ކޮމަންވެލްތްގައި އަލުން ބައިވެރިވުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ކޮމަންވެލްތުގައި ދިވެހިރާއްޖެއިން އަލުން ބައިވެރިވުމަށް ދިވެހި ސަރުކާރުން ނިންމަވާފައިވަނީ 2018ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 19ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ މަޝަވަރާގެ މަތީންނެވެ.
މިވެިރކަން ފެށުނުތާ، ދެ ދުވަހުގެ ތެރޭގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ދިވެހިރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމާ މެދު ގޮތެއް ނިންމެވުމަށްޓަކައި ކުރެވުނު މަޝްވަރާގައި، ކޮމަންވެލްތުގައި ރާއްޖެ އޮތުމުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް، ޚާއްޞަކޮށް ޒުވާނުންނަށް އެކި ދާއިރާތަކުން ފަހިވާ ފުރުސަތުތައް ވަޒީރުންގެ މަޖިލީހުގެ މެންބަރުން ފާހަގަ ކުރައްވާފައިވއެވެ. މީގެއިތުރުން ތަޢުލީމީ ދާއިރާއިން ލިބޭ ސްކޮލަޝިޕް ފުރުސަތުތަކާއި، ބައިނަލްއަޤްވާމީ ކުޅިވަރުގެ މައިދާނުގައި ދިވެހި އެތުލީޓުންނަށް ލިބޭ ފުރުސަތުތައްވެސް އިތުރަށް ފަހިވެގެންދާނެކަމަށް ވަނީ ފާހަގަކުރައްވާފައެވެ.
ހަމައެހެންމެ ބަވަނަ ވެފައިވާ މިއަދުގެ ދުނިޔޭގައި، ހުރިހާ ދާއިރާއަކުންވެސް އެހެން ޤައުމުތަކާ އެއް ހަމައެއްގައި ދިވެހިރާއްޖެއިން ފައިތިލަ ސާބިތު ކުރުމުގައި ކޮމަންވެލްތު ގެ މެންބަރެއްގެ ގޮތުގައި އޮތުމުގެ މުހިންމުކަން ވަޒީރުން ފާހަގަ ކުރެއްވިއެވެ. މިގޮތުން ޑިމޮކްރެސީ ނެގެހެއްޓުމާއި، އިންސާނީ ޙައްޤުތަކާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރު ކުރުމުގައި ކޮމަންވެލްތުގެ ދައުރު ވަޒީރުން ފާހަގަ ކުރެއްވިއެވެ. މީގެއިތުރުން ތިމާވެށީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއެކު ދެމެހެއްޓެނިވި ތަރައްޤީއަށް ރާއްޖެއިން ކުރާ މަސައްކަތުގައި ކޮމަންވެލްތްގައި ބައިވެރިވުމުން ލިބިގެންދާނެ ފައިދާތައް ގިނަ ކަމަށް މެމްބަރުން އެއްބަސްވިއެވެ.
އެގޮތުގެ މަތިން، ދިވެހިރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމަށް ވަޒީރުންގެ މަޖިލިހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދެއްވާފައިވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (މ) ގެ ދަށުން، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ކަނޑައަޅައި ހިންގުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން، ދިވެހިރާއްޖެ ކޮމަންވެލްތާ އަލުން ގުޅުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
ބޮޑު އަގުލަބިއްޔަތަކުން ކޮމަންވެލްތުގައި ބައިވެރިވުމަށް ފާސްކޮށްފއިވަނީ 05 ޑިސެމްބަރު 2018އިގައެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުން ކޮމަންވެލްތުގައި ބައިވެރިވުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 62 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
ކޮމަންވެލްތްގެ މެމްބަރުކަން ރާއްޖެއަށް ދިނުމާއި މެދު ގޮތެއް ނިންމުން އަންނަ އަހަރު ނިންމަވާނެ ކަމަށް ފޮރިންމިނިސްޓްރީއިން ވިދާޅުިުވެއެވެ.
ފޮރިންމިނިސްޓްރީގެ ސެކްރެޓްރީ، މަލްޓިލެޓްރަލް ޑރ.އަލީ ނަސީރު (އަލިނީ) ވިދާޅުވީ، ކޮމަންވެލްތުން ގޮތެއް ނިންމަނީ އަބަދުވެސް އިސްވެރިންގެ ޖަލްސާގައި ކަމަށާ، ދެން އެންމެ އަވަހަށް ކޮމަންވެލްތްގެ އިސްވެރިންގެ ޖަލްސާއެއް އޮތީ، އަންނަ އަހަރު މެދު ތެރޭގައި ރުވަންޑާގައި ކަމަށެވެ. އެހެންކަމުން ރުވަންޑާގެ ބާބާ ޗޯކަމް ސަމިޓްގައި ރާއްޖެގެ މެމްބަރުކަމާއި މެދު ގޮތެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމަންވެލްތުން ދިވެހިރާއްޖެ ވަކިވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ދިވެހިރާއްޖޭ އިސްލާހު ކުރުމަށް ހުށަހެޅި ކަންތައްތައް ބަލައިނުގަނެ އެކަމާއި ދެކޮޅު ހެދުމުގެ ގޮތުންނެވެ. އަލުން ކޮމަންވެލްތާއި ގުޅޭން ނިންމުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ. ކޮމަންވެލްތުން ދިވެހިރާއްޖޭގެ ކުޅިވަރާއި ތައުލީމީ ނިޒާމު ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދީފައިވެއެވެ.
ކޮމަންވެލްތްގެ މެމްބަރުކަން ރާއްޖެއަށް އަނބުރާ ދިނުމަށް ބަންގްލަދޭޝް، ކެނެޑާ، އިންޑިއާ، ރުވާންޑާ އަދި ޕާކިސްތާނުންވެސް ރާއްޖެއަށް މެމްބަރޝިޕް ދިނުން އަވަސްކުރުމަށް ކޮމަންވެލްތު ސެކްރެޓޭރިއޭޓަށް ގޮވާލި އެވެ. އެ ޤައުމުތަކުން މިކަމަށް ގޮވާލީ މިހާރު އިނގިރޭސިވިލާތުގެ ލަންޑަންގައި ކުރިއަށްދާ ކޮމަންވެލްތު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ 19 ވަނަ ބައްދަލުވުމުގައެވެ. މީގެ އިތުރުން، އޮސްޓްރޭލިއާ އެމްބެސެޑަރވަނީ މާލޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް ރާއްޖެއަށް ކޮމަންވެލްތުގެ މެމްބަރުކަން އަވަހަށް ލިބުމަށް އޮސްޓްރޭލިއާއިން ބޭނުންވާކަމަށްވެސް ބުނެފައިވއެވެ.
ދިވެހިރާއްޖެ އެންމެ ފުރަތަމަ ކޮމަންވެލްތާއި ގުޅީ 9 ޖުލައި 1982 ގައެވެ. ދިވެހިރާއްޖެ ފުރަތަމަ ފަހަރަށް ކޮމަންވެލްތުން ވަކިވީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު 13 ވަނަ ދުވަހުއެވެ. އަލުން ގުޅެން ނިންމާފައިވަނީ 19 ނޮވެންބަރު 2018 ގައެވެ.

