2025 ވަނަ އަހަރުގެ ތެރޭގައި، އެންޓި ސްކޭމު ސެންޓަރަށް ހުށަހެޅުނު މައްސަލަތަކުގައި ގެއްލުނު ފައިސާގެ ތެރެއިން، 8.5 މިލިއަން ރުފިޔާ ރިކަވަރ ކުރެވިފައިވާ ކަމަށް ދިވެހި ފުލުހުންގެ އިދާރާއިން ހާމަކޮށްފިއެވެ.
މި މަޢުލޫމާތު ހާމަކޮށްފައި ވަނީ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރާއި ސައިބަރ ކްރައިމް ސެންޓަރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އިންސްޕެކްޓަރ އޮފް ޕޮލިސް ޝާމް މުހައްމަދު ވިދާޅުވީ، 2025 މާޗް 17 ވަނަ ދުވަހުން ފެށިގެން، ފުލުހުންގެ އިދާރާއިން މަރުކަޒީކޮށް، ސްކޭމުގެ މައްސަލަތައް ތަހުގީގުކުރަން ފެށުމަށްފަހު، އެންޓި ސްކޭމު ސެންޓަރަށް މިހާތަނަށް ލިބުނު ފޯނު ކޯލުތަކުގެ 75 އިންސައްތަ ފޯނު ކޯލުތަކަށް ޖަވާބު ދެވިފައިވާ ކަމަށެވެ. އެއީ، މި މުައްދަތުގެ ތެރޭގައި، ޖުމްލަ 4496 ކޯލު ފުލުހުންނަށް ލިބުނުއިރު، އޭގެ ތެރެއިން، 4421 ކޯލުތަކަށް ވަނީ ޖަވާބު ދެވިފައި ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، 75 ކޯލުތަކަށް ޖަވާބު ނުދެވި، ދޫކޮށްލެވިފައިވާ ކަމަށް ފުލުހުން ބުނިއެވެ.
މީގެއިތުރުން، ފުލުހުންގެ އެންޓި ސެކޭމު ސެންޓަރަށް ލިބުނު ހުރިހާ ކޯލުތަކުގެ ޖުމްލަ ދިގުމިން ނުވަތަ ޑިއުރޭޝަނަކީ، 168 ގަޑިއިރާއި، 13 މިނެޓު އަދި 17 ސިކުންތެވެ. އަދި، (ރެސްޕޮންސް ސްޓެޓްސް) އަދި އެ ފޯން ކޯލުތަކުގެ އެވަރެޖް ދިގުމިން ނުވަތަ ޑިއުރޭޝަނަކީ، 2 މިނެޓާއި 17 ސިކުންތެވެ.
މީގެއިތުރުން، މި މުއްދަތުގެ ތެރޭގައި، ފުލުހުންގެ އެންޓި ސެކޭމު ސެންޓަރަށް، 1663 މައްސަލައެއް ހުށަހެޅުނުއިރު، 539 ފަރާތުން ހުށަހެޅި މައްސަލައިގަ ގެއްލުނު ފައިސާ އެއްކޮށް އަނބުރާ ހޯދިފައިވާ ކަމަށް ފުލުހުން ބުނިއެވެ.
ހަމައެއާއިއެކު، 143 ފަރާތަކުން، ފުލުހުންގެ އެންޓި ސްކޭމު ސެންޓަރަށް ހުށަހެޅި މައްސަލައިގައި، ގެއްލުނު ފައިސާގެ ބައެއް ހޯދިފައިވާ ކަމަށް ފުލުހުން ބުނިއެވެ.
ފުލުހުން ބުނިގޮތުގައި، ފުލުހުންގެ އެންޓި ސްކޭމު ސެންޓަރަށް ހުށަހެޅުނު ޖުމްލަ މައްސަލަތަކުގެ ތެރެއިން، ގެއްލުނު ފައިސާގެ 37 އިންސައްތަ ރިކަވަރ ކުރެވިފައިވާ ކަމަށެވެ. އެއީ، ޖުމްލަ ގެއްލުނު ފައިސާގެ އަދަދު، 22.7 މިލިއަން ރުފިޔާގެ ތެރެެއިން، 8.5 މިލިއަން ރުފިޔާއެވެ.

