ޑރ.އަފްރާޝީމް އާއި ދެކޮޅަށް ސަލަފުން ނެރުނުކަމަށް ބުނާ ބަޔާނުގައި މިހާރުގެ ހޯމް މިނިސްޓަރ ޝޭހް އިމްރާން އަބްދުﷲވެސް ސޮއިކުރައްވާފައިވާކަން ހާމަވެއްޖެއެވެ.
ޝޭހް ހަސަން މޫސާ ވިދާޅުވީ، ޑރ.އަފްރާޝީމާއި މެދު ސަލަފުން ނެރުނު ބަޔާނެއްގެ ސަބަބުން އެމަނިކުފާނު އަވަހާރަކޮށްލަން ބާރު ލިބުނު ކަމަށް، މަރުތަކާއި ބެހޭ ކޮމިޝަނުން ބުނާ ކަމަށާ، އެހެންނަމަވެސް ޑރ.އަފްރާޝީމްއާއި ދެކޮޅަށް ސަލަފުން އެއްވެސް ބަޔާނެއް ނެރެފައި ނުވާނެ ކަމަށެވެ. އެއީ ބަޔާނެއް ނޫން ކަމަށާ އެއީ ފަތުވާއެއްކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، އެ ފަތުވާއަކީ ދީނި ގޮތުން ތުނބުޅި ބެހެއްޓުމާއި މެދު ނެރުނު ފަތުވާއެއް ކަމަށާ، އެ ފަތުވާގައި ޝޭހް އިމްރާންވެސް ސޮއިކުރައްވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ސަލަފުން އަންޑަރގްރައުންޑްކޮށް މަސައްކަތްތަކެއްކޮށްފައިވާ ކަމަށް ބުނާއިރު 2008އަކީ ސަލަފުން އެންމެ ގިނަ ދަރުސްތައް ދިން އެއްއަހަރުކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
”ބޭރުގައި ހިނގާ އެއްވެސް ހަނގުރާމައަކާއި ސަލާފާއި ގުޅުމެއް ނެތް. ހަރުކަށި ފިކުރަކީ ސަލަފުން ދެކޮޅު ކަމެއް.“
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ސަލަފްގެ އިތުުރު ބައެއް ޝޭހުންވެސް ވާހަކަދެއްެކެވިއެވެ. އެގޮތުން ޝޭހް އަބްދުއްސަލާމް ބިން ދާޢޫދު ވިދާޅުވީ އެ ޖަމިއްޔާއަށް ކުރާ ތުހުމަތަކީ ޝަރުއީ އެއްވެސް ބުރަދަނެއް ނެތް ވާހަކައެއް ކަމަށެވެ.
”އަޅުގަނޑުމެންނަކީ ރާއްޖޭގައި އިސްލާމްވަންތަކަން ނައްތާލަން ފުރަތަމަ ކަތިލާ ފަރާތް. މިކަން ތަކުރާރުވާނަމަ ދިވެހިން ނޯށުން ރޯން ޖެހޭނެ.“
ޝޭހް އަލީ ޒާހިރު ވެސް ވަނީ ސަލަފާއި މެދު ވަކި ސިޔާސީ މަޤްސަދެއް ހާސިލްކުރަން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރައްވާފައެެވެ. ސަލަފުން މިފަދައިން ބުނާއިރު، މަރުތަކާއި ބެހޭ ކޮމިޝަންގެ ރިޕޯޓްގެ މައްސަލަ މަޖިލީހުގެ ޤައުމީ ސަލާމަތާއި ބެހޭ ކޮމިޓީއިން ވެސް ދަނީ ބަލަމުންނެވެ.
ސަލަފްއަށް ޓެރަރިޒަމްގެ ތުހުމަތުތަކެއް ކުރަމުންދާއިރު ޑރ.އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓްގައި، ސަލަފް ޖަމިއްޔާ އިން ނެރުނު ފަތުވާއެއްގެ ސަބަބުން އަފްރާޝީމް އަވަހާރަކޮށްލަން ހިތްވަރު ލިބުނު ކަމަށް ބުނެފައިވެއެވެ. އެހެން ނަމަވެސް އަފްރާޝީމް އަވަހާރަކޮށްލުމުގައި ސަލަފް ޖަމިއްޔާގެ އެއްވެސް އިލްމުވެރިއެއްގެ އެއްވެސް ބައިވެރިވުމެއް އޮތް ކަމަކަށް ރިޕޯޓްގައި ބުނެފައެއް ނުވެއެވެ. ޑރ.އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަހުގީގު ރިޕޯޓްގެ ޚުލާސާ އިއްވަވަމުން ރައީސް ނަޝީދު ވަނީ ހަރުކަށި ފިކުރުގެ ހަރާކާތްތައް މިހާރުން މިހާރަށް ނުހުއްޓުވިއްޖެނަމަ ރާއްޖެ ހަރާބުގެ މަގަށްދާނެކަމަށާއި، އަފްރާޝީމްގެ ރިޕޯޓަށް އަމަލުކުރުން ކަމާބެހޭ ހުރިހާ އިދާރާތަކުން އަވަސް ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

