ޕޯސްޓު އޮފީހުން ދެމުންގެންދާ ހިދުމަތްތައް މިހާރު އަވަސްވާނެ ކަމަށާއި، ކިއު ނަމްބަރު ނަގާތާ 30 މިނެޓުތެރޭގައި ޕެކޭޖް ލިބޭނެކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ބުނެފިއެވެ.
ޕޯސްޓު އޮފީހުން ހިދުމަތްތައް ދިނުމުގައި ލަސްތަކެއް ވާކަމަށް ބުނެ އަބަދުވެސް ސޯޝަލް މީޑިއާގައި، ޝަކުވާ ކުރެއެވެ. ގިނައިރު ކިއުގައި ހުންނަން ޖެހުމާއި، އަދި ކައުންޓަރުތައް މަދުވުމުގެ މައްސަލަތައް ވެސް ދިމާވާކަން ފާޙަގަކޮށްލެވެއެވެ.
ސަންގުޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް ޕޯސްޓުގެ ސީނިއަރ މެނޭޖާރ، ސޭލްސް މަރިޔަމް ފަޒީނާ ވިދާޅުވީ ޕޯސްޓުން އަބަދުވެސް މަސައްކަތް ކުރަނީ ތަނުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްކަމަށެވެ. ޕޯސްޓު އޮފީހަށް ކައުންޓަރުތައް އިތުރުކޮށް ހިދުމަތްތައް އަވަސްކޮށްފައިވާކަން ފާހަގަކުރައްވާ ފަޒީނާ ވިދާޅުވީ ކިއުގައި މަޑުކުރަން ޖެހުމަކީ އާއްމުންގެ އެންމެ ބޮޑު އެއް ޝަކުވާކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ވެސް ބައެއް ފަރާތްތަކުން އެކަން ހިއްސާ ކުރާކަމަށެވެ. އެހެން ނަމަވެސް، ޕޯސްޓުން ކިއު ނަމްބަރެއް ނަގާތާ އެންމެ ގިނަވެގެން 30 މިނެޓު ތެރޭގައި މިހާރު ހިދުމަތް ލިބޭނެ ކަމަށް އޭނާ ބުންޏެވެ.
”30 މިނެޓޭ މިބުނަނީ، މުޅި ޕްރޮސެސްއަށް. ހަގީގަތުގަ އެއަށް ވުރެ އަވަސްވެސް ވާނެ. އެންމެ ގިނަވެގެން ވާނީ 30 މިނެޓު. ކިއު ނަމްބަރު ނަގާ، ކައުންޓަރާއި ހަމައަށް ދިއުމަށްފަހު ދެން އެމީހެއްގެ ޕާރަސަލް ލިބެން ނަގާނީ 2-3 މިނެޓު. އެހެންވީމަ ވަަރަށް ބޮޑު ފަސޭހައެއް ލިބިގެން މިދިޔައީ“ ފަޒީނާ ވިދާޅުވިއެވެ.
ހިދުމަތްތަކާއި ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ސީނިއާ މެނޭޖާރ، މާކެޓިން މުހައްމަދު އަބްދުﷲ ވިދާޅުވީ ޕޯސްޓުގެ ހިދުމަތް ދިނުމަށް މީގެ ކުރިން ހުންނަ ކައުންޓަރުތައް މަދުވާނެ ކަމަށެވެ. އަދި ހިދުމަތް ދިނުމުގައި ލަސްވާ އެންމެ ބޮޑު އެއް ސަބަބަކީ އެއީކަން އޭނާ ފަހަގަކުރިއެވެ. އެހެން ނަމަވެސް، ޕޯސްޓު އޮފީހުގެ ކައުންޓަރުތައް އިތުރު ކުރުމާއި އެކު ހިދުމަތް ދޭ މުވައްޒަފުންވެސް އިތުރުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
”މިހާރު ހުންނާނީ ކައުންޓަރުތައް ވެސް އިތުރުކޮށްފައި. އަދި އިތުރު މުވައްޒަފުންވެސް ނަގައިފިން. މީގެ ކުރިން ބައެއް މީހުން އެބަތިބޭ 2 ގަޑިއިރު ވަންދެންވެސް އެހެން ކިއުގަ. ދެން، ހިދުމަތް އަވަސްވީކަމަށް ބުނުމުން ހީވެދާނެ ދޫކުރާ ކިއު ނަމްބަރު މަދު ކުރީއޭ. މީގެ ކުރިންވެސް ދޫކުރަމުން އައި ވަރަށް ކިއު ނަމްބަރު ހަމަ ދޫކުރަމުން ގެންދާނީ. އަދި މީގެ ކުރިންވެސް ހަމަ، ޕޯސްޓުން ތަކެތި ގެންނަ ވަރަށް ގެނޭ. ހަމަ 1500 ޓޯކެން ކިއު ނަމްބަރު ދޫކުރާނަން ކޮންމެ ދުވަހަކުވެސް“ މުހައްމަދު އަބްދުﷲ ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް ޕޯސްޓުގެ ހިދުމަތް ދެމުން އަންނަ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ”އީ-ޓުކުރި“ ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް ވެސް މި އަހަރު ވަނީ ތައާރަފްކޮށްފައެވެ. އީ-ޓުކުރިއަކީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ވިއްކާ މުދާ އިޝްތިހާރުކުރެވޭނެހެން ތައްޔާރުކޮށްފައިވާ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމަކީ ތިން ހިދުމަތަކަށް ބަހާލާފައިވާ ޕްލެޓްފޯމެކެވެ. އޭގެ ތެރޭގައި އީ-ޓުކުރި ފިހާރަ އާއި ވެސެލް މެނޭޖްމަންޓް ސިސްޓަމް (ވީއެމްއެސް) އަދި ޕޯސްޓަލް ޑެލިވަރީ ނެޓްވޯކު ހިމެނެ އެވެ.
ޕޯސްޓް އޮފީހުން ވަނީ 24 ގަޑިއިރު ތަކެތި ދޫކުރާ ހިދުމަތް ”ޕިކް ޕޯސްޓް“ 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. މިހިދުމަތް މާލެއާއި، ހުޅުމާލޭގެ އިތުރުން ރަށްރަށުގައިވެސް ދަނީ ފޯރުކޮށްދެމުންނެވެ.
ދުވާލެއްގެ މައްޗަށް އެތައް ހާސް ޕެކޭޖްތަކެއް ޕޯސްޓު އޮފީހަށް ލިބޭއިރު އަދި އެތަކެތި ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދިނުމަށް މޯލްޑިވްސް ޕޯސްޓުން އަންނަނީ ޒަމާނީ ބަދަލުތައް ގެނެސް، އަވަހަށް ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ޑެލިވަރީ ނިޒާމު ފުރިހަމަ ކުރުމުގެ ގޮތުން ކައުންޓަރ ޑެލިވަރީ ނިޒާމެއް ވަނީ ޤާއިމުކޮށްފައެވެ. އަދި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޕެކޭޖް ރައްދުކުރުމަށްޓަކައި އެސް.އެމް.އެސް ނޮޓިފިކޭޝަން ނިޒާމަކާއި، އޮންލައިން ކިއު މެނެޖްމަންޓް ސިސްޓަމެއްވެސް ވަނީ ގާއިމްކޮށްފައެވެ.

