ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސާދު ފުޅާކުރެވޭނީ ބޮޑެތި އިންވެސްޓްމެންޓްތަކާއިއެކު ހަރުދަނާ ރޭވުންތެރިކަމެއްގެ ތެރެއިން

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ގައުމެއްގެވެސް އިގްތިސާދީ ދުވެލި ހަލުވިކޮށް، ދެމެހެއްޓެނިވި ތަރައްގީއެއް ހޯދުމަށްޓަކައި ބޭރުގެ އިންވެސްޓްމަންޓްތަކާއި ހަރުދަނާ ރޭވުންތެރިކަމަކީ ކޮންމެހެން ބޭނުންތެރި ކަންކަމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން މިހާރު ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ އިގްތިސާދު އާ އުސްމިންތަކަކަށް ގެންދިއުމަށްޓަކައި ގިނަގުނަ އިސްލާހީ ބަދަލުތަކެއް ގެންނަން ވަނީ ފަށާފައެވެ. މީގެ ތެރޭގައި ބޭރުގެ ބޮޑެތި ކުންފުނިތައް ރާއްޖެއަށް ގެނައުމާއި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އިގްތިސާދު ޑިޖިޓަލްކުރުން ހިމެނެއެވެ.

ރާއްޖޭގެ އިގްތިސާދީ މައިދާނަށް ލިބުނު އެންމެ އުންމީދީ އެއް ޚަބަރަކީ ދުނިޔޭގެ ޓެކްނޮލޮޖީގެ ޒަމާނީ ވަސީލަތެއް ކަމަށްވާ ގޫގުލް ކުންފުނިން ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުގުވެރިކަން ފާޅުކުރުމެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ 2024 ވަނަ އަހަރު އދ.ގެ އާންމު މަޖިލީހުގެ ތެރެއިން ކުރެއްވި މުހިންމު މަޝްވަރާތަކުގެ ނަތީޖާއެވެ. 40 އަހަރު ފަހުން އަލަށް އެކުލަވާލެވުނު ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ސަބަބުން، ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގެ މާހައުލަކީ ރައްކާތެރި އަދި ފައިދާހުރި ތަނެއްގެ ގޮތުގައި މިހާރު ވަނީ ފާހަގަކުރެވިފައެވެ.

ސަރުކާރުގެ ތަސައްވުރެއް ކަމުގައިވާ ”މޯލްޑިވްސް 2.0“ ގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދެނީ އިގްތިސާދު ޑިޖިޓަލްކުރުމަށެވެ. ޕޭޕަލް އަދި ސްވައިޕް ފަދަ ބައިނަލްއަގުވާމީ ފައިސާގެ މުއާމަލާތްކުރާ ނިޒާމުތައް ރާއްޖެއަށް ތައާރަފްކުރުމަކީ ދިވެހި ޒުވާނުންނާއި ފްރީލާންސް މަސައްކަތްތެރިންނަށް ހުޅުވިގެންދާނެ ބޮޑު ދޮރެކެވެ. މީގެ ސަބަބުން ކޮރަޕްޝަން މަދުވެ، ސަރުކާރުގެ ހިންގުން ހަރުދަނާވެ، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އިގްތިސާދީ މަންފާ ރައްޔިތުންނަށް ލިބިގެންދާނެއެވެ.

ޚާއްސަ އިގްތިސާދީ ސަރަހައްދު އެސްއީޒެޑްގެ ގާނޫނަށް ގެނެވުނު ބަދަލުތަކާއެކު، އިންވެސްޓް ކުރެވޭ ދާއިރާތައް 9 އަކުން 19 އަށް ވަނީ އިތުރުކޮށްފައެވެ. މީގެ އިތުރުން ”ޕާލް ވިސާ ޕްރޮގްރާމް“ ފަދަ އާ ހަރަކާތްތަކުގެ ސަބަބުން ދުނިޔޭގެ މުއްސަނދި އިންވެސްޓަރުން ރާއްޖޭގައި ދިގު މުއްދަތަކަށް މަޑުކޮށް، ބޮޑެތި މަޝްރޫއުތައް ހިންގުމަށް މަގުފަހިވާނެއެވެ. މިއީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ބޭރުގެ އިންވެސްޓްމަންޓްތަކަށް ދޮރު ހުޅުވާލާއިރު، ދިވެހި ވިޔަފާރިވެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ސަރުކާރުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ލޮޖިސްޓިކްސް، އަދި ވަކި މިންވަރަކަށް ވުރެ ކުދި ކޮންސްޓްރަކްޝަން މަޝްރޫއުތައް ފަދަ ދާއިރާތައް ވަނީ ހަމައެކަނި ދިވެހިންނަށް ހާއްސަކޮށްފައެވެ. މިއީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރައި، ގައުމުގެ މުއްސަނދިކަން ދިވެހިންގެ އަތްމަތީގައި ހިފެހެއްޓުމަށް އެޅޭ ބާރެކެވެ.

ޖުމްލަގޮތެއްގައި ބަލާއިރު، ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށްޓަކައި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތަކާއެކު ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ދިވެހި ވިޔަފާރިވެރިންނަށް ފުރުސަތު ލިބޭނެ ފަދަ ހަރުދަނާ ރޭވުންތެރިކަމެކެވެ. މި މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގޮސްފިނަމަ، ކުރިއަށް އޮތް އަހަރުތަކަކީ ދިވެހިރާއްޖޭގެ އިގްތިސާދީ ތާރީޚުގައި ރަން އަކުރުން ފަވާލެވޭނެ އަހަރުތަކަކަށް ވެގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: