ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކަށް ވައިޓްއެލަރޓް ނެރެފިއެވެ.
ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ (މެޓް) އިންވަނީ، ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ދެމެދުގެ ސަރަޙައްދަށް ވައިޓް އެލަރޓް ނެރެފައެވެ. އެއީ މިއަދު ހެނދުނު 8:15 އިން ފަށައިގެން މެންދުރު 12:00 އާއި ހަމައަށެވެ. އަދި ހއ.އަތޮޅުން މ.އަތޮޅަށް ވެސް އެ އިދާރައިން ވަނީ ވައިޓް އެލަރތްނެރެފައެވެ. އެ އެލަރޓް ނެރުނީ 11:30އިން 15:30ގެ ނިޔަލަށެވެ.
އެ އިދާރާއިން ވަނީ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގުގުރުމާއިއެކު ވިއްސާރަކުރާނެ ކަމަށާ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ލަފާކޮށްފައެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރުފޯރާނެކަމަށް ލަފާކޮށްފައިވާއިރު، އިރުއުތުރާއި އިރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15މޭލާ ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށް އެ އިދާރައިން ބުނެއެވެ. ވިލާގަނޑުގައި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ. މީގެ އިތުރުން ކަނޑުުތައް ދެކުނުގައި އާދައިގެ ވަރަކަށް މަޑުވާނެ، އެހެން ހިސާބުތަކުގައި އާދައިގެވަރަކަށް ގަދަވާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

