އެމްޑީޕީގެ ލީޑާޝިޕް އައްޔަންކުރުމަށް، އިއްޔެ ކުރިއަށް ގެންދިޔަ އިންތިޚާބުގައި މެމްބަރުން ދައްކުވައިދިނީ ޑިމޮކްރެސީގެ ރީތި މިސާލެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ހަސަންލަތީފް ކުރެއްވި ޓްވީޓެއްގައި އެ އިންތިޚާބުގައި ޕާޓީގެ މެމްބަރުން ދައްކުވައިދެއްވީ ވާދަވެރިކަމާއެކު އޮމާން އިންތިޚާބެއް ހިނދާ އުސޫލު ކަމަށާއި، އެއީ ޑިމޮކްރެސީގެ ރީތި މިސާލު ކަމަށް ވިދާޅުވެފައިވެއެވެ.
ހަސަން ލަތީފް ވަނީ ހުކުރު ދުވަހު ކުރިޔަށްދިޔަ އިންތިޚާބުގައި އެމްޑީޕީގެ ރައީސް ކަމަށް ވާދަކުރެއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ނައިބު ރައީސް ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރާއި ވާދަކޮށް ކުރި ހޯއްދެވި، ރައީސް އޮފީހުގެ މިނިސްޓަރ މުޙައްމަދު ޝިފާޒަށް މަރުޙަބާ ދަންނަވާފައެވެ.
https://twitter.com/HassanLatheef/status/1198136792181964801
އިއްޔެގެ އިންތިޚާބު އޮމާންކަމާއެކު ހިނގައިދިޔަ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ވިދާޅުވެފައިވާއިރު، އެ އިންތިޚާބާއި މެދު ޕާޓީގެ ބައެއް މެމްބަރުންނާއި ކެމްޕޭން މެނޭޖަރުން ވަނީ ސުވާލު އުފައްދާފައެވެ. އެގޮތުން އިންތިޚާބު އޮޅުވާލުމުގެ އަމަލުތައް ހިންގާފައިވާ ކަމުގެ ތުހުމަތު ބައެއް ފަރާތްތަކުންވަނީކޮށްފައެވެ.
އިއްޔެ ކުރިޔަށްދިޔަ އެމްޑީޕީގެ އިންތިޚާބުގައި ވޯޓުލީ ނިސްބަތް އާދަޔާއި ޚިލާފަށް މަދުކަން ފާހަގަކޮށްލެވެއެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި، އެ ޕާޓީގައި ރަޖިސްޓްރީކޮށްފައިވާ 87،439 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވެއެވެ. އޭގެެތެރެއިން މި އިންތިޚާބުގައި ވޯޓުލާފައި ވަނީ އެންމެ 23،584 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ 26.97 އިންސައްތައެވެ. އެހެންނަމަވެސް މި އިންތިޚާބުގައި 80 އިންސައްތަ މީހުން ވޯޓުލާނެ ކަމަށް އިންތިޚާބުގެ ކުރީން، އެމްޑީޕީން ލަފާކުރިއެވެ.

