އަޅައިފިކަމަށް ވާނަމަ، އަޅުގަނޑުމެންވެސް ރާއްޖޭގައި ހުރި ކޯޓްތަކަށް ދާނަން. އެވާހަކަވެސް ދަންނަވާލަން.“
ޑރ.އަފްރާޝިމް މަރާލި ފަރާތްތަކަށް ސަލަފްގެ ބަޔާނަކުން ހިއްވަރު ލިބުނު ކަމަށް ބުނާ ވާހަކައާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން ޝޭހް އަހްމަދު ސަމިރު ވިދާޅުވީ މި މައްސަލައިގައި މަރުގެ ކޮމީޝަނުން ސަލަފްގެ އެއްވެސް ފަރާތަކާއި ސުވާލުވެސް ކޮށްފައި ނުވާކަމަށެވެ. އަދި މައްސަލައެއްގައި ތުހުމަތު ކުރާއިރު އެއްވެސް ސުވާލެއް ކުރިއަށް ނުގޮސް ބޮޑެތި ތުހުމަތުތަކެއް ކުރުމަކީ ކަންބޮޑުވާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށްވެސް މި މައްސަލައިގައި ދާން ސަލަފް ޖަމިއްޔާ އޮތީ ތައްޔާރަށް ކަމަށާ، ސަލަފުން ފޮރުވާނެ އެއްވެސް ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
“ ބަޔާނަކީ އެހެން މައްސަލައެއްގައި ނެރުނު ބަޔާނެއް. މިހާރުވެސް އިލްމީގޮތުން މިތިބީ އެކަމުގެ މަތީގަ. ރައްދު ދިނުން އެއީ މަރާ ގުޅުވާ ކަމެއް ނަމަ، އެއަށްވުރެ މާ ވަރުގަަދަކޮށް ސިޔާސީ މީހުން ރައްދުދިން“
ސަލަފްއަކީ ހަރުކަށި ފިކުރާއި ދެކޮޅަށް މަސައްކަތްކޮށް، ދީނާއި ދުރަށްދާ ފަރާތްތަކަށް ނަސޭހަތް ދިނުމުގެ މަސައްކަތް ވެސް ކުރާ ޖަމިއްޔާއެއް ކަމަށާ، މެދު ނުކެނޑި 13 އަހަރު ދީނީ މައުލޫމާތު ފެތުރުމުގައި ސަލަފްއިން ހަރަކާތްތެރިވެފައިވާކަން އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.

