ރަސްފަންނު ސަރަހައްދުގައި އަލަށް ހުޅުވި އާބަން ހެލްތު ކެއާ ސެންޓަރުގައި ކުޑަކުދިންނަށް ޚާއްސަ ”ޗައިލްޑް ހެލްތު ކްލިނިކް“ގެ ޚިދުމަތްތައް މިއަދު ފަށާނެ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފިއެވެ.
އައިޖީއެމްއެޗުން އެކްސްގައި އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މި ކްލިނިކުން ކުޑަކުދިންނަށް ވިޓަމިން އޭ ދިނުމާއި، ފަނީބެސް ދިނުމާއި، ކުޑަކުދިންގެ ހެދިބޮޑުވުން މޮނިޓާ ކުރުމުގެ އިތުރުން ތުއްތު ކުދިންނަށް ގާތުން ކިރު ދިނުން ފަދަ މުހިންމު ޚިދުމަތްތައް ލިބިގެންދާނެއެވެ. މި ޚިދުމަތްތައް ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 އިން 12:00 އަށް އަދި މެންދުރު 13:00 އިން 15:30 އަށް ލިބޭނެއެވެ. އަދި ހޮނިހިރު ދުވަސްތަކުގައި ހެނދުނު 10:00 އިން މެންދުރު 14:00 އަށް ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، މި ގަޑިތަކުގައި ކުޑަކުދިންނަށް ވެކްސިން ދިނުމުގެ ޚިދުމަތް ވެސް ކުރިއަށްދާނެއެވެ. ނަމަވެސް، ވެކްސިން ޖެހުމުގެ ޚިދުމަތް ދޭނީ އެޕޮއިންޓްމަންޓް އުސޫލުން ކަމަށް އައިޖީއެމްއެޗުން މައުލޫމާތުދެއެވެ. މި ސެންޓަރުގެ ޚިދުމަތްތައް ބަހާލެވިފައިވަނީ އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި، އިތުރު ފަރުވާ ބޭނުންވާ ހާލަތްތަކުގައި ޚާއްޞަ ޑޮކްޓަރުންގެ ލަފާ ހޯދުމުގެ އިންތިޒާމުތައް ހިމެނޭ ގޮތަށެވެ.
ބަލިތަކުން ދިފާޢުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޞިއްޙީ ސިޔާސަތުގެ މުހިންމު ބަހާއަކަށް ވާއިރު، މިފަދަ އިތުރު 5 ސެންޓަރު މާލެ ސަރަޙައްދުގައި ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން މާލޭގައި 3 ސެންޓަރު އަދި ހުޅުމާލޭގައި 2 ސެންޓަރު ތަރައްޤީކުރުމަށް ވަނީ ރޭވިފައެވެ.
ރަސްފަންނު ސަރަހައްދުގައި ޤާއިމްކުރި މި ޖެނެރަލް ޕްރެކްޓިސް ކްލިނިކަކީ މިދިޔަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވި މަރުކަޒެކެވެ.

