ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން މިއަދު 27,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދޭނެކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
އެމްއޭސީއެލް ބުނި ގޮތުގައި މިއީ މި އަހަރުގެ ތެރޭގައި އެންމެ ގިނަ ފަސިންޖަރުންނަށް އެއް ދުވަހެއްގައި ހިދުމަތް ދޭނެ ދެވަނަ ދުވަހެވެ.
އެގޮތުން އެއީ ވީއައިއޭގެ އިންޓަނޭޝަނަލް ޓާމިނަލުން މިއަދު 22,142 ފަސިންޖަރުންނަށް ހިދުމަތް ދޭނެއެވެ. އެއީ ރާއްޖެއިން ފުރާ 11,035 ފަސިންޖަރުންނާއި ރާއްޖެ އަންނަ 11,107 ފަސިންޖަރުންނެވެ.
މީގެއިތުރުން ޑޮމެސްޓިކް ޓާމިނަލުން މިއަދު ޖުމުލަ 4,843 ފަސިންޖަރުންނަށް ހިދުމަތް ދޭނެއެވެ. އެއީ މާލެއިން ފުރާ 2,652 ފަސިންޖަރުންނާއި މާލެ އަންނަ 2,191 ފަސިންޖަރުންނެވެ.
އެމްއޭސީއެލް ބުނީ މިއަދު 239 އެއާ ޓްރެފިކް މޫވްމަންޓްސް ރެކޯޑް ކުރެވޭނެ ކަމަށެވެ.
އެމްއޭސީއެލް ބުނި ގޮތުގައި މިއީ އެއާޕޯޓުގެ ތާރީހުގައި ވެސް އެންމެ ބާރު ބޮޑު އެއް ދުވަހެވެ. އަދި ކިއުތަކުގައި ފަސިންޖަރުން ތިބެންޖެހޭ ވަގުތު އިތުރުވުން ކުޑަކޮށް, ހިދުމަތް އަވަސް ކުރުމަށްވެސް ޕްލޭންތައް ރާވައިގެން ކުރިއަށް ގެންދާނެކަމަށް ވަނީ ބުނެފަ އެވެ.

