އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، ”ރަށުގެ ކުރިމަގު“ގެ ނަމުގައި ޓިކްޓޮކް މުބާރާތެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އިފްތިތާހުކޮށްފިއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.
މި މުބާރާތުގެ މައިގަނޑު މަޤްސަދަކީ 2026 ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމެވެ. މީގެ އިތުރުން، އިންތިޚާބީ މަރުހަލާތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި، އިންތިޚާބާ ގުޅިގެން މުޖުތަމައުގައި ހިނގާ ނޭދެވޭ އަމަލުތައް މަދުކުރުމަށް ފަރުދީ ޒިންމާ އަދާކުރުމަށް ހިތްވަރުދިނުން މި މުބާރާތުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
ބައިވެރިވުމުގެ ޝަރުތުތަކާއި ސުންގަޑި
މި މުބާރާތުގައި ބައިވެރިވެވޭނީ 18 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށެވެ. ނަމަވެސް އިންތިޚާބުގައި މަސައްކަތްކުރާ އޮފިޝަލުންނަށް މި މުބާރާތުގައި ބައިވެރިއެއް ނުވެވޭނެއެވެ. ބައިވެރިންނަށް އަމިއްލަ ގޮތުން ނުވަތަ ޓީމެއްގެ ގޮތުގައި ވެސް ބައިވެރިވުމުގެ ފުރުސަތު އޮތްއިރު، ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން އޮންލައިންކޮށް ރަޖިސްޓްރީވާން ޖެހެއެވެ.
ވީޑިއޯ ތައްޔާރުކުރަންޖެހޭ މައުޟޫއުތައް
މުބާރާތުގެ ބައިވެރިންނަށް ތިރީގައިވާ ހަތަރު މައުޟޫއުގެ ތެރެއިން ކޮންމެ މައުޟޫއަކަށް ވެސް ވީޑިއޯ ތައްޔާރުކުރެވިދާނެއެވެ:
- ވޯޓުލުމަށް ބޭނުންކުރާ ރަސްމީ ލިޔުންތައް
- ލޯކަލް ކައުންސިލް އަދި އަންހެނުންގެ ކޮމިޓީ އިންތިޚާބުގައި ވޯޓުލުމުގެ މުހިންމުކަން
- އިންތިޚާބެއްގެ ތެރޭ ކޮށްގެން ނުވާނެ ކަންކަން
- މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ މުހިންމުކަން
އީސީން ބުނިގޮތުގައި ވީޑިއޯތަކުގެ ދިގުމިން ހުންނަންވާނީ 30 ސިކުންތާއި ދޮޅު މިނެޓާ ދެމެދުގައެވެ. އަދި ވީޑިއޯތައް ތައްޔާރުކުރަންވާނީ ސިޔާސީ ވަކި ފަރާތަކަށް ބުރަނުވާނެ ގޮތަށެވެ. ތައްޔާރުކުރާ ވީޑިއޯތައް 2026 ޖެނުއަރީ 10 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ކޮމިޝަނަށް ފޮނުވަންޖެހޭނެއެވެ.
ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ދޭ އިނާމު
މި މުބާރާތުން ހޮވޭ އެންމެ މޮޅު ތިން ވީޑިއޯއަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 5،000 ރުފިޔާ، ދެވަނައަށް 3،000 ރުފިޔާ އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް 2،000 ރުފިޔާ ދިނުމަށް އީސީން ވަނީ ނިންމާފައެވެ.

